ރައްޔިތުންގެ މަޖިލިސް

އިންކަމް ޓެކްސް ނެގުމުގެ ބިލު މަޖިލީހަށް

އިބްރާހިމް ޒަކީ

އާމްދަނީން ޓެކްސް ނެގުމުގެ ބިލް (އިންކަމްޓެކްސް ގެ ބިލް)ގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހަޅުއްވާ މި ބިލު، ރައްޔިތުންގެ މަޖިލީހުގެ މިއދުގެ ޖަލްސާގެ އެޖެންޑާގައި މަޖިލީހަށް ތައާރަފު ކުރުމުގެ ބިލުގެ ގޮތުގައި އޮތުމުން މަޖިލީހުގެ ރައީސް އެ ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވަވައިފައެވެ.

ގަވައިދުގައި ކަނޑައަޅާފައިވާ މުއްދަތު ދެއްވުމަށްފަހު ދެން އެޖެންޑާ ކުރާނީ އެ ބިލު މަޖިލީހަށް ހުށަހެޅުއްވުމަށެވެ.

ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ބިލުގައި އިންކަމް ޓެކްސް ނެގުމަށް ހުށަހަޅާފައިވަނީ 40،000 ރުފިޔާއިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުންނެވެ.

ބިލުގައި ބުނެފައިވަނީ 40،000 ރުފިޔާ އާއި 60،000 ރުފިޔާއާ ދެމެދު އާމްދަނީ ލިބޭ މީހުންގެ އަތުން އަށް ޕަސެންޓްގެ ޓެކުހެއް ނެގުމަށެވެ. އަދި 60،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދު އާމްދަނީ ލިބޭ މީހުންގެ އަތުން 10 ޕަސެންޓް ނަގަން ހުށަހަޅާފައިވެއެވެ.

އަދި 100،000 ރުފިޔާއަށްވުރެ މަތީ އާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި 15 ޕަސެންޓް ނެގުމަށް ވަނީ ހުށަހަޅައިފައެވެ.

މީގެ ކުރިން ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ގާތްގަނޑަކަށް 6،000 މީހުންގެ އަތުން އެ ޓެކްސް ނެގޭނެ ކަމަށް ބެލެވޭ ކަމަށެވެ.