މަގްބޫލު ހޮލީވުޑް ކާޓޫން ފިލްމު ކަމަށްވާ ފްރޯޒެންގެ ދެވަނަ ބައިގެ ހިންދީ ވާޝަންއަށް އަޑު ޑަބްކުރަން ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އަދި ޕަރިނިތީ ޗޯޕްރާއަށް ލިބިއްޖެއެވެ.
ފިލްމުގައި ޕްރިޔަންކާ އަޑު އަޅަނީ އެލްސާގެ ރޯލަށެވެ. އަދި ޕަރިނީތީ އަޑު އަޅަނީ އާނާގެ ރޯލަށެވެ.
ފިލްމާ ގުޅޭ ގޮތުން ޕްރިޔަންކާ ބުނި ގޮތުގައި ޕަރިނީތީ އާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުމުން އުފާވާކަމަށެވެ. މީގެ ކުރިން ދެމީހުން އެކުގައި ފިލްމެއްގެ މަސައްކަތް ކޮށްފައިނުވި ނަމަވެސް ފްރޯޒަން ވެގެންދާނީ އެކުގައި މަސައްކަތް ކުރަން ލިބުނު އެންމެ ބޮޑު ފުރުސަތުގެ ގޮތުގައި ދެކޭކަމަށްވެސް ޕްރިޔަންކާ ބުނިއެވެ.
ޕަރިނީތީ ބުނި ގޮތުގައި ޑިޒްނީ ޕްރިންސަސްއަކަށް ވުމަށް ކޮންމެހެން އެކްޓްރެސް އަކަށް ވާން ނުޖެހޭކަމަށެވެ. ޕްރޯޒެން ގެ ފުރަތަމަ ފިލްމަކީ އޭނާއަށް ވަރަށް މަގްބޫލުވި ފިލްމެއްކަމަށާއި އެ ފިލްމުގެ އެނިމޭޝަންވެސް އެހާ މޮޅުކަމަށް ޕަރިނީތީ ބުނިއެވެ. އަދި ޕްރޯޒެން ދޭއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިދާނެ ކަމަށް ހީވެސް ނުކުރާކަމަށާއި އެންމެ ސަޅީ އަމިއްލަ ދައްތަ އާއެކު މަސައްކަތް ކުރަން ފުރުސަތު ލިބިގެންދާތީ ކަމަށް ޕަރިނީތީ ބުންޏެވެ.
ޕްރޯޒަން އެންމެ ބޮޑަށް ހިތްތަކުން ޖާގަހޯދީ އޭގައި ފެނިގެންދިޔަ ލަވަ "ލެޓް އިޓް ގޯ" އިންނެވެ. އެހެން ކަމުން ބައެއް ފޭނުންވަނީ ޕްރިޔަންކާ އަދި ޕަރިނީތީ ފްރޯޒެން ދޭކަށް އެލަވަ ކިޔާނެތޯ ސުވާލުކޮށްފައެވެ.
މީގެ ކުރިން ޕްރިޔަންކާ ވަނީ އަމިއްލަ ނަމުގައި ލަވަ ރިލީސްކޮށްފައެވެ. އަދި ޕަރިނީތީ ވަނީ ބައެއް ފިލްމުތަކަށް އޭނާގެ އަޑު ބޭނުން ކުރުމުގެ ހުއްދަދީފައެވެ.
ޕްރޯޒަން ދޭއް ރިލީސްކުރަނީ އަންނަ މަހު 22 ގައި އިނގިރޭސި، ހިންދީ، ޓެމިލް، އަދި ޓެލްގޫ ބަހުންނެވެ.