ހައުސިން މިނިސްޓްރީ

ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގައި ސޮއިކޮށްފި

އާނިފާ ހުސެއިން ސިރާޖް

މ.ކޮޅުފުށީގައި އިމާރާތްކުރަން ހަމަޖައްސާފައިވާ 100 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގައި މިއަދު ސޮއިކޮށްފިއެވެ.

ކޮޅުފުށީގައި 100 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފައިވަނީ މިދިޔަ ޖުލައި މަހުއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ، ޕްރިސިޝަން އިންޖިނިއަރިންގ ސަރވިސަސް އާއި ޕީއީއެސް މެރިން ސަރވިސަސް ހިމެނޭ ޖޮއިންޓް ވެންޗަރ ކުންފުންޏާއެކު 350 ދުވަހުގެ ތެރޭގައި ނިންމާގޮތަށް، 75.7 މިލިއަން ރުފިޔާއަށް ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ހައުސިންގ މިނިސްޓްރީން ބުނީ މި މަސައްކަތަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެއް ކަމަށެވެ.

މި ޔުނިޓްތައް އިމާރާތްކުރާނީ އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ 1100 އަކަފޫޓުގެ 100 ގޯތީގައި ތިން ކޮޓަރިއާއި، ތިން ފާހާނާއާއި ސިޓިންގރޫމާއި ބަދިގޭގެ އިތުރުން ސްޓޯރޫމަކާއި ދޮންނަމެޝިން ބަހައްޓާ ތަނެއް ހިމެނޭ ގޮތަށް ކަމަށްވެސް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.

މި މަޝްރޫއުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަހްމަދު ވިޝާން ނަސީމް އެވެ. ޕްރިސިޝަން އިންޖިނިއަރިންގ ސަރވިސަސް އާއި ޕީއީއެސް މެރިން ސަރވިސަސްގެ ފަރާތުން ސޮއިކުރައްވާފައިވާނީ ޕީ.ޑަބްލިއު ތިލަކަރަތުނަ (ޕްރިސިޝަން އިންޖިނިއަރިންގ ސަރވިސަސްގެ މެނޭޖިންގް ޑިރެކްޓަރ) އަދި ޔޫސުފް ގާސިމް (ޕީއީއެސް މެރިން ސަރވިސަސްގެ މެނޭޖިންގ ޑިރެކްޓަރ) އެވެ.