ޕޮލިސް

ޓޯކޮށްފައިވާ 29 އުޅަނދަކާ ހަވާލު ނުވެއްޖެނަމަ، ނައްތާލަނީ

އާނިފާ ހުސެއިން ސިރާޖް

ގަވާއިދާ ހިލާފަށް މަގުމަތީގައި ޕާކުކުރުމާ ގުޅިގެން ޓޯކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 29 އުޅަނދަކާ ހަވާލު ނުވެއްޖެނަމަ، އެ އުޅަނދުތައް ނައްތާލާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ގަވާއިދާހިލާފަށް ޕާކުކުރުމުގެ ސަބަބުން މާލޭގެ އެކި ސަރަހައްތަކުން ޓޯކޮށް 29 ސައިކަލު އެފަރާތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. މިއީ މިދިޔަ ހަފުތާގައި ޓޯކުރި އުޅަނދާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ ހަފުތާގައި ޓޯކޮށްފައިވަނީ 10 ސައިކަލާއި، އެއް ކާރާ އެކު ޖުމުލަ 11 ވެހިކަލެވެ.

ފުލުހުން ބުނީ އެ އުޅަނދުތަކަކީ ގަވާއިދާ ހިލާފަށް މަގުމަތީގައި ފާކު ކުރުމާ ގުޅިގެން ދަތުރު ފަތުރުގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އުޅަނދުތަކެއް ކަމަށެވެ. އަދި ހަ ދުވަހުގެ ތެރޭގައި ވެރި ފަރާތްތަކުން އެ ވެހިކަލްތައް ނުގެންގޮސްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އެތަކެތި ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަަބަބުން ވެހިކަލް ޓޯކުރުމުގެ އިތުރުން މިދިޔަ ހަފުތާގެ ތެރޭގައި ފުލުުހުން ވަނީ 759 ވެހިކަލެއްގައި ސްޓިކާވެސް ޖަހާފައެވެ.