ކްރިމިނަލް ކޯޓް

އަލްހާނަށް ހަމަލާދިން މީހާ ހަތް އަހަރަށް ޖަލަށް

އާނިފާ ހުސެއިން ސިރާޖް

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީއަށް ވަޅިން ހަމަލާދިން މައްސަލައިގައި ތުހުމަތު ކުރެވޭ ސ. ހިތަދޫ، އުލްފާ މަންޒިލް، މުހައްމަދު ނަސީމް ހަތް އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓުން މުހައްމަދު ނަސީމްގެ މައްޗަށް ކުރި ހުކުމުގައި ބުނެފައިވަނީ، ދައުލަތުން ކުރި، މީހެއްގެ ހަށިގަނޑަށް ގެއްލުންދިނުމުގެ ދައުވާއަށް އޭނާ އިންކާރުކުރި ނަމަވެސް މައްސަލައިގައި ހުށަހަޅާފައިވާ ހެކިންގެ ހެކިބަހާއި އެހެކިތައް ގުޅުވައިދޭ ގަރީނާތަކުން، ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް އެކަން ސާބިތުވާ ކަމަށެވެ.

މުހައްމަދު ނަސީމްގެ މައްޗަށް ދައުލަތުން ހުކުމް ކޮށްފައިވަނީ މީހެއްގެ ހަށިގަނޑަށް ގެއްލުން ދިނުމުގެ ދައުވާގައި ފަސް އަހަރަށް، އަދި އެ ކުށް ކުރުމުގައި ތޫނު އެއްޗެއް ބޭނުންކޮށްފައިވާތީ ދެ އަހަރު ދުވަހަށް ޖަލަށް ލުމަށެވެ.

އަލްހާނަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެއްވަނަ ދުވަހު އާޓިފިޝަލް ބީޗްގެ "ބުރޭކް ވޯޓަރ" ރެސްޓޯރެންޓުގައި އިންނަވަނިކޮށެެވެ.

މި ހަމަލާ ދިނުމަށް މުހައްމަދު ނަސީމް ބޭނުންކޮށްފައިވަނީ ގާތްގަނޑަކަށް ހަތް އިންޗި ހުންނަ ވަރުގެ ވަޅިއެއް ކަމަށް ކުރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

މި ހަމަލާގައި ލިބުނު އަނިޔާތަކާ ގުޅިގެން އަލްހާނަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބި ސްރީލަންކާއިން ފަރުވާ ހޯދާފައެވެ.