ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މާދަމާ ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ސޮއިކުރެއްވުމަށް ނިންމަވައިފިއެވެ.
ޖޭޕީއަށް ސޮއިކުރައްވާނެކަން ކާނަލް ނާޒިމް ހާމަކުރެއްވީ މިރޭ ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ.
އެކަމާ ގުޅޭގޮތުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވީ ތެދުވެރި، އަމާނާތްތެރި ގޮތުގައި ޑިމޮކްރަސީއަށް ހުޅުވާލެވިގެން ކުރާ މަސައްކަތުގައި ނާޒިމް ފަދަ ބޭފުޅަކު އެ ޕާޓީއާ ގުޅިވަޑައިގަންނެވުން އެއީ ކާމިޔާބެއް ކަމަށެވެ.
"ދިވެހި ރައްޔިތުންގެ އިސްކޮށް ތިއްބެވި ބޭފުޅުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މި ޕާޓީއާ ގުޅެމުން އައުމަކީ ކާމިޔާބެއް. ތަޖުރިބާ ހުރި، ތައުލީމު ހުރި އަދި ގާބިލް ބޭފުޅުން ސިޔާސީ ހަރަކާތުގައި ނުވަތަ ގައުމީ މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާކަން އެއީ އަޅުގަނޑުމެންގެ ޕާޓީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" ގާސިމް ވިދާޅުވިއެވެ.
ކާނަލް ނާޒިމް ވިދާޅުވީ މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށާއި ތިން އަހަރާއި ނުވަ މަސްދުވަހުގެ އަނިޔާވެރިކަން ތަހައްމަލު ކުރުމަށްފަހު މިނިވަންކަން ލިބުނު ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުންނަށް ލިބުނު ނަސްރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކާނަލް ނާޒިމަށް މަރުހަބާ ދެންނެވުމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާއި ޖޭޕީގެ އިސްވެރިން އަދި ބައެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.