ނާހިދް ހެވިލާފައި އެނދަށް ވެއްޓިގަތްއިރު އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. ޖީބުގައި އޮތް ފޯނު ނަގާފައި އޭނާ ނަތާޝާގެ ފޯނަށް މެސެޖެއް ކޮށްލިއެވެ. ބައްދަލުކުރަން ބޭނުންވާ ގަޑި އޭނާ ކަނޑައެޅީ ރޭގަނޑަށެވެ. އޭނާ އެވަގުތުން ފެށިގެން ގަޑި ގުނަން ފެށިއެވެ.
އަޒްކާއަށް މެސެޖް ލިބުނީ އޭނާ އެޕާޓްމަންޓް ބަދަލުވުމަށް ހެދުންތައް ޕެކް ކުރަން އުޅެނިކޮށެވެ.
އޭނާ ތުންފަތަށް ވެރިވި ހިނިތުންވުން ކައިރީގައި އުޅުނު އަމީޒާއަށް ފެނުނެވެ. އޭނާގެ ދަރިފުޅުގެ ހަޔާތަށް ޙާއްސަ މީހަކު އަންނަން އުޅޭހެން މިހާރު އޭނާއަށް ހީވާން ފަށައިފިއެވެ. އެއީ ނާހިދް ކިޔާ ކުއްޖެއްކަން އިނގުނަސް އެއީ އޭނާގެ ޑޮކްޓަރ ކަމެއް އަދި ނޭނގެއެވެ.
"މަންމާ! އަވަހަށް ހިނގާ ހެދުންތައް ޕެކް ކޮށްގެން އެބަޔަށް ގެންދަން. މާދަމާ އިރުއޮއްސޭ ވަގުތަށް މިތަން ހުސްކުރަންޖެހޭ. "މާދަމާ މިގޭ އެބުނާ ފިރިހެންކުއްޖާ އެބައާދޭ" ފޯނު އެނދުމަތީގައި ބާއްވަމުން އަޒްކާ ވާހަކަދެއްކިއެވެ. ހަގީގަތުގައި އޭނާ އަމީޒާ ބަލަން އިންގޮތުން ލަދުގަތީއެވެ. އެއްފަހަރު ވަގު ލޮލުން އަމީޒާއަށް ބަލައިވެސްލިއެވެ. އެމަންޒަރު ފެނުމުން އަމީޒާ ކައިރިއަށް ހިނިއައެވެ.
"މަންމައަށް ހީވަނީ އެހެންވެއެއް ނޫންހެން އަވަސްކުރަން ތިބުނީ" އަމީޒާ ބުނެލިއެވެ. އަޒްކާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އޭނާ ލަސްލަހުން އެސްފިޔަތައް އުފުލާލަމުން ކުރިމަތީގައި އިން އަމީޒާއަށް ބަލައިލިއެވެ. އަމީޒާގެ ދެލޮލުގައިވާ ލާނެއްކަން ފެނި އަޒްކާ ރަކިވިއެވެ.
"އެއީ އެސޮރުތަ؟ އަރޫގެ ނާހިދް ތަ...؟" އަމީޒާ ބުނެލިއެވެ. އަޒްކާ ހީލިއިރު އޭނާގެ މޫނު ލަދުން ރަތް ވެއްޖެއެވެ.
"މަންމާ...!! އެއީ ނަތާގެ މެސެޖެއް. މަންމަ ތިބުނާ ނާހިދަކީ މީހެއްގެ ފިރިއެއް. އަޅުގަނޑު ލޯބިވިޔަސް އެއީ އަޅުގަނޑަށް ދުވަހަކުވެސް ލިބޭނެ ލޯތްބެއްނޫން" އަޒްކާ ބުނެލިއެވެ. އަމީޒާ ދެރަވިއެވެ. އޭނާ ބޭނުންވަނީ ދުނިޔޭގެ ހުރިހާ އުފަލެއް އޭނާގެ ދަރިފުޅަށް ލިބޭށެވެ. އެހެނީ އެދަރިފުޅު ޅަ އުމުރުގައި ތަޙައްމަލުކޮށްފައި ވަނީ ހިތްދަތި ވޭނީ ދުވަސްތަކެކެވެ. އޭނާ ފަދައިން އެ ދަރިފުޅު ލޯބިން މަހުރޫމްވާކަށް އޭނާ ނޭދޭއެވެ.
"މަންމަގެ ހުރިހާ ދުޢާއެއް ވަނީ ދަރިފުޅާއެކު. މާތްﷲ އިރާދަކުރެއްވިއްޔާ އެލޯބި ދަރިފުޅަށް ލިބޭނެ" އަމީޒާ އަސަރާއެކު ބުނެލިއެވެ. އޭނާގެ ދެލޯ ފެންކަޅިވިއެވެ.
"މަންމައަށް އިނގޭތަ ނާހިދަކީ ކާކުކަން" އަޒްކާ ބުނެލިއެވެ. އަމީޒާ ދެލޮލުން ކޮށްލި އިޝާރާތަކާއެކު ނޭނގެއޭ ބުނެލިއެވެ.
"އެއީ މަންމަގެ ޑޮކްޓަރ. އަޅުގަނޑު ކުރިން އުޅުނީ އެގޭގައި. އެގޭގަވެސް އުޅޭނެ އަޅުގަނޑުގެ މަންމަ އާ ބައްޕައެއް. މަންމަ ގޮވައިގެން ދާންވީ ކަންނޭނގެ އެގޭ މަންމަމެންނާ ބައްދަލުކޮށްދޭން" އަޒްކާ ވާހަކަދެއްކިއެވެ. އެގޭ ވާހަކަ ފެށުމާއެކު އޭނާގެ އަޑަށް ޖޯޝެއް ވެރިވިއްޖެއެވެ. ތުންފަތްމަތިން ފުޅާ ހިނިތުންވުމެއްވެސް ވެރިވެއްޖެއެވެ.
