ޝަރުއީ ދާއިރާ

ފަނޑިޔާރުން ގަޑިޖެހުމާއި ކޯޓަށް ހާޒިރުނުވުން ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަނީ

އާނިފާ ހުސެއިން ސިރާޖް

ފަނޑިޔާރުން ގަޑިޖެހުމާއި ކޯޓަށް ހާޒިރުނުވުމަކީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް ހަމަޖައްސައި، "ފަނޑިޔާރުންގެ ހާޒިރީ އާއި ޗުއްޓީ ހަމަޖެއްސުމުގައި އަމަލުކުރާނެގޮތުގެ އުސޫލު" އިއްޔެ ގެޒެޓްކޮށްފިއެވެ.

އިއްޔެ ގެޒެޓްކުރި އުސޫލުގައި ބުނެފައިވަނިީ ފަނޑިޔާރުންގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް ކަމަށާއި ރަމަޟާންމަހު ފަނޑިޔާރުންގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 ކަމަށެވެ. އެގޮތުން ފަނޑިޔާރުން ކޯޓަށް ހާޒިރުވާން ޖެހޭ ގަޑިއަށް ވުރެ އެންމެ މިނެޓެއް ލަހުން ހާޒިރުވިޔަސް ބަލާނީ ގަޑިޖެހުން ކަމަށް ކަމުގައި އުސޫލުގައި ބުނެފައިވެއެވެ.

އެގޮތުން އުސޫލުގައި، މަސްދުވަހެއްގެ ތެރޭގައި ފަނަރަ ދުވަހު ގަޑިޖެހިއްޖެ ނަމަ، ނުވަތަ ތިން ދުވަހު ހާޒިރު ނުވެއްޖެ ނަމަ އެއީ އެ ފަނޑިޔާރެއްގެ އަހްލާގީ މައްސަލައެއްގެ ގޮތުގައި ބެލޭނެ

ސަބަބެއް ކަމަށް ބުނެފައިވެއެވެ. އަދި އަހަރުދުވަހުގެ ތެރޭގައި 180 ދުވަހު ގަޑިޖެހިއްޖެ ނަމަ، ނުވަތަ އަހަރަކު ފަނޑިޔާރަކު ކޯޓަށް ހާޒިރުނުވާ ދުވަސް ތަކުގެ އަދަދު 36 އަށް ވުރެ އިތުރުވެއްޖެ ނަމަ، އެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލައި ފިޔަވަޅުއެޅުމަށް ޓަކައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް (ޖޭއެސްސީ) އަށް ފޮނުވަންވާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

ނަމަވެސް އަމިއްލަ ބާރު ނުފޯރާ ހާލަތެއް ނުވަތަ ދިމާވާ ހާދިސާއެއްގެ ސަބަަބުން ފަނޑިޔާރަށް ކޯޓަށް ހާޒިރު ނުވެވޭ ގޮަތް ވެއްޖެ ނަމަ އެ ދުވަހަކަ ފަނޑިޔާރުގެ ގަޑި ނުޖެހޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ. އަދި އެފަދަ ހާލަތެއްގައި ކޯޓަށް ހާޒިރުވާން ޖެހޭ ވަގުތު ޑީޖޭއޭގެ މަޝްވަރާއާ އެކު އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރު ނުވަތަ އެ ކޯޓެއްގެ އިދާރީ އެންމެ އިސް މުވައްޒަފު ފަނޑިޔާރަށް އަންގާނެ ކަމަށްވެސް ބުނެފައިވެއެވެ.

އުސޫލުގައި ވާގޮތުން ފަނޑިޔާރަކު ނުވަތަ އޭނާގެ ބަލަދު ވެރިކަމުގެ ދަށުގައިވާ މީހަކު ބަލިވުމުގެ ސަބަބުން، ކަނޑައެޅިފައިވާ ރަސްމީ މަސައްކަތުގެ ގަޑިއަށް ނުކުތުމަށް އުޒުރުވެރިވެއްޖެ ނަމަ އެ ދުވަހެއްގެ ރަސްމީ ގަޑި ފެށޭތާ ލަސްވެގެން 30 މިނިޓުގެ ތެރޭގައި އެސްއެމްއެސް މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް އަންގަން ވާނެއެވެ.

