އެހެން ކަންކަމަށް ވުރެ އެމްޑީޕީއަށް މިވަގުތު އެންމެ މުހިންމުވާން ވާނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ކަންތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީ ފަލަސުރުހީ ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަށްރަށަށް ވަޑައިގެން ޖަގަހަތައް ހުޅުވައި އެހެން ކަންކަން ކުރައްވާ މަންޒަރު މިހާރު ފެންނަމުންދާ ކަމަށާއި މިއަދު ބަލަން ޖެހޭނީ އިންތިހާބީ ރައީސްގެ ފެށުން ރަނގަޅުކުރުމަށް ކަމަށެވެ.
"އެމްޑީޕީ މީހުންނަށް މިވަގުތު އެންމެ މުހިންމު ވާނީ އިންތިހާބީ ރައީސް ހުވާކުރުމުގެ ކަންތައް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އޭގެ ބަދަލުގައި މިހާރު އެބަ ފެނޭ ދެއްތޯ ރައީސް ނަޝީދު ވެސް ރަށްރަށަށް ވަޑައިގަންނަވާފައި ޖަގަހަތައް ހުޅުވައި، އަނެއް ކަމެއްކޮށް. މިއަދު ޕާޓީއަށް އެންމެ މުހިންމު ވާނީ ޕާޓީން އެންމެ ބޮޑަށް ބަލައިގަންނަން ޖެހޭނީ އިންތިހާބީ ރައީސްގެ ފެށުން ރަނގަޅުކުރުން ކަމަށް،" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ މައްސަލަތަކެއް ޖެހުނު ނަމަވެސް އެމްޑީޕީން ނުކުންނަން ބޭނުން ނުވެގެން އެ ޕާޓީގައި ހަ މަސް ދުވަހު މަޑުކޮށްފައިވާނެ ކަމަށާއި ރައީސް ނަޝީދުގެ ފުރާނަ ސަލާމަތްކުރަން މޫސަގެ ގައިން "ދޮޅު ލީޓަރުގެ ލޭ" މަގުމައްޗަށް އަޅާލާފައިވާނެ ކަމަށެވެ.
"އަޅުގަނޑު ބޭނުމެއް ނޫން އެމްޑީޕީއަށް މައާފަށް އެދޭކަށް. އަޅުގަނޑު މައާފަށް އެދެންޏާ ރައީސް ނަޝީދު ވެސް ޖެހޭނީ އަޅުގަނޑު ކައިރިން މައާފަށް އެދެން. އަޅުގަނޑުގެ ގައިން ދޮޅު ލީޓަރު ލޭ އަޅާލިން މަގުމައްޗަށް އެބޭފުޅާގެ ފުރާނަ ސަލާމަތްކުރަން. އެކަމަކަށް ނޫން މައާފަށް އެދެންވީ. ޕާޓީއަށްޓަކައި ޕާޓީގެ ރޫހުގައި ކޮށްފައި ހުރި މަސައްކަތްތަކަށް ހައްގުން ކަމަކާ ނުލައި، ލަފުގައި ހިފާފަ ބޭރުކޮށްލީމަ މައާފަށް އެދެންޖެހޭން ނޫންތޯ އަޅުގަނޑު ކައިރިން،" އޭނާ ވިދާޅުވިއެވެ.