"މަންމަގެ ޑޮކްޓަރޭ... ނާ ހަމަ ތެދެއްތަ؟ އެއީ ވަރަށް ހެޔޮ އިންސާނެއް. މަންމަ އާ ވަރަށް ސަމާސާވެސް ކުރާނެ. އިހުތިރާމްވެސް ކުރާނެ. މަންމަ ގެންދެބަލަ އެގެއަށް" އަމީޒާ ވާހަކަދެއްކިއެވެ.
"ނެކްސްޓް ވީކް ގަ މަންމަ ރެޑީވޭ އިނގޭ. އެގޭ މަންމަ ކައިރީގަ ބުނެލާފަ ދުވަހެއް ކަނޑައަޅާނީ" އަޒްކާ ވާހަކަދެއްކިއެވެ.
ހުކުރު ނަމާދަށްފަހު މާހިލް ބުރުހާނުއްދީނާ އެކުގައި މެންދުރުގެ ކެއުމަށް ދިޔައީ ބުރުހާނުއްދީނުގެ އެކުވެރިއެއްގެ ގެއަށެވެ. ބުރުހާނުއްދީނަށް ދަޢުވަތެއް ލިބުމުން އޭނާ ބޭނުންވީ އެކުގައި މާހިލް ގޮވައިގެން ދާށެވެ. އެގެއަށް ވަނުމާއެކު އެ ދެބަފައިންނަށް މަރުޙަބާ ކިއީ ބުރުހާނުއްދީންގެ އެކުވެރި ޒާހިރުގެ އަނބިމީހާ ލަމްހާއެވެ.
"އިށިންނަވާ. އަޅުގަނޑު މިގޮވާލަނީ ޒާހިރަށް" މެހެމްނާދަރީ އަދާކުރުމަށްފަހު ލަމްހާ ވަނީ ކޮޓަރިއަށެވެ. ޖާގަ ތަނަވަސް ބޮޑު ގެއެކެވެ. ކޮންމެ ދިމާލަކަށް ބަލައިލިޔަސް ފެންނަނީ ހައިބަތެވެ.
"އަނހަ ވަރަށް ބޮޑަށް ޝުކުރިއްޔާ އައިސްދިނީމަ. ހިނގާ އަވަހަށް ކާން" ގަމީސް ލަމުން ކޮޓަރިން ނިކުތް ޒާހިރު ބުނެލިއެވެ. ހަތަރު ފަސް ކޮޓަރި ހުރަސްކޮށް ކާމޭޒު ކައިރީގައި އިށީންނަމުން މާހިލް މޭޒުގެ ވަށައިގެން ތިބި ނޯކަރު ކުދިންނަށް ބަލައިލިއެވެ. ރީތި ކުދިބަޔެކެވެ. މާހިލް ހިނިތުންވެލަމުން އިސްޖަހައިލިއެވެ. އެހުރިހާ ކުދިންނަށް ވުރެ ބޮޑަށް އޭނާގެ ހިތުގެ ރާނީ މާ ޗާލެވެ. ދުވަހަކުވެސް ނައިޝީގެ މަގާމަށް އެހެން މީހަކަށް ނާދެވޭނެއެވެ.
ޒާހިރުގެ ދަރިންގެ އިތުރުން ކާފަ ދަރިން އިރުކޮޅަކުން އައިސް ބޮޑު މޭޒު ފުރާލައިފިއެވެ. ބުރުހާނުއްދީނާ މާހިލް އިނީ ޚައިރާންވެފައެވެ. ބޮޑު އާއިލާއެކެވެ.
"މިއީ އަހަރެންގެ ތިން ދަރިން. ދެން މިތިބީ ކާފަ ދަރިން" ޒާހިރު ތަޢާރަފަށް ދިޔައެވެ.
"ލަމް! މިއީ އަހަރެންގެ ވަރަށް ކުރީގެ ރައްޓިއްސެއް. އޭރުގަ ބޭރަށް ދިރިއުޅުން ބަދަލުކުރި ފަހުން ގެއްލުނީ. ވަރަށް ފަހުން މިސްކިތުން ދިމާވެގެން މިގެނައީ" ޒާހިރު ކައިރީގައި އިން އޭނާގެ އަނބިމީހާއަށް އެކުވެރިޔާ ތަޢާރަފްކޮށްދިނެވެ.
"ހިއެއް ނުކުރަން ޒާހިރުގެ މިހާ ބޮޑެތި ކުދިން ތިބޭ ކަމަކަށް" ބުރުހާނުއްދީން ބުނެލިއެވެ.
"ހެހެހެ... މިއީ އަހަރެންގެ މުޅި ދިރިއުޅުމަކީ. އާއިލާއެއް ފުރިހަމަވުމޭ ކިޔަނީ މިއަށް. މިކުދިންނާ ނުލާ އަހަރެންނަކީ ދުނިޔޭގައި ނެތް މީހެއް ފަދަ" ޒާހިރު އިޝާރާތްކުރީ އެތަނުގައި ތިބި ހަތް އަހަރުނުފުރޭ އޭނާގެ ކާފަ ދަރިންނަށެވެ. އެއް އަހަރަށްދާ ފިރިހެން ކުއްޖެއް ޒާހިރުގެ އުނގުގައި އިނެވެ.
