ރައްޔިތުންގެ މަޖިލިސް

ގަވާއިދާހިލާފު ބިދޭސީންގެ މައްސަލައިގައި ފުލުހުންނާއި އިމިގްރޭޝަންގެ ބޭފުޅުން ކޮމިޓީއަށް ހާޒިރު ކުރަނީ

އިބްރާހިމް ޒަކީ

ގަވާއިދާހިލާފަށް މަސައްކަތްކުރަމުންދާ ބިދޭސީންގެ މައްސަލައިގައި މޯލްޑިވްސް އިމިގްރޭޝަން އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

މިއަދު 11:00 އަށް އެޖެންޑާ ކޮށްފައިވާ އެ ކޮމިޓީގެ ބައްދަލުމަށް، އެ ދެ މުއައްސަސާގެ އިސް ބޭފުޅުން ހާޒިރުކޮށް ގަވާއިދާހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލައިގައި މެންބަރުން ސުވާލު ކުރުމަށާއި އެކަމާބެހޭ މައުލޫމާތު އޮޅުން ފިލުވުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ގަވާއިދާހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ބޮޑުވެ ގައުމީ ސަލާމަތަށް މައްސަލައަަކަށް ވެފައިވާއިރު، އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެ މަސައްކަތުގެ ދަށުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ދީ، އަލުން ރަޖިސްޓްރީކޮށްދޭން އިކޮނޮމިކް މިނިސްޓްރީން ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް 63،000 ބިދޭސީން އުޅޭ ކަމަށް ލަފާކުރެވޭއިރު، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވުމުގެ ނުރައްކާ ބޮޑުވެގެން ސަރުކާރުން އެޅި އެއް ފިޔަވަޅަކީ އެއް އަހަރު ވަންދެން ބަންގްލަދޭޝް އިން މަސައްކަތު މީހުން ގެނައުން މަނާކުރުމެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެފައިވަނީ އެ މައްސަލަ ހައްލު ނުކުރެވިއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވަވާނެ ކަމަށެވެ.