ކާނަލް މުހައްމަދު ނާޒިމް

އަޅުގަނޑުގެ ހައްގުގައި ހަތަރު ލީޑަރުން ވެސް ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގެންނެވި: ކާނަލް ނާޒިމް

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ ހައްގުގައި ހަތަރު ލީޑަރުން ވެސް ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގެންނެވި ކަމަށް ކާނަލް ނާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ވަޑައިގެން ކާނަލް ނާޒިމް މިރޭ ވިދާޅުވީ އޭނާ ޖަލަށް ލެވުނީ ފްރޭމް ކުރެވިގެންކަން ގަބޫލުކުރެވިގެން އެކަން ފުރަތަމަ ކުށްވެރިކުރި ބޭފުޅަކީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ކަމަށާއި އެކަމުގައި އިމްރާން ވެސް ޖަލަށް ވަޑައިގަންނަވަން ޖެހުނު ކަމަށެވެ. އިމްރާންގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގެންނެވި ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

"އިމްރާން އަޅުގަނޑުގެ ހައްގުގައި ނުކުމެވަޑައިގެން ވަރަށް ބޮޑެތި ގުރުބާނީތަކެއްވެ ވަޑައިގެންނެވި. ހަމައެއާއެކީގައި އަޅުގަނޑުގެ ހައްގުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނުކުމެވަޑައިގެންނެވި. ގާސިމް އިބްރާހިމް ވެސް ނުކުމެވަޑައިގެންނެވި. އެ މަސައްކަތުގައި އެބޭފުޅާ ވެސް ޖަލަށް ވަޑައިގަންނަވަން ޖެހުނީ. ހަމައެއާއެކީގައި ރައީސް މައުމޫން ވެސް މަސައްކަތްޕުޅު ކުރެއްވި. ހަމަ ނަތީޖާއަކަށްވެ ޖެހިވަޑައިގަތީ ޖަލަށް ވަޑައިގަންނަވަން،" އޭނާ ވިދާޅުވިއެވެ.

ކާނަލް ނާޒިމް ވިދާޅުވީ ހަތަރު ލީޑަރުންނަށް ވެސް އޭނާގެ އަމިއްލަ ނަމުގައާއި އާއިލާގެ ނަމުގައި ޝުކުރު އަދާކުރާ ކަމަށާއި އެބޭފުޅުން އޭނާގެ ހައްގުގައި ނުނުކުންނެވި ނަމަ މިއަދު މިނިވަންނުވީސް ކަމަށެވެ.

ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އޭނާގެ މައްޗަށް ކުރީ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ދައުވާއެވެ.

އެ ދައުވާ ކުރީ ކާނަލް ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނެއެވެ. ކާނަލް ނާޒިމަށް އިއްވި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފައި ވަނިކޮށް ފުލުހުން ބުނެފައިވަނީ އެގެއިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ޑީއެންއޭ ފެނުނު ކަމަށެވެ.

ކާނަލް ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރު ނެރެފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ.