ބޮލީވުޑް

ކްރިޝް ހަތަރެއް އުފައްދަނީ

މިއަހަރަކީ ބަތަލު ރިތިކް ރޯޝަނަށް ކާމިޔާބު އަހަރެކެވެ. މިއަަހަރު ރިލީސްކުރި ދެ ފިލްމު ކަމުގައިވާ "ސުޕާ 30" އާއި "ވޯ" ވެސް ވަނީ ބޮކްސް އޮފީހުގައި ކާމިޔާބީހޯދާފައެވެ.

ރިތިކް އެންމެ ބޮޑަށް ވިދާލި ފިލްމު ފްރެންޗައިޒް ކަމުގައިވާ ކްރިޝްގެ ހަތަރުވަނަ ބައެއް އުފައްދަން އުޅޭ ކަމުގެ އަޑުތައް ފެތުރޭތާ ދުވަސްތަކެއް ވެއްޖެއެވެ. ކްރިޝްގެ މީގެ ކުރީގެ ތިން ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އޭނާގެ ބައްޕަ ޑައިރެކްޓަރު އަދި އެކްޓަރު ރާކޭޝް ރޯޝަންއެވެ. ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގެ ހަތަރުވަނަ ބައި ޑައިރެކްޓް ކުރަން މިހާރު ވަނީ ސަންޖޭ ގުޕްތާއާ ހަވާލުކޮށްފައެވެ. ފިލްމުގެ ބަޖެޓަކީ 250 ކުރޯޑް އިންޑިއަން ރުޕީސްއެވެ.

ކްރިޝް ވެގެން ގޮސްފައިވަނީ އިންޑިއާގެ ދޭސީ ހީރޯއަކަށެވެ. އެހެންކަމުން އޭގެ ހަތަރުވަނަ ފިލްމު ކުރީ ތިން ފިލްމަށްވުރެވެސް ބޮޑުކޮށް ހަދަން ނިންމާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ފިލްމުގެ ޝޫޓިން ފަށަން ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ މެދުތެރޭގައެވެ. އޭގެ ކުރިން ރިތިކްގެ އެހެން ފިލްމެއް ރިލީސްވާނެ ކަމަށް ވެއެވެ.

މި ފިލްމުގެ ފުރަތަމަ ފިލްމަށް ކީ "ކޮއި މިލް ގަޔާ" އެވެ. އެއަށްފަހު ކްރިޝް އަދި ކްރިޝް ތިނެއް ރިލީސްކުރިއެވެ. ފުރަތަމަ ފިލްމުގައި ބަތަލާގެ ރޯލުން ޕްރިތީ ޒިންތާ ފެނިގެންގޮސްފައިވާއިރު، ދެވަނަ ފިލްމުގައި އުޅުނީ ޕްރިޔަންކާ ޗޯޕްރާއެވެ. އަދި ތިންވަނަ ފިލްމުގައި ޕްރިޔަންކާ އާއެކު ކަންގްނާވެސް ފެނިގެން ގޮސްފައިވެއެވެ.

މިއީ ރިތިކް އަދި ސަންޖޭ އެކުގައި މަސައްކަތް ކުރާނެ ފުރަތަމަ ފަހަރެއް ނޫނެވެ. ސަންޖޭ ވަނީ ރިތިކްގެ މަގްބޫލު ފިލްމު ކާބިލްވެސް މީގެ ކުރިން ޑައިރެކްޓްކޮށްފައެވެ.