ވިޔަފާރި

އަލިބާބާގެ ސިންގަލްސް ޑޭ ސޭލްސް އިން 30 ބިލިއަން ޑޮލަރުގެ ވިޔަފާރި

އަލިބާބާއިން ސިންގަލްސް ޑޭ ސޭލެއް ބޭއްވުމަށް ފަހު އޮންލައިން ރީޓެއިލް ބްލިޓްޒް އިން އާ ރިކޯޑެއް ހޯދައިފިއެވެ.

ޗައިނާގެ އެންމެ ބޮޑު އީ ކޮމާސް ކުންފުނި ކަމަށްވާ އަލިބާބާ އިން ބުނި ގޮތުގައި އާދިއްތަ ދުވަހުގެ އެޅުވި ސޭލް 24 ގަޑި އިރުގެ ތެރެގައި 30 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. މިދިޔަ އަހަރު އެޅުވި ސޭލުގައި އަރާފައިވަނީ 24 ބިލިއަން ޑޮލަރަށެވެ.

އަލީބާބާ އަކީ އާންމު ގޮތެއްގައި ހާއްސަ ދުވަސްތަކާ ދިމާކޮށް ސޭލް އަޅުވާ ޒުވާނުންގެ މެދުފައި މަގުބޫލު އޮންލައިން ސްޓޯރެކެވެ. މިފަހަރުގެ ސިންގަލްސް ޑޭ އައީ އަލިބާބާއަށް ގިނަ ގޮންޖެހުން ތަކެއް ދިމާވެފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި ޗައިނާގެ އިކޮނޮމީ ދަށްވުމާއި، އީ ކޮމާސް އިންޑަސްޓްރީ އަށް ގިނަ ބަޔަކު ވަދެ ކޮމްޕެޓިޝަން ބޮޑުވުމާއި އެމެރިކާގެ ޓްރޭޑް ވޯ ހިމެނެއެވެ.

ސިންގަލްސް ޑޭ އަކީ ޗައިނާގައި އެކަނިވެރިންނަށް ހާއްސަކޮށްގެން ނުރަސްމީކޮށް ފާހަގަ ކުރާ ދުވަހެކެވެ. މިދުވަސް ފާހަގަ ކުރަނީ ކޮންމެ ނޮވެމްބަރު މަހެއްގެ 11 ވަނަ ދުވަހުއެވެ.

2009 ވަނަ އަހަރުން ފެށިގެން އަލިބާބާއިން ގެންދަނީ ސިންގަލްސް ޑޭ އާ ދިމާކޮށް 24 ގަޑިއިރަށް އެ ވެބްސައިޓްގައި ސިންގަލްސް ޑޭ ސޭލެއް އަޅުވަމުންނެވެ.

މިއަހަރު ސިންގަލްސް ޑޭ ސޭލުގައި އެންމެ ގިނައިން ވިޔަފާރި ކޮށްފައިވަނީ ޖަޕާން އެމެރިކާ އަދި ސައުތް ކޮރެއާ އިންނެވެ.