އިބްރާހިމް ޒަކީ
ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެންބަރު މޫސާ އަލީ ކަލޭފާނުގެ އެ ކޮމިޝަންގެ މެންބަރުކަމުން ވަކިކުރަން ކުރިއަށްގެންދަން ޖެހޭ އިޖުރާއަތްތައް ކުރިއަށް ގެންދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއާ ހަވާލު ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މީގެ ކުރިން ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފައިވާ، މޫސާ އަލީ ކަލޭފާނުގެ ހިއުމަންރައިޓްސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމުގައި ހުންނެވުމުން އެތައް ބައެއްގެ ޝަކުވާ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް އަންނަމުންދާ ކަމަށް ވިދާޅުވެ އެ ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު މަޖިލީހަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.
މޫސާ އަލީ ކަލޭފާނު އެ ކޮމިޝަންގެ މެންބަރުކަމުން ވަކިކުރުމުގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދިއުމަށް މުގައްރިރު އެދިވަޑަައިގެންފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެ ކަމާބެހޭ އިޖުރާއަތްތައް ކުރިއަށް ގެންދިއުމަށް ކޮމިޓީއާ ހަވާލު ކުރައްވައިފިކަމަށް މަޖިލިސް ރައީސް އިއުލާން ކުރެއްވިއެވެ.
އެ މައްސަލަގައިގައި ގޮތެއް ނިންމުމަށް އެޖެންޑާ ކޮށްފައިވަނީ މިރޭ 8:30 ގައި އޮންނަ ކޮމިޓީގެ ބައްދަލުވުމަށެވެ.
އެޗްއާރުސީއެމްގެ މެންބަރެއްގެ ގޮތުގައި މިހާރު ހުންނެވި ނަމަވެސް މޫސާ އަލީ ކަލޭފާނުގެ މައްޗަށް 24 މިލިޔަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތު ކޮށްފައިވަނީ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި ހުންނެވިއިރުއެވެ.
ދެހާސް ހަތް ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގައި މަސައްކަތް ކުރައްވާފައިވާ މޫސާ އަލީ ކަލޭފާނު އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރެއްވީ، ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގަ އެވެ.
މޫސާ އަލީ ކަލޭފާނުގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ، ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ރަށްތަކަށް ކޮންސްޓްރަކްޝަން މެޓީރިއަލްސް ހޯދުމަށް 2005 ވަނައަހަރު އެލޮކޭޓް ބިޒްނަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އޭބީސީ) ގެ ނަމުގައި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ދޫކޮށްފައިވާ "ކްރެޑިޓް މުދާ ގަތުމަށް އެދޭ ފޯމު"ތަކަށް އެޕޯލޯ ކުންފުނިން ހަމަ އެއަހަރު އިންވޮއިސް ހުށަހަޅައިގެން ފައިސާ ނަގާފައިވަނިކޮށް އޭބީސީ ކުންފުނިން 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު ހަމަ އެފޯމުތަކުގެ ފޮޓޯ ކޮޕީއަށް ހަދާފައިވާ އިންވޮއިސްތަކަށް ދައުލަތުގެ މާލިއްޔާއިން 24 މިލިއަނަށްވުރެ ގިނަ ރުފިޔާ މަކަރާއި ހީލަތުން އޮޅުވާލައިގެން ނަގާފައިވާ މައްސަލައެއްގައެވެ.
އެ މައްސަލަ ފުލުހުން ތަހުގީގުކޮށް މީގެ ކުރިން ޕްރޮސިއުޓާ ޖެނެރަލްގެ އޮފީހަށްވެސް ފޮނުވިއެވެ.
ނަމަވެސް އޭގެ ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި މޫސާ އަލީ ކަލޭފާނު އެޗްއާރުސީގެ މެންބަރުކަމަށް އައްޔަން ކުރެއްވިއެވެ.