އަންނަ އަހަރު އީދުގައި ސަލްމާން ޚާންގެ ރިލީސްވާނެ ފިލްމަކީ ރާދޭ ކަން މީގެ ކުރިން އަޑުފެތުރިފައިވާއިރު ސަލްމާން މިވަނީ މީގެ ދެދުވަސް ކުރިން ޓުވީޓަކުން އެކަން ކަށަވަރުވެސް ކޮށްދީފައެވެ.
ފިލްމުގެ ލީޑް ބަތަލާ އަކީ ކާކުކަން އަދި ހާމަކޮށްފައި ނުވާއިރު ބަތަލާ އަކީ ދިޝާ ޕަޓަނީ ކަމަށް ވެސް އަޑުވަނީ ފެތުރެންފަށައިފައެވެ.
ނަމަވެސް ފަހުގެ ރިޕޯޓްތައްބުނާ ގޮތުގައި ފިލްމު ރާދޭ އިން ދިޝާ ފެނިގެންދާނި ހާއްސަ އެންމެ ލަވަޔަކުންނެވެ. އެ ލަވަޔަށް ދިޝާ ތައްޔާރުވަމުން ދަނީ އޭނާ ރައްޓެހިވެގެން އުޅޭކަމަށް އަޑުއަރާފައިވާ ބަތަލު ޓައިގާ ޝްރޮފްގެ އެހީގައެވެ. އެގޮތުން ނަށަން ދަސްކުރަމުން ދަނީ ޓައިގާއާއެކު އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ދިޝާ ބޭނުންވަނީ ފިލްމު ރާދޭގެ ކޮރިއޯގްރަފާ އަދި ޑިރެކްޓަރު ޕްރަބޫދޭވާ އޭނާ ދެކެ ފަހުރުވެރިވާވަރަށް ލަވައިގެ ކްރިއޯގްރަފީ ދަސްކުރުމަށެވެ.
ރާދޭގެ ޝޫޓިން މުމްބާއީގައި އަންނަ މަހު ފެށޭނެކަމަށް ވެއެވެ. މި ފިލްމް ސަލްމާން އަދި ޕްރަބޫދޭވާ އެކީގައި ނެރޭ ތިން ވަނަ ފިލްމަށް ވެގެންދާނެއެވެ. ކުރިން ނެރެފައިވާ ދެ ފިލްމަކީ ވޯންޓަޑް އަދި މިހާރު ދެމީހުން އެކުގައި މަސައްކަތް ކުރާ ފިލްމު ދަބަންގް ތިނެކެވެ.
ރާދޭ އަކީ "ދަ އައުޓްލޯސް" ކިޔާ ކޮރެއަން ފިލްމެއްގެ ރީމޭކެކެވެ. އެއީ 2017 ގައި ރިލީސްކުރި ފިލްމެކެވެ.