"ބުރުހާނުއްދީންގެ ހިތަށް ކުރި ފުންއަސަރެއްގެ ސަބަބުން އިސްޖަހާލިއެވެ. އެފަދަ އާއިލާއަކަށް އޭނާއަށް ވެސް އެދެވެއެވެ. ޒުވާން އުމުރުގައި ކުރެވުނު ކައިވެނި އޭނާއަށް ރޫޅާލެވުނީ އޭރު އޭނާގެ ބޮލަށް ޝާއިތާނާ ސަވާރުވެފައި ހުރުމުން ކަން މިހާރު އޭނާއަށް ވިސްނިއްޖެއެވެ. އެންމެފަހުން ރާއްޖެއިން ބޭރަށް އޭނާ ކުރި ދަތުރުގައި ދިޔައީ ދައްތަ ސަލްމާ ކައިރިއަށެވެ. އޭނާ ސަލްމާގެ ފައިބުޑަށް ވެއްޓި މަޢާފަށް އެދުނެވެ. އޭނާގެ ދިރިއުޅުން އިސްލާހުކުރާނެ ކަމަށް ބުނެ ވަޢުދުވިއެވެ. އޭނާ އެނބުރި އައީ އެހެން އިންސާނެއް އެތެރެހަށީގައި އުފަން ކޮށްގެންނެވެ.
މާހިލްގެ ނަޒަރު ހުއްޓިފައި އިނީ އޭނާގެ ކުރިމަތީގައި އިން އޭނާ އާ ދާދި އެއް އުމުރެއްގެ ފިރިހެނެއްގެ އަތުގައި އިން ހަތް މަހަށްދާ ކުޑަ ކުއްޖަކަށެވެ. އެކުޑަ ކުއްޖާގެ ނަޒަރު ހުއްޓިފައި ވަނީ މާހިލަށެވެ. އެކުޑަ ކުއްޖާގެ މައުސޫމު ދެލޮލަށް ބަލަހައްޓައިގެން އެނާއަށް އިންއިރު އޭނާގެ އުފަން ދަރިފުޅު މަތިން ހަނދާންވާން ފަށައިފިއެވެ. އޭނާއަކީވެސް ކުޑަ ކުއްޖެއްގެ ބައްޕައެކެވެ. ޔަގީނެވެ. އޭނާގެ ދަރިފުޅު އެ ދަރިފުޅުގެ މަންމަ ކައިރީގައި ވަރަށް އުފަލުގައި ހުންނާނެއެވެ. އިސާހިތަކު އެދަރިފުޅަށްޓަކައި އޭނާގެ ހިތުގައި އާދަޔާޚިލާފު ކުލުނެއް އުފެދުނެވެ. އެ ދަރިފުޅު ދެކިލާހިތުން އޭނާ ހިތްތެޅިފޮޅެން ފަށައިފިއެވެ. ބަފައިންތަވަންތަ އިހުސާސް އޭނާގެ ހިތުގައި ހޭލައްވާލައިފިއެވެ. އެންމެ ފަހަރަކު ނަމަވެސް އެދަރިފުޅު އުރާލާ ބޮސްދޭން އޭނާ ބޭނުންވިއެވެ.
ހިމޭންކަމާއެކު ކާން އިން ބުރުހާނުއްދީނުގެ ހިތުގައިވެސް އެތައް ވާހަކަތަކެއް ދެކެވެމުން ދިޔައެވެ. އޭނާގެ ލެއިން އުފެދިފައިވާ ދަރިއަކު އެބަހުއްޓެވެ. އެދަރިފުޅު އުމުރުން ބޮޑުވެ މީހަކާ ކައިވެނިކުރި އިރުވެސް އެދަރިފުޅަށް އޭނާގެ ހަގީގީ ބައްޕައަކީ ކާކުކަން ނޭނގެއެވެ. އެދަރިފުޅު ދުނިޔެއަށް ނޭވާލުމުގެ ކުރިން އޭނާ ވަނީ އެދަރިފުޅު ނައްތާލަން މަސައްކަތްކޮށްފައެވެ. އޭރު އޭނާއަށް ނުވިސްނުނީއެވެ. މިހާރު އޭނާ އެދެނީ މާހިލް އެކޭ އެއްފަދައިން ނާހިދް ވެސް އޭނާއަށް ބައްޕަ ކިޔާ އެކުގައި އުޅުމަށެވެ. އަދި ހާއްސަކޮށް އޭނާ އެކްސިޑެންޓްވުމުން ހޮސްޕިޓަލަށް ގެންގޮސް ފުރާނަ ސަލާމަތްކުރުމަށް ލޭދިނީ ނާހިދްކަން ސަލްމާގެ ފަރާތުން އިނގުމުން މާބޮޑަށް އޭނާ ހުރީ ނާހިދާ ބައްދަލުކުރަން ބޭނުންވެފައެވެ. އިއްތިފާގަކުން ނަމަވެސް ހެއްދެވި ފަރާތުން މިވަނީ އެދެބަފައިން ވަގުތުކޮޅަކަށް ނަމަވެސް ދެފަހަރެއްގެ މަތިން އެއްތަން ކުރުވާފައެވެ.
ކައި ނިމިގެން މާހިލްގެ ސައިކަލް ފަހަތުން ބުރުހާނުއްދީން ދިޔައިރު ވިސްނަމުން ދިޔައީ އޭނާގެ ދަރިއަކު ހުންނަކަން ބުރުހާނުއްދީން ކައިރީގައި ބުނާނެ ގޮތަކާ މެދުގައެވެ. އަދި ކުރިން އޭނާއަށް ހެދިފައި ހުރި ގޯސްތަކުގެ ވާހަކަތައް ކިޔައިދީ މަޢާފަށް އެދޭނެ ގޮތަކާ މެދުގައެވެ.
"ބައްޕާ! އެބައޮތް ވާހަކައެއް ދައްކަންވެފަ" މާހިލް ބުނެލިއެވެ.
