ބޮލީވުޑް

ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް ދީޕިކާ ކުރި ޕޯސްޓުން ފާޑުކިޔުން އަމާޒުވެއްޖެ

ބަތަލާ ދީޕިކާ ޕަޑުކޯން އަކީ ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ އެންޖީއޯއެއް ހިންގާ އެކްޓްރެސް އެކެވެ. ލިވް ލަވް ލާފްގެ ނަމުގައި ހިންގަމުން އަންނަ މި އެންޖީއޯއިން ވަނީ ނަފުސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މިއަހަރުގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް ދީޕިކާ ނިންމީ އޭނާގެ އެންޖީއޯއަށް ފަންޑްރައިޒް ކުރުމުގެ ހަރަކާތެއް ހިންގާށެވެ. އެހެންކަމުން އެކަމަށްޓަކައި އޭނާގެ ކްލޯސެޓް ހުޅުވާލިއެވެ. އަދި ފޭނުންނާއި މީސްމީޑިއާގައި އޭނާ ފޮލޯ ކުރާ ފަރާތްތަކަށް އެ ކްލޯސެޓްގައި ހުރި ހެދުންތަކާއި އެސަސަރީޒްތައް ގަތުމަށް އެދިފައިވެއެވެ.

ދީޕިކާ ކުރި ޕޯސްޓުގައި ބުނެފައިވަނީ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހު "ދަ ދީޕިކާ ޕަޑުކޯން ކްލޯސެޓް" މިވަނީ ލޯންޗުކޮށްފައެވެ. މި ކްލޯސެޓުން ބޭނުން ހެދުމެއް ގަތުމުގެ ފުރުސަތު އޮތްކަމަށާއި ހާއްސަކޮށް އޭނާގެ ބައެއް ފޭވަރިޓް ހެދުންތައް ހުރިކަންވެސް ހިއްސާކުރި ވީޑިއޯގައިވެއެވެ.

ބައެއް ފޭނުންނަށް މިކަން ސަޅިކަމަކަށްވިޔަސް ގިނަ ފޭނުން ވަނީ ދީޕިކާ މިހުޅުވާލި ފުރުސަތާ މެދު ހިތްހަމަނުޖެހުން ފާޅު ކުރަން ފަށާފައެވެ. އެގޮތުން ޓުވިޓަރުގައި ބައެއް މީހުން ބުނި ގޮތުގައި ދީޕިކާ ދެކެ ލޯބިވިޔަސް އޭނާ ގެންގުޅޭ ޕީއާރްމީހާ ވަޒީފާއިން ވަކި ކުރަން ޖެހޭ ކަމަށެވެ. އޭނާ ހުޅުވާލި ފުރުސަތާ ނަފުސާނީ ދުޅަހެޔޮކަމާ އެއްވެސް ގުޅުމެއް ނެތުމުން އެ ޕޯސްޓުގައި އެކަން ފާހަގަ ކުރަން ނުޖެހޭ ކަމަށް ވަނީ ބުނެފައެވެ.

ގިނަ ބަޔަކު އެކަމާ ގުޅިގެން ދީޕިކާއަށް ފާޑުކީ ނަމަވެސް ބައެއް ފަރާތްތަކުންވަނީ ދީޕިކާ ދިފާއު ކޮށްފައެވެ. އެގޮތުން އެންޖީއޯއެއްގެ ޑިރެކްޓަރު ކަމާއި އިސިޑޯރު ޕިލިޕްސް އަދި ޗައިލްޑް ރައިޓްސް އަށް މަސައްކަތް ކުރާ ފަރާތެއް ކަމަށްވާ ދިވްޔާ ދިޝާ ބުނި ގޮތުގައި ދީޕިކާގެ ޕޯސްޓުން ނަފުސާނީ ދުޅަހެޔޮކަމަށް ހޭޅުންތެރިވެގެންދާ ކަމަށެވެ. އަދި އޭގެ ސަބަބުން އެމަސައްކަތަށް އިތުރު ކުރިއެރުންވެސް ލިބޭނެކަމަށް ގަބޫލުކުރާކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ދީޕިކާގެ ކްލޯސެޓުން ގިނަ ބަޔަކު އަންނަނީ ތަކެތި ވެސް ގަންނަމުންނެވެ.