ޑރ. މުހައްމަދު ޖަމީލް އަހްމަދު

ހުދުމުހުތާރު މިވީ މާ އަވަހަށް، ބިރު ދައްކައިގެން ވެރިކަން ކުރެވުނު ޒަމާން މާޒީވެ ހިނގައްޖެ: ޑރ. ޖަމީލު

އާނިފާ ހުސެއިން ސިރާޖް

ހިޔާލުތަކަށް ފުރުސަތު ނުދީ މި ސަރުކާރުން ހުދުމުހުތާރު މިވީ މާ އަވަހަށް ކަމަށާއި ނަމަވެސް ބިރު ދައްކައިގެން ވެރިކަން ކުރެވުނު ޒަމާން މާޒީވެ ހިނގައްޖެކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވީ އިސްލާމް ދީނަށާއި ﷲގެ ރަސޫލާއަށް ފުރައްސާރަކޮށް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއިން ސޯޝަލް މީޑިއާގައި ހިޔާލު ފާޅުނުކުރުމަށް އެންގުމާ ގުޅިގެންނެވެ. އެމްއެންޔޫއެން އިން ނެރުނު ސްޓޭޓްމެންޓެއްގައި ވަނީ އެމްޑީއެންގެ މައްސަލައިގައި އެ ޔުނިވަސިޓީގެ ލެކްޗަރާއިން އަޑު އުފުލުމުގެ ސަބަބުން ދަރިވަރުންނަށް އެކި ކަހަލަ ނޭދެވޭ އަސަރުކުރާނެ ކަމަށާއި އެހެން ކަމުން އެކަން އެގޮތަށް ނުކުރެއްވުމަށް އެދިފަ އެވެ. އެމްއެންޔޫގެ ފެކަލްޓީ ތަކުގައި ކިޔަވައިދެއްވާ ލެކްޗަރާއިންގެ މި މައްސަލައިގައި އަޑު އުފުލަމުން އަންނަ ބައެއް އިލްމުވެރީންވެސް ހިމެނިވަޑައިގަންނަވަ އެވެ.

ޑރ. ޖަމީލު މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ސަރުކާރަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަޖަމު ނުކުރެވުނު ކަމަށާއި، މި ފެންނަނީ ގައުމީ ޔުނިވަސިޓީތަކަށް ސަރުކާރުގެ ކޮންޓްރޯލް އޮތުމުގެ ގެއްލުން ކަމަށެވެ.

ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އަދި، ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) އަކީ ސަރުކާރުގެ ކޮންޓްރޯލުގެ ދަށުން ހިންގަމުން އަންނަ ދެ ޔުނިވަސިޓީއެވެ. މި ސަރުކާރުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތްކަމަށް ޑރ. ޖަމީލު ވިދާޅުވެފައިވާއިރު، ކުރީ ސަރުކާރުގައިވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތް ކަމަށްބުނެ ބައެއް މީހުން ވަނީ އަޑުއުފުލާފައެވެ.