"އެކަމަކު މިހާރަކުނޫން. ގެއަށް ގޮށްސަ" މާހިލް ބުނެލިއެވެ.
"ބައްޕަވެސް ބުނަންވެފަ އޮތް ވާހަކައެއް އެބައޮތް. އެއީ ކޮންމެހެން ދަރިފުޅަށް އިނގެންޖެހޭ ހަގީގަތެއްގެ ވާހަކަ" ބުރުހާނުއްދީން ބުނެލިއެވެ. މާހިލް އަކީ އޭނާގެ އުފަން ދަރިއެއް ނޫންކަމަށާއި ނާހިދަކީ އޭނާގެ އުފަން ދަރިއެއްކަން މާހިލް ކައިރީގައި ބުނަންވީ ވަގުތު ޖެހުނީކަން އޭނާއަށް އެނގިއްޖެއެވެ.
ނަތާޝާއާއި އެކުގައި ފިހާރައަށް ވަން އަޒްކާގެ ދެލޯ އަމާޒުވީ ކައުންޓަރ ކައިރީގައި އިން މޯހަންދާސްއަށެވެ. އޭނާ ނަތާޝާގެ ފުރަގަހަށް ވަދެ ފިލިއެވެ. އޭނާ ނާހިދާ ބައްދަލުކުރަން އައިސް ހުރިކަން މޯހަންދާސްއަށް އިނގޭކަށް އޭނާ ބޭނުމެއްނުވިއެވެ. އެހެންކަމުން އޭނާ ހެދުންތަކުގެ ބިތްދަށަށް ވަދެ ނިވާވިއެވެ. އިރުކޮޅެއްވީތަނާ މޯހަންދާސް ފިހާރައިން ނިކުމެ ސައިކަލަށް އަރާ ނައްޓައިލިއެވެ. އަޒްކާ ހަމަޖެހުމުގެ ނޭވައެއްލިއެވެ. އިރުކޮޅަކުން ނަތާޝާގެ ފޯނަށް މެސެޖެއް އައެވެ.
"ތިތަނުން ބޭރުމީހެއް ކައިރީގައި ބުނޭ ލިފްޓް ދައްކާށޭ. ލިފްޓުން އާދޭ ތިންވަނަ ފްލޯރއަށް. ހުންނާނެ ބްރައުންކުލައިގެ ދޮރެއްލާފައި އިން އެޕާޓްމަންޓެއް. ދޮރުން ވަނީމަ އަހަރެން ފެންނާނެ" ނާހިދްގެ މެސެޖް އަޒްކާއަށް އިވޭ ވަރަށް ނަތާޝާ ކިޔާލިއެވެ.
"ފޮނި ފިރިހެނެއް. ހީވަނީ މަހެން މިއުޅެނީ ބައްދަލުކުރާހިތުން" އަޒްކާ ބުނެލިއެވެ.
"އެކަމެއް ނޭނގޭ. އަޒްކީގެ ހާޓްބީޓް އަޑު ނަތާއަށް އެބައިވޭ މިހާރު. ދައްކަބަލަ. އަތްތިލަވެސް ފިނިވެއްޖެ" ނަތާޝާ ސަމާސާ ކޮށްލިއެވެ.
"ހޫން... މަށެއް ނޫޅެން. ދެންވެސް ހިނގާ" އަޒްކާ ބުނެލިއެވެ.
"އަޒްކީ ދޭ. ނަތާ މިތާ މަޑުކޮށްލާނަން" ނަތާޝާ ބުނެލިއެވެ. ނަމަވެސް އެގޮތް އަޒްކާ ބޭނުމެއްނުވިއެވެ. އޭނާ ބޭނުންވީ ނަތާޝާ ގޮވައިގެން ދާށެވެ. ނާހިދު އޭނާއާ ވާހަކަދައްކަން ޖެހޭނީ ނަތާޝާގެ ހާޟިރުގައެވެ.
"ނަތާ! ތިދެމީހުން އުޅޭގޮތް މަށަށް އެބަފެނޭ. އަޒްކާ ކައިރީގަ ބުނޭ އަހަރެން ކައެއް ނުލާނަމޭ" އަނެއްކާވެސް ނާހިދުގެ މެސެޖެކެވެ. ނަތާޝާ އެވާހަކަ ބުނުމާއެކު ވަގުތުން އަޒްކާ ހިމޭންވިއެވެ. ކައިރީގައި އައިސް ހުއްޓުނު ބޭރުމީހާ ފަހަތުން ދެކުދިން ހިނގައިގަތްއިރު އަޒްކާގެ ހިތްވަނީ އަވަސްވެފައެވެ. ތިންވަނަ ފްލޯރއަށް ލިފްޓު ހުއްޓުމާއެކު ދެކުދިން ނިކުތެވެ. ނާހިދް ބުނި އެޕާޓްމަންޓު ހުޅުވަންޖެހުނީ ނަތާޝާއަށެވެ. ހުޅުވިގެން ދިޔަ ދޮރާއެކު އެތެރޭގައި ހުރި ނާހިދް ނަތާޝާއަށް ފެނުނެވެ. ހަމައެއާކު ތަނުގައި ހިފާލާފައިވާ މީރުވަހުން ނަތާޝާއަށް އެތެރެއަށް ނޭފަތް ދަމާލެވުނެވެ. ދޮރުމަތީގައި ހުރި އަޒްކާ ނާހިދަށް ފެނުނީ ނަތާޝާ އެއްކައިރިވެލީމައެވެ. ނާހިދްގެ ނަޒަރު އަޒްކާއަށް ހުއްޓުނެވެ. ސްކާރލެޓް ކުލައިގެ އަތްދިގު މިޑީގައި އަޒްކާގެ ލޫޅާފަތި ހަށިގަނޑު ކިތަންމެހާވެސް ލޯތްބެވެ. ނާހިދްގެ ހިތް ތާރީފް ކޮށްލިއެވެ. އިސްތަށިގަނޑު އެއްކޮށް މައްޗަށް އައްސާލާފައި ހުރިއިރު ދޮން ކަރާއި ކަނދުރާ އޮތީ ހާމައަށެވެ. ދޮންދޮން ކަރު ފަޅުފިލުވާލާފައިވަނީ ރިހި ކުލައިގެ ހިމަ ފަށަކުންނެވެ. ހަމަ އެކުލައިގެ ކްލަޗެއް އަތުގައި އޮތްއިރު އޭނާގެ ދޮން ދެފައިތިލައިން ކުޑަތަންކޮޅެއް ފެންނަން ހުއްޓެވެ. ނާހިދަށް ނުބަލަންވެގެން އޭނާ ހުރީ އެހެން ދިމާލަކަށް ނަޒަރު ހުއްޓާލައިގެންނެވެ.
