ފިލްމު މޭކަރު އަދި އެކްޓަރު ފަރްހާން އަޚްތަރުގެ ފިލްމު "ދަ ސްކައި އިސް ޕިންކް" ވަނީ މިދިޔަ ހުކުރު ދުވަހު ރިލީސކޮށްފައެވެ. ޕްރިޔަންކާ ޗޯޕްރާ އާއެކު ފަރްހާން ފެނިގެންދާ އެ ފިލްމަށް ހީކުރި ވަރަށް ތަރުހީބެއް އަދި ނުލިބެއެވެ.
ފަރްހާން މިވަގުތު އަންނަނީ އޭނާގެ ދެން ރިލީސްކުރާ ފިލްމު "ތޫފާން" ގެ ޝޫޓިންގައި ހަރަކާތްތެރިވަމުންނެވެ.
ބޮކްސާއެއްގެ ރޯލުން ފަރްހާން ފެނިގެންދާ މި ފިލްމުގެ ޝޫޓިން ތެރެއިން ފަރްހާނަށް އަނިޔާވެ، އަތުގައި ވަނީ ރެނދެއް ލައިފައެވެ. އަތުގެ އެކްސްރޭ ފަރްހާން ވަނީ އޭނާގެ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައެވެ.
ތޫފާން އަކީ ފިލްމު ޕްރޮޑިޔުސަރު ރާކޭޝް އޯމްޕްރަކާޝް މެހްރާ އާއެކު ފަރްހާންގެ ދެވަނަ ފިލްމެވެ. އެދެމީހުން އެކުގައި ހަރަކާތްތެރިވި ފިލްމު "ބާގް މިލްކާ ބާގް"އަށް ވަނީ އިންޑިއާގެ ގައުމީ އިނާމްވެސް ލިބިފައެވެ.
މި ފިލްމަށް ފަރްހާން އަންނަނީ ޕްރޮފެޝަނަލުންގެ ފަރާތުން ބޮކްސިން ދަސްކުރަމުންނެވެ. ފިލްމު ރިލީސްކުރަން ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ އޮކްޓޯބަރުގައެވެ.