ރީކޯ މޫސާ މަނިކް

ވެރިކަން ނުލިބުނު ކޮންމެ މީހަކު މިބަލަނީ ބޮޑުވަޒީރަކަށް ވިޔަސް ވެވޭތޯ: މޫސަ

1

ވެރިކަން ނުލިބުނު ކޮންމެ މީހަކު ބަރުލަމާނީ ނިޒާމަކުން ބޮޑުވަޒީރަކަށް ވިޔަސް ވެވޭތޯ ބަލަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީ ފަލަސުރުހީ ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މޫސަ އެހެން ވިދާޅުވެފައިވާ އިރު، ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެން މިމަހުގެ ތިންވަނަ ދުވަހު ވިދާޅުވެފައި ވަނީ ވެރިކަން ހިންގުމަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށާއި އެމަނިކުފާނަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް ރައީސް ނަޝީދު މަސައްކަތްކުރައްވާ ކަމުގެ ވާހަކަތަކެއް ވެސް ދަނީ ދައުރުވަމުންނެވެ.

މޫސަ ވިދާޅުވީ ވެރިކަން ނުލިބިއްޖެއްޔާ ކޮންމެވެސް މަގަކުން އައިސް އޭގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރަމުންދާ ތަން ފެންނަމުންދާ ކަމަށެވެ.

"ވެރިކަން ނުލިބުނު ކޮންމެ މީހަކު ރައްޔިތުންގެ މަޖިލީހަށް ހޮވިގެން ވެދެގެން ބޮޑުވަޒީރަކަށް ވިޔަސް ވެވޭތޯ ބަލަނީ. އެވާހަކަ ރީއްޗަށް ބުނެލަންވީ ނޫންތޯ. ތިމާއަށް ވެރިކަން ނުލިބިއްޖެއްޔާ ކޮންމެވެސް މަގަކުން އައިސް އޭގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރަނީ. ވަކި މީހެކޭ އަޅުގަނޑު ނުބުނަން،" އޭނާ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ޖުމްހޫރީ ވެރިކަމުގެ ނިޒާމު ބަލައިގެންފައިވާ ކަމަށާއި ބަރުލަމާނީ ނިޒާމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެތައް ބާރުތަކެއް ލިބިގެންދާ ކަމަށެވެ.

"ބަރުލަމާނީ ނިޒާމެއް އަތުވެއްޖެއްޔާ ތިން ދުވަސްތެރޭ ވެރިކަން ވެއްޓެނީ. ބަރުލަމާނީ ނިޒާމެއް އައީމާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިހާރު އެ ލިބޭ މުސާރަކޮޅާއި އޭގެ އިތުރުން ލިބޭ އިތުރު ބާރުތަކެއް، ސަރުކާރުގެ ވަޒީރަކަށް އެބަވެވޭ. ދެން ކޮރަޕްޝަންގެ ވާހަކަ ގޮވާނީ ކިހާވަރަކަށްތޯ. ކާކާ ދިމާއަށްތޯ ނުގޮވާނީ،" އޭނާ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް 22 ވަޒީރުން ގެންނާތީ ބައެއް މީހުން އެވާހަކަ ދައްކާތީ ހައިރާންވާ ކަމަށާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ވަޒީރުން މަދު ނަމަވެސް، ވުޒާރާތަކުގައި 50 އަކަށް ކޯޑިނޭޓަރުންނާއި 30 ޑެޕިއުޓީ މިނިސްޓަރުން ތިއްބަވާ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި 22 ވަޒީރުން ރާއްޖޭގައި ތިބެގެން ކަންކަން ކުރުމަކީ އެއީ މައްސަލައެއް ނޫން. އެކަމަކު މި ދަންނަވާހެން ރައްޔިތުން މަޖިލީހުގެ ތެރެއިން ވެރިކަން އަންނަ ކަމަށްވަންޏާ، މިސާލަކަށް މި ބަލިވި ރައީސުންނާއި ނާދެވުނު ރައީސުންނާއި ނުހޮވުނު މީހުންނާ، މި އެންމެން އަނެއްކާ ދާއިރާތަކަށް ގޮސްގެން މިތާ މި ސަކަރާތް ގަތުންތޯ ރަނގަޅީ،" އޭނާ ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ ރާއްޖެއަށް ދެން ބަރުލަމާނީ ނިޒާމެއް ނުގެނެވޭނެ ކަމަށާއި ބަރުލަމާނީ ނިޒާމު ގެނައުމުގެ ފުރުސަތު ނުވެސް ދޭނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