ނާހިދް ސިހުނީ ނަތާޝާ ކަރުކެހިލުމުންނެވެ. ނާހިދް ނަތާޝާއަށް ބަލައިލިތަނާ އަޒްކާ ނާހިދަށް އަވަސް ނަޒަރެއްދިނެވެ. ކަޅު ކުލައިގެ އަތްދިގު ގަމީހުގައި ނާހިދް ހުރިގޮތް އަޒްކާއަށް ވަރަށް ކަމުދިޔައެވެ. އޭނާ ދެލޯ ނޭދި އެދޭ ހިތުގެވެރިޔާ އެހުރީ އޭނާގެ ކުރިމަތީގައެވެ. ބިންނަން އިންތިހާއަށް އެދެވޭއިރު އަތްލެވޭކަށް ނެތެވެ. ނާހިދް ބަލައިލުމާއެކު އަޒްކާ އެހެން ދިމާލަކަށް ބަލައިލިއެވެ.
"ނަތާ މަޑުކޮށްލަންވީނުން މިތާ ގޮނޑީގަ" ނާހިދް ބުނެލިއެވެ. އަޒްކާ ހިތުގައި ބިރުވެރިކަމެއް ހިފާލިއެވެ. އެހެންމަވެސް އޭނާ އަމިއްލަ ހިތަށް ވިސްނައިދިނެވެ. އިތުރު މީހެއްގެ ހާޟިރުގައި އޭނާއަށް ވާހަކަދައްކަން އުނދަގުވީއެވެ. އެބިރުވެރިކަން ފިލައިގެން ދިޔައީ އެތައް ޒަމާނަކަށްފަހު ނާހިދްގެ އަޑު އެއްވެސް ހުރަހެއްނެތި އޭނާގެ ކަންފަތުގައި ބީހިލުމުންނެވެ.
"ނަތާގެ އެކުވެރިޔާ ކައިރީގައި ބުނޭ މިކޮޓަރިއަށް ވަދެލާށޭ..." އަޒްކާ ކައިރީގައި ބުނަން ނާހިދަށް ނުކެރުނެވެ.
"ނާހިދް ބުނެބަލަ. ތިދެމީހުން ކޮޓަރީގަ ތިބެ ދައްކާ ވާހަކަވެސް މިތާ އިނދެ މަތަ ފޯނުން ކިޔައިދޭންވީ" އަޒްކާ ކައިރިއަށް ހިނިއައެވެ. ނާހިދްވެސް ހީލިއެވެ.
"އަޒްކާ މަޑު ހިނގުމެއްގައި ހިނގާފައި ގޮސް ކޮޓަރީ ތަޅުގައި ހިފައިލިއެވެ. ނާހިދް ކޮޓަރިއަށް ވަނީ އަޒްކާގެ ފަހަތުންނެވެ. ކޮޓަރީގެ ހުރިހާ ދިމާލެއް ބަލައިލުމަށްފަހު އަޒްކާ ނިކުތީ ކޮޓަރިން ތެރެއިން ނިކުމެވެން ހުންނަ ބެލްކަންޏަށެވެ. ކޮޓަރި ތެރޭގައި ހުންނަން އޭނާއަށް އުނދަގުވީއެވެ. މާބޮޑު ޖާގައެއް ނެތަސް ދެމީހުންނަށް ހަމަޖެހިލައިގެން ތިބެވޭނެހާ ޖާގަ ބެލްކަނީގައި ހުއްޓެވެ. ނާހިދް ބެލްކަންޏަށް ނިކުތީ ކުރިމަތީގައި ހުރި އަޒްކާއަށް ބަލަހައްޓައިގެން ހުރެއެވެ.
"ކޮންގެޖުލޭޝަންސް" އަޒްކާ ކައިރީގައި ނާހިދް ހުއްޓުމާއެކު އެންމެ ފުރަތަމަ އަޒްކާ ބުނެލިއެވެ.
"ކޮންކަމަކަށް" ނާހިދް އަހައިލިއެވެ.
"މެރީކުރީމަ. ކޮންމެ އިރަކުން ކިޔަސް ކިއިދާނެތާ" އަޒްކާ ބުނެލިއެވެ.
"އަޒްއަށްވެސް ވަރަށް ބޮޑަށް މަރުހަބާ. އެކަމަކު އެންމެ ފުރަތަމަ ބުނާނީ ތެންކިޔުއޭ މިތަނަށް އައިސްދިނީތީ" ނާހިދް ބުނެލިއެވެ.
"ކޮންކަމަކަށް މަށަށް މަރުހަބާ ކިއީ؟" އަޒްކާ އަހައިލިއެވެ.
