ރަންވީރު ސިންގް އާއި އާލިޔާ ބަޓްގެ ފިލްމު ގަލީ ބޯއީއަށް ދަނީ ގިނަ ކާމިޔާބީ ތަކެއް ލިބެމުންނެވެ.
މުމްބާއީގެ މަގުމަތީގައި އުޅޭ ރެޕާސް ކަމަށްވާ ވިވިއަން ފެނާންޑިޒް އަދި ނަވީދް ޝެއިޚް ގެ ދިރިއުޅުމުން އިންސްޕަޔާވެގެން ހަދާފައިވާ މި ފިލްމަކީ ރަންވީރުވެސް އަލަށް އަމިއްލައަށް ލަވަކިޔާފައިވާ ފިލްމެކެވެ.
ގަލީ ބޯއީގެ ކާމިޔާބީގެ ލިސްޓަށް މިފަހަރު އިތުރުވި ބޮޅަކީ އޭޝިއަން އެކަޑެމީ ކްރިއޭޓިވް އެވޯޑްސްގެ ބެސްޓް ފިލްމުގެ މަގާމު ލިބުމެވެ.
ފިލްމުގެ ޕްރޮޑިއުސަރެއް ކަމަށްވާ ފަރްޚާން އަޚްތަރު ވަނީ ލިބުނު ކާމިޔާބީއާއެކު ފިލްމުގެ ކްރޫ އެންމެނަށް މަރުހަބާ ކިޔާ ޓުވީޓުކޮށްފައެވެ.
ފިލްމުގައި ރަންވީރު ރެޕްކުރާ ތަން ފެނިގެންދާއިރު އާލިޔާ ފެނިގެންދަނީ މެޑިސިން ކިޔަވާ މީހެއްގެ ރޯލުންނެވެ.
މިއަހަރު އަލަށް އޮސްކާއަށް އިންޑިއާ ކުރިމަތިލާފައިވާއިރު ގަލީ ބޯއީ އަކީ އޮސްކާއަށް އިންޑިއާއިން މިފަހަރު ހުށަހަޅާ ފިލްމެވެ. މިއީވެސް ގަލީ ބޯއީއަށް ލިބިގެންދިޔަ ހީވެސް ނުކުރާވަރުގެ ބޮޑު ޝަރަފެކެވެ.