ބޮލީވުޑް

ފިލްމު ކަބީރު ސިންގް ބެލުމަށްފަހު ލޯބިވެރިޔާ މަރާލައިފި

ޝާހިދު ކަޕޫރުގެ ފިލްމު ކަބީރު ސިންގް ވަނީ ބޮކްސް އޮފީހުގައި ހިޓަކަށްވެގެންގޮސްފައެވެ. ފިލްމުގައި ޝާހިދު ކުޅެފައިވާ ރޯލަކީ ރުޅި ކޮންޓްރޯލް ނުކުރެވޭ މީހެއްގެ ރޯލެކެވެ.

ފިލްމުތަކަކީވެސް މީހުނަށް އެކި ގޮތްގޮތުން އިންފްލުއެންސް ކުރާ އެއްޗެކެެވެ. އޭގެ ހެއްކެއްގެ ގޮތުން ޓިކްޓޮކްގައި އެކްޓިވްކޮށް އުޅުނު މީހަކު މިވަނީ އޭނާގެ ލޯބިވެރިޔާ މަރާލާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޓިކްޓޮކްގައި ޖޮނީ ޑާޑާ ނަމަކަށްކިޔާ މިމީހާ އަކީ އާންމުކޮށްވެސް ފިލްމުތަކުގެ މަގުބޫލު ޑައިލޮގްތައް ރީކްރިއޭޓް ކުރާ މީހެކެވެ. އަދި ވަރަށް ގިނައިން ފިލްމުތަކުގެ ޕޯސްޓްތައް ހިއްސާކުރާ މީހެކެވެ.

އޭނާ މިވަނީ ޑުބާއީގައި ފްލައިޓް އެޓެންޑެންޓަކަށް މަސައްކަތް ކުރާ އަންހެނެއް ކަމަށްވާ ނިތިކާ ޝަރްމާ މަރާލައިފައެވެ. އޭނާ ނިތިކާ މަރާލީ ނިތިކާ އެހެން މީހަކާ އިންނަން އުޅޭކަން އެނގުމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ހުންނަނީ ނިތިކާއާ ހެދި "އޮބްސެސްޑް" ވެފައެވެ. ޖޯނީ އަކީ ކުރިންވެސް ނިތިކާއާ ހެދި މޮޔަވެގެން އެކި ގޮތްގޮތުން އޭނާއަށް ޖެއްސުންކޮށް ފުރައްސާރަ ކުރާ މީހެއްކަމަށް ވެއެވެ. އޭނާ ވަނީ ފިލްމުގެ ޑައިލޮގެއް ކަމަށްވާ "އަހަރެންގެ މީހަކަށް ނުވާނަމަ އޭނާއަށް އެހެން މީހެއްގެ މީހަކަށްވެސް ނުވެވޭނެ" ކަމަށް ބުނާ ޑައިލޮގްވެސް ޓިކްޓޮކްގައި ޑަބްކޮށްފައެވެ. އަދި ފިލްމުގައި ޝާހިދުގެ ލޯބިވެރިޔާ ނުލިބުމުން އަމިއްލަ ނަފްސަށް ގެއްލުން ދޭގޮތަށް ޖޯނީ އިހްތިޔާރު ކުރީ އަންހެން މީހާ މަރާލުމަށެވެ.

މިމައްސަލައާ ގުޅިގެން ފިލްމަށް ވަނީ ގިނަ ފާޑުކިޔުން އަމާޒުވެފައެވެ. ފިލްމުގެ ޑައިރެކްޓަރު، ސަންދީޕް ރެޑީ އެކަމާ ގުޅިގެން ދިން އިންޓަވިއުގައި ބުނީ އެއަންހެން މީހާ އާއި އޭނާގެ އާއިލާއަށް ހަމްދަރުދީވާކަމަށާއި ފިލްމުގެ ސަބަބުންނޭ ކިޔާފައި އެކަލަ ކަމެއް ދިމާވީތީ ހިތާމަ ކުރާކަމަށެވެ. ފިލްމު އުފައްދާ ފަރާތްތަކުގެ ހައިސިއްޔަތުން އުފައްދާ ފިލްމުތަކަށް އަމިއްލައަށް ޒިންމާ ވާންޖެހޭ ކަމަށާއި މީގެ ކުރިން އޭނާ ޑައިރެކްޓްކުރި އެއްވެސް ފިލްމެއްގެ ސަބަބުން މިކަހަލަ ކަމެއް ކުރިމަތިވެފައި ނުވާކަމަށް ސަންދީޕް ބުންޏެވެ.

ފިލްމު ރިލީސްކުރި އިރުވެސް މި ފިލްމުގައި އަންހެނުން ދަށްކޮށްލާ ގޮތަށް ޕޯޓްރޭ ކޮށްފައި ވާތީ ވަނީ ފާޑުކިޔުމާއި ކޮންޓްރޮވާސީ އަމާޒުވެފައެވެ. ކިއާރާ އަދްވާނީ ބަތަލާގެ ރޯލުން ފެނިގެންދާ މި ފިލްމު ފާޑުކިޔުންތަކާއެކުވެސް ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.