"އެއީ އަޒް މަށަށް ވުރެ ކުރިން މެރީ ކުރީމަ. އަދި ކިޑެއް ހޯދީމަ" ނާހިދް ބުނެލިއެވެ. އަޒްކާ މޫނުމަތި މިލައިގެން ދިޔައެވެ. އޭނާ ހިތުގައިޖެހުނެވެ. ދެލޮލަށް ކަރުނަ ޖަމާވުމުގެ ކުރިން އޭނާ ނާހިދަށް ފުރަގަސްދިނެވެ.
"ލައިފް ކިހިނެއް؟ ކޮންކަހަލަ ކިޑެއް ލިބުނީ؟" ނާހިދް އަހައިލިއެވެ.
"ގާރލްއެއް. އައިޒާ ކިއީ... ނާހިދްގެ ލައިފް ކިހިނެއްތަ؟" އަޒްކާ ވަރަށް ހިތްވަރުކޮށްފައި ވާހަކަދެއްކިއެވެ.
"މާޝާﷲ. ވަރަށް ރީތި ނަމެއް. އަހަރެން ދޯ... ގޯހެއްނޫން" ނާހިދް ބުނެލިއެވެ.
"އެހެންވިއްޔާ އަހަރެންގެ ލައިފްވެސް ހީކޮށްލާ ރަނގަޅޭ" އަޒްކާ ބުނެލިއެވެ. ދެލޮލަށް ޖަމާވި ކަރުނަތައް އޭނާ ހިންދާލިއެވެ.
"ކޮބާ ދަރިފުޅު މިހާރު؟" ހީލުމަކާއެކު ނާހިދް އަހައިލިއެވެ. އަޒްކާ ހިތުގައި ޖެހުނެވެ. ބުނާނީވެސް ކީކޭ ހެއްޔެވެ؟ ޔަޤީނެވެ. ނާހިދަށް ޙަގީގަތް އިނގޭނަމަ އެސުވާލު އޭނާއާ ނުކުރީހެވެ.
"ނާހިދްގެ އަނބިމީހާ ދައްކާލާނީ ކޮންއިރަކުން؟" އަޒްކާ ޖަވާބުދިނީ ނާހިދް ކުރި ސުވާލަކަށް ނޫނެވެ.
"އަޒް ގެއަށް އާދޭ. އޭރުން ދައްކާލާނަން" ނާހިދް ބުނެލިއެވެ.
"ޔަޤީންތަ؟" އަޒްކާ ބުނެލިއެވެ.
ނާހިދް ބޯޖަހައިލިއެވެ.
"އަހަރެން ވާހަކައެއް އަހާލަންތަ؟" ނާހިދް ބުނެލިއެވެ.
"އަހަރެންނަށް ޖަވާބުދެވޭވަރުގެ ސުވާލެއް ވިއްޔާ ޖަވާބުދޭނަން" އަޒްކާ ބުނެލިއެވެ. ނާހިދްގެ ސުވާލަކީ ކޮބާކަން އޭނާއަށް އިނގޭ ކަހަލައެވެ.
"އަހަރެން ނާހާނާން އެރޭގަ ގެއިން ނިކުތީ ކީއްވެގެންތޯއެއް. އަހަރެން އަހާލަން ބޭނުންވަނީ އަޒްގެ ހަޔާތުގަ އެހާ ހާއްސަ މީހަކު ހުރިއިރު ކީއްވެގެންހޭ އަހަރެންނާ އެހާ ކްލޯޒްވީ. މިބުނީ ދެޓް ކިސް..." ނާހިދަށް ކުރިއަށް ނުގެންދެވުނެވެ.
"ސްޓޮޕް އިޓް ނާހިދް. ނާހިދް ހީކުރަނީ އެރޭ އަހަރެން ގެއިން ފިލީ އަހަރެންގެ ބޯއީފްރެންޑެއް ހުރީމައޭތަ؟ ނާހިދަށް ހީވަނީތަ އެހެން؟ އެންމެ ފަހަރަކުވެސް ހަގީގަތް ހޯދަން މަސައްކަތްކުރިންތަ؟" އަޒްކާ ވާހަކަދެއްކިއެވެ.
"ނޭނގުނު. ކޮންކަމެއް އަޒްއަށް ދިމާވީ. އެރޭގެ ކުރިން އަހަރެމެން ދެމީހުންނަކީ ދެ އެކުވެރިން. ކަމެއް ދިމާވީމަ އެކުވެރިއެއްގެ ހައިސިއްޔަތުން ކީއްވެ ނުބުނެވުނީ" ނާހިދް ވާހަކަދެއްކިއެވެ.
"އަހަރެން ކިހިނެއްބުނާނީ؟ އަހަރެންނަށް ނުވި އެކަމެއް" އަޒްކާގެ އަޑަށް ބަދަލުއައެވެ. އޭނާއަށް ރޮވިއްޖެއެވެ.
"ކީއްވެތަ އަހަރެންނަށް ފޭސްކޮށްގެން ހުރެ ވާހަކަނުދައްކަނީ. ކޯޗެއް އަހަރެންނަށް ތިފޮރުވަނީ" ނާހިދް ބުނެލިއެވެ.
"އަހަރެންގެ ކަރުނަތައް. އެކަރުނަތަކަކީ އަހަރެން އެއްވެސް މީހަކަށް ދައްކަން ބޭނުންވާ އެއްޗެއް ނޫން. މީގެ ދުވަސްތަކެއް ކުރިން އަހަރެން ނިންމައިފިން އެކަރުނަތައް މީހުންގެ ކުރިމަތީގައި ނުބާލަން" އަޒްކާ ވާހަކަދެއްކިއެވެ. ނާހިދް އެއްޗެއް ނުބުނެވެ. އަޒްކާއަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީއެވެ. އަޒްކާ އެ ސިއްރުކުރަނީ ކޮންކަމެއް ހެއްޔެވެ؟
"އަހަރެން... އަހަރެން އަދިވެސް އަޒްދެކެ ވަރަށް...."
