ރައްޔިތުންގެ މަޖިލިސް

ޓެކްސް ކޮމިޝަނާ ޖެނެރަލް އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް ގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ފޮނުއްވިނަންތައް ކޮމިޓީއަށް

އިބްރާހިމް ޒަކީ

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ގެނައި އިއްލާހާ ގުޅިގެން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީއަށް ފޮނުވައިފިއެވެ.

އެ މަގާމުތަކަށް އައްޔަނުކުރުމަށް އާއްމުކޮށް އިއުލާން ކުރުމުން އެކަމަށް އިޖާބަދެއްވި ފަރާތްތަކުގެ ނަންތައް ހިމެނޭގޮތަށް ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެސިސްޓަންޓް އަމީން އާއްމު އިއްވުމުން އެ ނަންތައް ކޮމިޓީއަަށް ފޮނުއްވިކަން އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މި މަގާމުތަކަށް އައްޔަނުކުރުމަށް އާއްމުކޮށް އިއުލާން ކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމުތަކަށް ޝަރުތު ހަމަވާ ފަރާތްތައް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ތަރުތީބުން މަޖިލީހަށް ފޮނުއްވި ލިސްޓުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ދެ ބޭފުޅުންގެ ނަން މަޖިލީހަށް ވަނީ ފޮނުއްވައިފައެވެ.

އެއީ ފަތުހުﷲ ޖަމީލް ތ. ތިމަރަފުށި ފިނިފެންމާގެ އާއި އިސްމާއިލް ނާޝިދު ހ. ސެނާ އެވެ.

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ހަ ނަންފުޅެއް ރައީސް ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.

އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

މުހައްމަދު ސިރާޖު މުނީރު، ދަޑިމަގު ނިއުލައިޓް، ޏ. ފުވައްމުލައް،

އަސްމާ ޝަފީއު ހއ. އިހަވަންދޫ ވައިޖެހޭގެ

އިސްމާއިލް ސާޖިދު، މއ. ވިލާރޮދި

އަހްމަދް ޝަރީފް، ނ. މަނަދޫ އަނބުގަސްދޮށުގެ،

އަހްމަދު ވާފިރު، ވ. އެލަމް

ހަމްދީ އަގީލް، ހ .ރަންގިލި

މިބޭފުޅުންގެ ތެރެއިން ކަނޑައަޅާފައިވާ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރުމާމެދު މަޖިލީހުން ގޮތެއް ކަނއަޅާނީ، އެ ނަން ފުޅުތައް ކޮމިޓީން ދިރާސާކޮށް ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ފޮނުވުމުންނެވެ.