ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ފްރޭމްކުރުމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެންނެވި ކަމަށާއި އެއީ ހިންގާފައިވާ ވަރަށް ނުލަފާ ޖަރީމާއެއް ކަމަށް ކާނަލް ނާޒިމް ވިދާޅުވެއްޖެއެވެ.
ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އޭނާގެ މައްޗަށް ކުރީ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ދައުވާއެވެ. އެ ދައުވާ ކުރީ ކާނަލް ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނެއެވެ.
ރާއްޖެ ވަޑައިގެން ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކާނަލް ނާޒިމް ވިދާޅުވީ އެ ޖަރީމާ ހިންގުމުގައި ރައީސް ޔާމީނާއި އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ބައިވެރިވެވަޑައިގެންނެވި ކަމަށާއި އެ ޖަރީމާ ތަހުގީގުކޮށް އެކަމުގައި ބައިވެރިވި ހުރިހާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ފުލުހުންގެ ތެރެއިން، ފުލުހުންގެ އޭރުގެ ކޮމިޝަނަރު ހުސައިން ވަހީދާއި ރައީސް ޔާމީން ބައިވެރިވެވަޑައިގެން ހިންގަވާފައިވާ ވަރަށް ނުލަފާ ޖަރީމާއެކޭ. މި ޖަރީމާ އެބަޖެހޭ ތަހުގީގުކޮށް، މިކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކެއް އިންސާފުގެ ކުރިމައްޗަށް ގެންނަން،" އޭނާ ވިދާޅުވިއެވެ.
ކާނަލް ނާޒިމް ވިދާޅުވީ ޑިފެންސް މިނިސްޓަރަކަށް ހުރި މީހެއްގެ ގެއަށް ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބިގެން ނޫނީ ނުވަދެވޭނެ ކަމަށާއި އެހެންވީމާ އެކަމުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން އިންސާފުގެ ކުރިމައްޗަށް ގެންނަން ބޭނުންވާ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑު މިކަމުގައި ފުރިހަމައަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލްޤައްޔޫމް އިންސާފުގެ ކުރިމައްޗަށް ގެންނަން ބޭނުން. މިކަން ތަކުރާރުވެގެން ނުދާނީ މި އިންތިހާބުވާ ސަރުކާރުން މިކަން ބަލައި މިކަމުގައި ބައިވެރިވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވިގެން. އެހެން ނޫނީ މިފަދަ ކަންތައްތައް ތަކުރާރުވުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ،" އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ޑިފެންސް މިނިސްޓަރަކަށް ހުރި މީހެއްގެ ގެއަށް ފުލުހުން ވަދެ ފިސްތޯލެއް ބާއްވައި، ފްރޭމް ކުރާ ހިސާބަށް ކަންތައް ދިޔައީމާ މި ގައުމުގެ އެއްވެސް ރައްޔިތަކަށް ސަލާމަތާއި ރައްކާތެރިކަމެއް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ އެކަން ތިބޭފުޅުންނަށް ވަރަށް ރަނގަޅަށް ފާހަގަވެގެންދިޔަހެން. ފުލުފުލުގައި ބޭފުޅުން ހައްޔަރުކުރެވެމުން ދިޔައީ. ހުރިހާ ލީޑަރުން ހައްޔަރުކުރުމުގެ އިތުރުން މެމްބަރުން ވެސް ހައްޔަރުކުރަމުން ދިޔައީ. އެފަދަ ކަމެއް ރާއްޖޭގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތްކުރާނަން. އެންމެ އަވަހަށް އަޅުގަނޑާއި އިންތިހާބީ ރައީސް ބައްދަލުވާ އިރެއްގައި މި މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް، މި ޖަރީމާ ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދަންނަވާނަން،" އޭނާ ވިދާޅުވިއެވެ.
ކާނަލް ނާޒިމަށް އިއްވި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފައި ވަނިކޮށް ފުލުހުން ބުނެފައިވަނީ އެގެއިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ޑީއެންއޭ ފެނުނު ކަމަށެވެ.
ކާނަލް ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރު ނެރެފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ.