ބޮލީވުޑް

އަމިއްލަ ޕްރޮޑަކްޝަން ކުންފުނިން އުފައްދާ ފިލްމުތަކުގައި އެކްޓުނުކުރާނަން: ކަންގްނާ

ބަތަލާ ކަންގްނާ ރާނޮތް ވަނީ އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏެއް ހުޅުވަން ޝައުގުވެރިވާކަމަށް 2017 ވަނަ އަހަރު ބުނެފައެވެ. އޭރު އެކަމަށްޓަކައި އޭނާ ވަނީ ބަންޑްރާ އިން ތަނެއްގަނެ ސްޓޫޑިއޯހެދުމުގެ މަސައްކަތްވެސް ފަށާފައެވެ. އެ ސްޓޫޑިއޯއަށް ކި ނަމަކީވެސް "މަނިކަރްނިކާ ފިލްމްސް" އެވެެ.

ނަމަވެސް ވަކި ހިސާބަކަށްގޮސް އެ ސްޓޫޑިއޯގެ މަސައްކަތް ހުއްޓިފައިވާއިރު މިހާރު ކަންގްނާ މިވަނީ އަންނަ ޖެނުއަރީގައި އޭނާގެ ޕްރޮޑަކްޝަން ކުންފުނި ހުޅުވާނެކަމަށް އިއުލާންކޮށްފައެވެ. އަދި މި ސްޓޫޑިއޯ ހުޅުވަނީ މުމްބާއީގައި ކަމަށްވެސް ކަންގްނާ ބުނިއެވެ.

އާ ސްޓޫޑިއޯއާ ބެހޭގޮތުން ކަންގްނާ ނެރުނު ބަޔާނުގައި ވާ ގޮތުން މިހާރުވެސް އެމީހުނަށް އާ ސްކްރިޕްޓްތައް ލިބެމުންދާ ކަމަށާއި، ފިލްމުތަކުގައި އޭނާ އެކްޓްކުރުމަށް ފިލްމު ޑައިރެކްޓަރުން ބޭނުންވާކަމަށެވެ. ނަމަވެސް އޭނާ ބޭނުންވަނީ އަލަށް މިދާއިރާއަށް ނުކުންނަށް ފަރާތްތަކަށް ފުރުސަތު ހޯދައިދީ އެމީހުންނަކީވެސް މޮޅު ތަރިންނަށް ހަދައިދިނުންކަމަށް ކަންގްނާގެ ބަޔާނުގައިވެއެވެ.

"އަމިއްލަ އަށް ޕްރޮޑިއުސް ކުރާ ފިލްމުތަކުގައި އެކްޓެއް ނުކުރާނަން. ވަރަށް ގިނަ އެކްޓަރުން އެބަތިބި އެހެން ކަމުން އެ ސްކްރިޕްޓަކާ ގުޅޭ އެންމެ ރަނގަޅު މީހަކު ކޮންމެ ފިލްމަކަށްވެސް ނާގާނީ. އާ ތަރިން މިދާއިރާއަށް ތަމްރީނު ކޮށްދިނުމުގެ މަސައްކަތްވެސް ކުރަންބޭނުން." ކަންގްނާގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވާ ގޮތުގައި ފުރަތަމަ އެ ކުންފުނިން އުފައްދާނީ ކުޑަ ބަޖެޓްގެ ފިލްމުތައް ކަމަށާއި، އެއަށް ލިބޭ ތަރުހީބުން އިތުރަށް ކުރިއަށް ދާން ވިސްނާނީކަމަށެވެ. އަދި ޑިޖިޓަލް އެންޓަޓެއިންމަންޓް ވިޔަފާރިއަކަށްވެސް ކަންގްނާ ޝައުގުވެރިވާކަމަށް އެބަޔާނުގައިވެއެވެ.