"ޕްލީޒް ނުބުނޭ. ނާހިދް ތިއީ މީހެއްގެ ފިރިއެއްނުން" ކުއްލިއަކަށް އަޒްކާ އެނބުރި ނާހިދްގެ އަނގަމަތީގައި އަތް އެޅިއެވެ. ހަތަރުކަޅި ބައްދަލުވި ވަގުތު އެކަކަށްވެސް އެއްޗެއް ނުބުނެވުނެވެ. ކަރުނުން ބަރާވެފައިވި އަޒްކާގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ ނާހިދް ގެ އަނގަމަތީގައި އަޅާފައި އިން އަޒްކާގެ އަތްތިލައިގައި ބޮސްދިނެވެ. އަޒްކާ އަތް ދަމައިގަތީ ކުއްލިއަކަށެވެ.
"އަހަރެން ދަނީ" އަޒްކާ ދުއްވައިގަންނަން އުޅުނު ވަގުތު ނާހިދް އަޒްކާގެ އަތުގައި ހިފެހެއްޓިއެވެ.
"ދޫކޮށްލާ ނާހިދް. އަހަރެން ދިޔަދީ" އަޒްކާ ބުނެލިއެވެ. އިތުރަށް މަޑުކުރަންވެއްޖެނަމަ އޭނާއަށް ގޯހެއް ހެދިދާނެއެވެ. އިންސާނަކަށް ވީތީ ކެތްކުރެވޭނީ ވަކި ވަރަކަށެވެ. ކުއްލިއަކަށް ނާހިދް އަޒްކާއާ ކައިރިވާހެން އަޒްކާއަށް ހީވިއެވެ. އޭނާ ކުޑަކޮށް ފަހަތް ބަލައިލިއިރު ނާހިދް ހުރީ ދާދި ކައިރީގައެވެ.
"އަހަރެންނާ އެހާ ކައިރިއަށް އައިއްސަވެސް ދަނީތަ؟" ނާހިދް ބުނެލިއެވެ. އޭނާއަށް ނާހިދަށް ބަލައިލަން އުނދަގުވިއެވެ. ނާހިދްގެ ވާހަކަތައް ބަދަލުވެއްޖެއެވެ. އަނެއްކާ ވާން މިއުޅެނީ ކިހިނެއް ހެއްޔެވެ؟
"ނާހިދް! މިއީ ރަނގަޅުގޮތެއް ނޫން. އަހަރެން ދާންބޭނުން. ހެޔޮނުވާނެ އަހަރެން ނުހިފަހައްޓާ" ނާހިދްގެ އަތުން އަޒްކާ އަތް ދަމައިގަތެވެ. ހަމަ އެހިނދު ހުޝިޔާރުވެގެން ހުރި ނާހިދް އަޒްކާގެ ދެކޮނޑުގައި ހިފާ ފަހަތަށް ދަމައިލިއެވެ. އެއާއެކު އަޒްކާގެ ބުރަކަށި އައިސް ތަތްވީ ނާހިދްގެ މޭމަތީގައެވެ.
"ލަވިންގް ޔޫ އިޒް ލައިކް ބްރީތިންގް. ހައު ކެން އައި ސްޓޮޕް؟" ވައި އަޑުން އަޒްކާގެ ކަންފަތް ދަށުގައި ނާހިދް ބުނެލިއެވެ. އަޒްކާއަށް ހީވީ އޭނާ ގަނޑުވި ހެންނެވެ. އެ އަޑުގައިވި ހިތްދަތިކަން އަޒްކާގެ ހިތުގެ އެންމެ ހިމަ ނާރަށް އަސަރުކުރުވައިފިއެވެ. ފާޅުގައި ލޯބިވާ ވާހަކަ ނާހިދް އެބުނީ އަދި ފުރަތަމަ ފަހަރަށެވެ. ލޯބިވާ ވާހަކަ ބުނަން އޭނާ ހިތްއެދުނެވެ. ލޯބިން އެމޭގައި ބޯއަޅާލަން ހިތް އެދުނެވެ. އޭނާގެ ލޯބިން ނާހިދްގެ ހިތް ފުރާލަން އެ ހިނދުކޮޅުގައި އޭނާ ހިތްއެދި ގޮވަން ފެށިއެވެ. ނަމަވެސް އޭނާ އަމިއްލަ ނަފްސް ކޮންޓްރޯލް ކުރިއެވެ. އަންހެނަކަށްވެ ހުރެ އަންހެނެއްގެ ދިރިއުޅުން ހަލާކުކޮށްލާނީ ކިހިނެއް ހެއްޔެވެ؟ އޭނާ ނާހިދްގެ އަތް ދަށުން ވީއްލިގަނެގެން ދުއްވައިގަތެވެ. އެވަގުތު އަޒްކާގެ ދެލޮލުގައި ފުރި ބާރުވެގެން ތިރިއަށް ފައިބަމުންދިޔަ ކަރުނަތައް ނާހިދަށް ފެނުނުނަމަ އޭނާ ފަދައިން އަޒްކާގެ ހިތުންވެސް އޭނާއަށް އެދޭކަން އެނގުނީހެވެ. އަޒްކާ ދިޔަ ދިމާލަށް ބަލަން ނާހިދް ހުރިއިރު އޭނާގެ މޫނުމަތި އެއްކޮށްވަނީ މިލާފައެވެ. ދުނިޔޭގައިވާ ހުރިހާ ހިތާމަތަކެއް އޭނާގެ މޫނު މައްޗަށް ޖަމާވެފައިވާ ކަހަލައެވެ. ދެލޮލުން ކަރުނައައެއް ކަމަކު އޭނާގެ މޭތެރޭގައިވާ ހިތް ރޮމުން ދިޔައެވެ. އަޖައިބެއް ފަދަ ލޯތްބެކެވެ. ލޯބީގައި އެއްބަޔަކު މާ ބަގީޗާގައި އެތައް ކުލައެއްގެ މާތައް ފޮޅުވަމުން ދާއިރު އޭނާއަށް މިޖެހުނީ ލޯތްބަށް އެދި ބަގީޗާ ބޭރުގައި ކުރުކަކޫ ޖަހައިގެން އިންނާށެވެ. މިފަދަ ހިތްދަތި ވޭނެއް އިހުސާސް ވާނީ މިވޭން ތަޙައްމަލް ކުރަމުންދާ ނާހިދް ފަދަ ދެވަނަ އިންސާނަކަށެވެ.