ނަމަވެސް ވިދިވިދިގެން ދެ ދުވަހަށްވުރެ ދިގު މުއްދަތަކަށް ސަލާމުގެ ޗުއްޓީގެ ގޮތުގައި ހަމަޖައްސައިދެވޭނީ، ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓުފިކެޓެއް، އެނބުރި ވަޒީފާއަށް ނިކުންނަ ދުވަހު ހުށަހެޅުމުންކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.

ކޯޓަށް ހާޒިރުވާން ޖެހޭ ގަޑީގެ 30 މިނެޓު ކުރިން ވާރޭވެހިގެން ނުވަތަ ދަތުރު ނުކުރެވޭ ވަރަށް ކަނޑު ގަދަވެގެން ކޯޓަށް ހާޒިރުނުވެވޭ ނަމަ، އެދުވަހަކު ގަޑި ނުޖެހޭނެ ކަމަށާއި އެފަދަ ދުވަހެއްގައި ގަޑިޖެހޭނެ ގަޑި ކަނޑައަޅާނީ މޫސުމާ ބެހޭ އިދާރާގެ ރިޕޯޓެއް ހޯދުމަށްފަހު އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރެވެ.

ޑޮކްޓަރެއްގެ ސެޓުފިކެޓަކާއެކު، ސިއްހީ ސަބަބަތުތަކަށް ޓަކައި ދެވޭ ދިގު މުއްދަތުގެ ޗުއްޓީއަކަށް ފަނޑިޔާރަކު އެދިއްޖެ ނަމަ، މުސާރައާއި އިނާޔަތްތަކުގެ ދެބައިކުޅައެއްބައި ދޭ ގޮތަށް އެއް އަހަރުދުވަހަށް ވުރެ ދިގު ނޫން މުއްދަތެއްގެ ޗުއްޓީއެއް ދެވޭނެ ކަމަށާއި ނަމަވެސް މުއްދަތު އިތުރުކުރަން އެދިއްޖެ ނަމަ، މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް މި ޗުއްޓީއަށް އެއް އަހަރު ދުވަސް އިތުރުކުރެވިދާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

ގައިވާއިދުގައިވާ ގޮތުގެމަތިން ކޯޓަށް އަންގައިގެން ސަލާމުގެ ޗުއްޓީ ހަމަޖައްސައިފައި ނުވާ ނަމަ، އެ ދުވަހެއް ބެލޭނީ ހާޒިރު ނުވާ ދުވަހެއްގެ ގޮތުގައެވެ. ފަނޑިޔާރަކު ކޯޓަށް ހާޒިރު ނުވިކަމުގައިވިޔަސް، އެ ފަނޑިޔާރެއްގެ މުސާރަޔަކުން ނުކެނޑޭނެއެވެ. އެހެންނަމަވެސް، އެ ފަނޑިޔާރެއްގެ ޕަރފޮމަންސް އެ ޕްރެއިޒަލް ބެލުމުގައި އެ ރެކޯޑަކީ ބެލޭނެ އެއްޗެއް ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

ފަނޑިޔާރުންނަށް ވެސް ކޮންމެ އަހަރަކު މުސާރަ ލިބޭގޮތަށް ސަލާމުގެ ޗުއްޓީ ގޮތުގައި ލިބޭނީ 30 ދުވަހެވެ. އަދި ހައްޖާއި އުމްރާގެ ޗުއްޓީގެ ގޮތުގައި، ފަނޑިޔާރެއްގެ ހިދުމަތުގެ މުއްދަތުގެ ތެރޭގައި އެއް ފަހަރު، 30 ދުވަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

މިއަދު ގެޒެޓް ކުރި އުސޫލުގައި ކޮންމެ ކޯޓަކުން ވެސް އެ ކޯޓެއްގެ ފަނޑިޔާރުންގެ ހާޒިރީ އާއި ސަލާމާއި ޗުއްޓީގެ ތަފްސީލް ހިމެނޭ ރިޕޯޓު ކޮންމެ މަހަކު އެއް ފަހަރު ޑީޖޭއޭ އަށް ފޮނުވަން ވަނީ ލާޒިމުކޮށްފަ އެވެ.