ރިޔާސީ އިންތިހާބު

އިބޫ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފި

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައިފިއެވެ.

މިހާރު ވަނީ ވޯޓުގެ ބޮޑުބައެއް ގުނާ ނިމިފައެވެ. ބާކީ ވޯޓު ފޮށިތައް ގުނައި ނިމުނަސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އިބޫގެ މައްޗަށް ކުރި ހޯދިދާނެ ކަމަށް ތަފާސް ހިސާބުތަކަކުން ނުދައްކައެވެ.

މިއަދުގެ އިންތިހާބުގެ ވޯޓު ގުނައި ވަގުތީ ނަތީޖާ އިއުލާންކުރަމުންދިޔަ އިރު، ކޮންމެ ވޯޓު ފޮއްޓަކުންހެން ކުރީގައި އޮތީ އިދިކޮޅު ކެންޑިޑޭޓް އިބޫއާއި ރަނިންމޭޓް ފައިސަލް ނަސީމެވެ. ހާއްސަކޮށް ބޮޑެތި ސަރަހައްދުތަކުން އިބޫ ލީޑު ކުރައްވަމުންދިޔަކަން ފާހަގަކޮށްލެވެއެވެ.

މިއަދުގެ ވޯޓުލުން ހެނދުނު 8:00ގައި ފެށުމުގެ ކުރިން ވެސް ގިނަ ބަޔަކު ވޯޓުލުމަށްޓަކައި ކިޔުގައި ޖެހެން ފެށިއެވެ. މެންދުރުގެ އަވީގައާއި ވިއްސާރައިގައި ވެސް އެތައް ބަޔަކު ދިގު ކިޔުތަކުގައި ވޯޓުލުމަށް މަޑުކުރިތަން ފެނިގެންދިޔައެވެ.