ކްލަބު އެމްޓީސީސީން އިންތިޒާމުކޮށްގެން ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ވިލި މުއްސަސާ ކަޕްގެ ތިން ޕާޓްނަރަކާއެކު ސޮއިކޮށްފިއެވެ.
ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ފޯރިގަދަ އެ ފުޓްސަލް މުބާރާތުގެ ތިން ޕާޓްނަރެއް ހަމަޖައްސައި، އެ ފަރާތްތަކާއެކު ސޮއިކޮށްފައިވަނީ އިއްޔެއެވެ.
އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ވިލި މުއްސަސާ ކަޕްގެ ސަޕޯޓިން ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ގާޑަން ބްރީޒެވެ. އެެ އެއްބަސްވުމުގައި މުބާރާތް އިންތިޒާމުކުރާ ފަރާތުން ސޮއިކުރެއްވީ ކޮމިޓީ މެމްބަރު ނަރީމާ އަބްދުލްޤަނީއެވެ. އަދި ގާޑަން ބްރީޒްގެ ފަރާތުން ސޮއިކުރެއްވީ އެ ރެސްޓޯރެންޓްގެ ވެރިޔާ އަލީ ސިރާޖެވެ.
މުބާރާތުގެ އެންޓަޓެއިންމަންޓް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ބިދަބިންއެވެ. އެެ އެއްބަސްވުމުގައި މުބާރާތް އިންތިޒާމުކުރާ ފަރާތުން ސޮއިކުރެއްވީ ކޮމިޓީ މެމްބަރު ނަރީމާ އަބްދުލްޤަނީއެވެ. އަދި ބިދަބިންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން އެޑިޓަރު މުހައްމަދު އާސިމް (އާއްކޮ) އެވެ.
އެ މުބާރާތުގެ އޮފިޝަލް އިވެންޓްސް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސައިޓް އެންޑް ސައުންޑްސްއެވެ. އެ އެއްބަސްވުމުގައި މުބާރާތް އިންތިޒާމުކުރާ ފަރާތުން ސޮއިކުރެއްވީ ކޮމިޓީ މެމްބަރު ފާތިމަތު ރިޝްފާއެވެ. އަދި ސައިޓް އެންޑް ސައުންޑްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު އަހްމަދު ސައީދެވެ.
މިއީ ވިލި މުއައްސަސާ ކަޕް ބާއްވާ ތިންވަނަ އަހަރެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
ފާއިތުވެދިޔަ ދެ އަހަރު ވެސް އެ މުބާރާތް ބާއްވާފައިވެއެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި އެމްޓީސީސީ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ވިލިމާލެ ހިޔާއެވެ. އަދި 2017 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި ޓީމް ހައުސިން ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މޯލްޑިވް ގޭސްއެވެ.
ވިލި މުއައްސަސާ ކަޕްގެ މައިގަނޑު މަގުސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީ އެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ.