ރައްޔިތުންގެ މަޖިލިސް

ރައީސް ވައުދުފުޅުވި ލާމަރުކަޒީ ގާނޫނު: 33 ޕަސެންޓު އަންހެނުންނަށް، އާމްދަނީގެ ފަސް ޕަސެންޓު ކައުންސިލްތަކަށް

1

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ، ވައުދުފުޅާ އެއްގޮތަށް ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވީ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު އެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ ފަސް ޕަސެންޓު ކައުންސިލްތަކަށް ދޭން ހުށަހަޅާފައިވާ އިރު، މުނިސިޕަލް ހިދުމަތްތައް ކައުންސިލުތަކުން ފޯރުކޮށްދީގެން ލިބޭ އާމްދަނީ އާއި ރަށްރަށުގެ ބިމު ކުލީން ލިބޭ އާމްދަނީ ވެސް ކައުންސިލްތަކަށް ލިބޭގޮތަށް ހަދަން ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ. ރަށު ފެންވަރުގައި ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ އަގު ފަސް މިލިއަނަށްވުރެ ދަށް ނަމަ، ރަށު ކައުންސިލުން އެ މަޝްރޫއުތައް ހިންގާ ގޮތަށް ބަދަލުކުރުމާއި ކުންފުންޏާއި ކޯޕަރޭޓްސް އުފައްދައިގެން ވިޔަފާރިކުރުމާއި އާމްދަނީ ހޯދުމުގެ ވަސީލަތްތައް ގާއިމުކުރުމާއި އިގުތިސޯދީ ހަރަކާތްތައް ހިންގުމުގެ ބާރު ކައުންސިލުތަކަށް ދޭން ވެސް ބިލްގައި ވަނީ ހިމަނައިފަ އެވެ. ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ކަނޑައަޅާ އުސޫލެއް ދަށުން އިދާރީ ދާއިރާގައި ހިމެނޭ ފަޅުރަށްތައް ބެލެހެއްޓުމާއި އިގުތިސޯދީ ބޭނުންތަކަށް ބޭނުންކުރުމުގެ ބާރު ދިނުމަށް ވެސް ބިލުގައި ހުށަހަޅާފައިވެ އެވެ.

މީގެ އިިތުރުން ލޯކަލް ގަވަންމެންޓް ބޯޑު އަލުން އެކުލަވައިލުމަށާއި ބޯޑު އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އެ ގޮތުން، ބޯޑުގައި ތިއްބަވާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ސީއީއޯ އަކާއި މަޖިލީހަށް ޖަވާބުދާރީވުމަށް އައްޔަންކުރެވޭ ވަޒީރަކާއި ޖެންޑާ އީކުލައިޓީ ދާއިރާއިން މަޖިލީހުން އައްޔަންކުރާ މެންބަރަކާއި ގާނޫނީ ދާއިރާއިން މަޖިލީހުން އައްޔަންކުރާ މެންބަރަކާއި ސިޓީ ކައުންސިލަރުން ތެރެއިން އިންތިހާބު ކުރާ މެންބަރަކާއި އަތޮޅު ކައުންސިލަރުން ތެރެއިން އިންތިހާބުކުރާ މެންބަރަކާއި ރަށު ކައުންސިލަރުން ތެރެއިން އިންތިހާބުކުރާ މެންބަރަކާއި ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވާ ފަރާތެކެވެ. ލޯކަލް ގަވަންމެންޓް އޮތޯރިޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަދަލުކޮށް ގާނޫނުގައި ހިމަން ބިލުގައި ވަނީ ހުށަހަޅައިފަ އެވެ.

ކައުންސިލުތަކުގެ އުމުރު ފަސް އަހަރަށް ބަދަލު ކުރުމާ އެކު، ކައުންސިލުތަކުގެ ގޮނޑީގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމާ އެކު، ސިޓީ ކައުންސިލުގެ މޭޔަރާއި އަތޮޅު ކައުންސިލުގެ ރައީސާއި ރަށު ކައުންސިލުގެ ރައީސް އަދި ނައިބު ރައީސުން އިންތިހާބު ކުރަން ވާނީ ސީދާ ރައްޔިތުންގެ ވޯޓުން ކަމަށް ހެދުމަށް ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ. އަތޮޅު ކައުންސިލު އެކުލެވިގެން ވާނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލުގެ ރައީސާއި ރައްޔިތުން އިންތިހާބު ކުރާ ރައީސަކާއި ނައިބު ރައީސެއްގެ މައްޗަށެވެ. ސިޓީ ކައުންސިލުތައް އެކުލެވިގެން އަންނާން ވާނީ ކުރީން އޮތް ވަކިވަކި ކޮންމެ ރަށަކުން މެންބަރަކު ހިމެނޭނެ ގޮތަށް ކަމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ.

ކައުންސިލުތަކުގެ އިހުތިސާސަކީ، އެ ރަށާއި އެރަށުގެ ރާޅު ޖަހާ ހިސާބުން ފެށިގެން 700 މީޓަރު ކަމަށް ކަނޑައަޅައި އެންމެހައި ވަސީލަތްތައް، ފަޅާއި ފަޅުރަށާއި ފިނޮޅު ހިމެނޭނީ އެރަށެއްގެ އިހުތިސާސް ތެރޭގައި ކަމަށް ކަނޑައަޅައި ފަޅު ރަށެއްގެ އެއްވެސް މިންވަރެއް އެ އިހުތިސާސް ތެރޭގައި ހިމެނޭނެ ނަމަ އެ ރަށެއްވެސް އޭގެ ތެރޭގައި ހިމެނުމަށް ބިލުގައި ހިމަނާފައިވެ އެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މަސްއޫލިއްޔަތުތައް ގާނޫނުގައި ސާފުކޮށް ބަޔާން ކުރުމާ އެކު، އެ މެންބަރުންނަށް އެކަށީގެންވާ އުޖޫރައެއް ކަނޑައެޅުމާއި ހަރަކާތްތައް ހިންގުމަށް އެކަށީގެންވާ ބަޖެޓެއް އެ ކޮމެޓީއެއް ނިސްބަތްވާ ކައުންސިލަކުން ހަމަޖައްސަން ވާނެ ކަމަށް ގާނޫނުގައި ހިމަނަން ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