ސުޕާ ސްޓާ ސަލްމާން ޚާން އާއެކު ފިލްމު "އިންޝާﷲ" ރިލީސްކުރުމަށް މަސައްކަތް ކުރަމުން ދިޔަ ސަންޖޭ ލީލާ ބަންސާލީ ވަނީ ސަލްމާން އާއެކުވި ދެބަސްވުމެއްގައި އެފިލްމު ނުހެދުމަށް ނިންމާފައެވެ.
ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ސަންޖޭ ލީލާ އަންނަ އަހަރު ރިލީސްކުރަން ހަމަޖެހިފައިވާ ފިލްމަކީ "ގަންގޫބައި ކާތިއާވާދީ" އެވެ. ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ ބަތަލާ އާލިޔާ ބަޓްއެވެ. އާލިޔާ އަކީ އިންޝާﷲ އިންވެސް ބަތަލާގެ ރޯލުކުޅުމަށް ހަމަޖެހިފައިވާ ތަރިއެވެ. ނަމަވެސް އެ ފިލްމު ނުހެދުމަށް ނިންމި ފަހުންވެސް އާލިޔާ އާއި ސަންޖޭ ބައްދަލު ކުރުމުން މީގެ ކުރިންވަނީ އެކި އަޑުތައް ފެތުރިފައެވެ. އެގޮތުން ގިނަ ބަޔަކު ހީކުރީ ސަލްމާން ނުހިމަނާ އާލިޔާއާއެކު ސަންޖޭ ލީލާ އިންޝާﷲ ފިލްމު އުފައްދަނީކަމަށެވެ.
ފިލްމަކީ މުމްބާއީގައި ހަށިވިއްކުމުގައި އުޅުނު އަންހެނެއްކަމަށްވާ ގަންގޫބައި ކޮތްވާލީ ގެ ބައޯޕިކްއެކެވެ. އޭނާއަށް "މެޑަމް އޮފް ކަމަތިޕޫރާ"ގެ ނަމުންވެސް މުހާތަބްކުރެއެވެ. ގަންގޫބައި ހަށިވިއްކުމަށް ނުކުތީ ޅައުމުރުގައި މަޖްބޫރުވެގެންނެވެ.
ގަންގޫބައި ރިލީސްކުރަނީ ސެޕްޓެމްބަރު 11 ގައެވެ.