ނަތާޝާއާއި އެކީގައި މަގުމަތީގައި ހިނގާފައި ދިޔަ އަޒްކާ އެއްވެސް ބަހެއް ނުކިޔާތީ ނަތާޝާ ހުރީ ކަންބޮޑުވެފައެވެ. އޭނާ އިރުކޮޅަކާ އަޒްކާގެ މޫނަށް ބަލައިލައެވެ. އެގޮތުގައި ވަކި ހިސާބަކަށް ދިޔަތަނާ އަޒްކާ ނޭފަތް ދަމާލި އަޑު ނަތާޝާއަށް އިވުނެވެ. އޭނާ އަޒްކާގެ އަތުގައި ހިފަހައްޓާ ހުއްޓުވިއެވެ. ކަމެއް ގޯސްވެއްޖެކަން އޭނާއަށް އިނގިއްޖެއެވެ.
"ރޮނީތަ؟ ވަޓްސް ގޮއިންގް އޯން" ނަތާޝާ އަހައިލިއެވެ.
"މިތަނުގަތަ ވާހަކަދައްކާނީ. ފަހުން ކިޔައިދޭނަން. މިގަޑީގަ ބޭނުމީ އަވަހަށް ގެއަށް ދާން" އަޒްކާ ބުނެލިއެވެ.
"އޯލްރައިޓް. ބަޓް ޕްލީޒް. ޑޯންޓް ކްރައި" ނަތާޝާ ބުނެލިއެވެ. އަޒްކާ ބޯޖަހައިލިއެވެ.
އަޒްކާގެ އިހުސާސްތަކަށް ނަތާޝާ އިހުތިރާމު ކުރިއެވެ. މަގުމަތިން ދިޔަ ޓެކްސީއެއް ނަގައިގެން ދެކުދިން ގެއާ ދިމާލަށް ދިޔައިރު އިތުރަށް އެއްވެސް ކުއްޖަކު ބަހެއް ނުކިޔައެވެ.
ނާހިދް އެނދުގައި ބަންޑުން އޮތެވެ. އޭނާ އޮތް ގޮތުން އޮތީ ނިދާފައި ކަމެއް ނުވަތަ ހޭލާ ކަމެއް ނައިޝީއަށް ނޭނގެއެވެ. ގައިގައި އަތްލާކަށް ނައިޝީއަށް ނުކެރުނެވެ. ބޭރުގައި އުޅެފައި ގެއަށް އައިގޮތަށް އޭނާ އެ އޮންނަނީ އެހެންނެވެ. ހެޑްބޯޑުގައި ލެގިލައިގެން ނާހިދަށް ބަލަހައްޓައިގެން ނައިޝީ އިނެވެ. އަނެއްކާވެސް އެދެމަފިރިން ދޭތެރޭގައި ގޮތްނޭނގޭ ފާރެއް ލެވިއްޖެއެވެ. ދެމަފިރިންގެ އެކީގައި ލޯބީގެ ވަގުތުކޮޅެއް ހޭދަކޮށްނުލާތާ އެތައް ދުވަހެކެވެ. މިފަހަރުވެސް ބަދަލު އައީ ނާހިދަށެވެ. ސައިޑްކަބަޑް މަތީގައި އޮތް ނައިޝީގެ ފޯނު ރިންގުވާން ފެށީ އެވަގުތުއެވެ. އޭނާ ބަލައިލިއިރު ގުޅަނީ އިނާޝާއެވެ. މިހާރަކަށް އައިސް އިނާޝާއަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އޭނާ ވިސްނާ ވިސްނާ މިހާރު ބޯގޮވާން ކައިރިވެއްޖެއެވެ.
"މަންމާ.." ފޯނު ކަންފަތުގައި ޖަހާފައި ނައިޝީ ބުނެލިއެވެ. ބަހެއް ނުބުނެ އިރުކޮޅަކުން އެނދުން ތެދުވެގެން ގޮސް ހުއްޓުނީ އަލަމާރި ކައިރީގައެވެ. ނިދަން ލައިގެން ހުރި ހެދުން ބަދަލުކޮށްގެން ކޮޓަރިން އޭނާ ނިކުތެވެ. މަޑުމަޑުން ހިނގާފައި ކޮރިޑޯ ހުރަސްކޮށް އިނާޝާގެ ކޮޓަރީގައި ޓަކި ޖަހައިލިއެވެ. އިރުކޮޅަކުން އެތެރެއިން 'ހުޅުވާފަ' އޭ ބުނެލި އަޑު އިވުނެވެ.
(ނުނިމޭ)