ރީކޯ މޫސާ މަނިކް

ބަލިވުމުގެ ޒިންމާ، ރައީސް ޔާމީނާއި އަދުރޭ އަދި މެޑަމް ފާތުން ނަންގަވަން ޖެހޭނެ: މޫސަ

1

ނިމިދިޔަ ރިޔާސީ އިންތިހާބުން ޕީޕީއެމް ބަލިވުމުގެ ޒިންމާ، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ރައީސް ޔާމީންގެ އަނބިކަނބަލުން ފަސްޓްލޭޑީ ފާތިމަތު އިބްރާހިމް ނަންގަވަން ޖެހޭނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީ ފަލަސުރުހީ ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ގިނަ ދާއިރާތަކަކާ ގުޅިފައި ތިބޭ މެމްބަރުން ކަމަށާއި ޕީޕީއެމްގެ ކެމްޕޭނުގައި މެމްބެރުންގެ ބަދަލުގައި އިސްކޮށް ނެރުނީ ކުންފުނިތަކުން އެމްޑީން ފަދަ ބޭފުޅުން ކަމަށެވެ.

"ކޮންމެ ތަނެއްގައި ހުއްޓަސް ކިޔަން ބޭނުންވާ ފާޑުކިޔުމެއް އަޅުގަނޑު ކިޔާނަން. ޕީޕީއެމް ބަލިވުމުގެ ޒިންމާ މިފަހަރު ނަންގަވަންޖެހޭނެ ރައީސް ޔާމީން. އަޅުގަނޑު ވާނީ ބުނެފަ. ރައީސް ޔާމީން ވެސް ނަންގަވަން ޖެހޭނެ. އަބްދުއްރަހީމް ވެސް ނަންގަވަން ޖެހޭނެ. އަދި މެޑަމް ވެސް ނަންގަވަން ޖެހޭނެ. މެމްބަރުންތައް ސީދާ ލީޑުނުކޮށް އެހެން ބަޔަކު، ކުންފުނިތަކުގެ އެމްޑީންނާއި އެކަހަލަ މީހުން ކެމްޕޭނުގައި އުޅުނީ،" އޭނާ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ޕީޕީއެމް ދެ އިންތިހާބުން ވެސް ބަލިވީ ކަމަށާއި އެހެންކަމުން ރައީސް ޔާމީނާއި ޕީޕީއެމްގެ މިހާރުގެ ލީޑާޝިޕް ދުރަށް ޖެހިވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

"ދެ އިންތިހާބަކުން މި ބަލިވީ. މިހާރު ޕީޕީއެމްގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދޭންވީ. ރައީސް ޔާމީން ވެސް ދުރަށްޖެހިވަޑައިގަންނަވަން ޖެހޭނެ. ފެއިލްވީ ނޫންތޯ އެއީ. ލޯކަލް ކައުންސިލް އިންތިހާބުން ވެސް ފެއިލްވީ. އަނެއްކާ މާދަމާ މި ސަރުކާރު އައިސްގެން ވަޒީފާތައް ގެއްލިގެންދާނެ ކިތައް މީހުން ތިބޭނެ. އެމީހުން ކިހާ ނިކަމެއްޗެއް ވާނެ. އެހެންނަމަވެސް އެމީހުންނަށް ވެސް އުންމީދެއް ހޯދައިދީ، އެމީހުންގެ ކަންތައްތައް ކޮށްދޭކަށް އަދިވެސް ޕީޕީއެމް ލީޑާޝިޕުން އެއްވެސް ކަމެއް ނުކުރާތީ އަޅުގަނޑު މި ވާހަކަ ދައްކަނީ. އެހެންވެއްޖެއްޔާ ލީޑާޝިޕްގެ ނެތެއްނޫންތޯ ވަރެއް،" އޭނާ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސް މެމްބަރުން މިހާރު ތިއްބެވީ ވަރަށް ކަންބޮޑުވެފައި ކަމަށާއި އިންތިހާބުން ޕީޕީއެމް ބަލިވި ފަހުން އަދިވެސް ފެނިގެންދަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފުއާ ދިމާއަށް އެއްޗެހި ގޮވުން ފަދަ ކަންތައްތައް ކަމަށެވެ.

"ލީޑާޝިޕް ނުފެނިގެން މިދަނީ. އެމްޑީޕީ 2013ގެ އިންތިހާބުގައި ބަލިވުމާއެކީ އަޅުގަނޑުމެން އެންމެން އިސްވެ ތައްޔާރުވީ 2014 ވަނަ އަހަރު އޮތް އިންތިހާބަށް. ޕީޕީއެމް ބަލިވި ފަހުން އަދިވެސް ޝަރީފުއާ ދިމާއަށް އެއްޗެހި ގޮވުމާއި އިހަށްދުވަހު އަޅުގަނޑުގެ އިސްތިއުފާއަށް ވެސް ގޮވައިފި މަޖިލިސް ތެރޭގައި. މިކަހަލަ ގޮތަކަށް މި ޕާޓީ މިދަނީ،" މޫސަ ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ ޕީޕީއެމް އޮތީ އައިސީޔޫގައި ކަމަށާއި ކޯޓުން ކުރާ ހުކުމަކުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ޕާޓީ ލިބިއްޖެއްޔާ، ރައީސް ޔާމީނާއެކު ތިބި މީހުން އެތަނުގައި ބައިތިއްބާނެ ކަމެއް ވެސް ނޭނގޭ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