ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން މިމަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖައްސާފައިވާ އިންޑިއާ އެކްސްޕޯގެ ކޯ ސްޕޮންސަރަކަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ، (އެސްއައިބީ) އިން ސޮއިކޮށްފި އެވެ.
އެސްއެމްއީ އެންޑް އޮންޓްރަޕްރެނިއަރ ފެޑެރޭޝަން އޮފް މޯލްޑިވްސް، ސެފްއެމްގެ ފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ މިފެއާގެ ކޯ ސްޕޮންސަރަކަށް އެސްއައިބީ އިން ސޮއިކޮށްފައިވަނީ މިއަދު އެކަމަށް ހާއްސަކޮށްގެން އުނިމާ ގްރޭންޑްގައި މިއަދު ބޭއްވި ހަފްލާއެއްގައެވެ. މި އެއްބަސް ވުމުގައި ސެފްއެމްގެ ފަރާތުން ކުންފުނީގެ ޕްރެސިޑެންޓް އަބްދުލް ލަތީފް ސޮއިކުރެއްވި އިރު އެސްބީއައިގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއެސްއޯ ދީރަޖް ގޯރް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސެފްއެމްގެ ޕްރެސިޑެންޓް އަބްދުލް ލަތީފް ވިދާޅުވީ ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީ އިން މި އެކްސްޕޯގައި ބައިވެރިވާ ކުންފުނިތަކާއެކު، ރާއްޖެއަށް މިހާރަށްވުރެ ގިނަ ޖޮއިންޓް ވެންޗާ ކުންފުނިތައް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގައި ބޭންކިންގް ގާނޫނެއް މިހާރު ނެތުމުން، ބޭންކިންގ ސެކްޓަރގެ ކުންފުނިތައް ރާއްޖެއަށް އައުމަށް މިހާރަށްވުރެ ފަހި ފުރުސަތުތަކެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްބީއައިގެ ސީއެސްއޯ ދީރަޖް ގޯރް ވިދާޅުވީ މި އެކްސްޕޯ އަކީ ސެފްއެމްގެ އިސްނެންގެވުމުން ކުރިއަށްގެންދާ ވަރަށް ރަނގަޅު މަސައްކަތެއްކަމަށެވެ.
އަދި މިއީ ދެގައުމުގެ ވިޔަފާރިތައް ގުޅިގެން، މިހާރަށް ވުރެ ދެގައުމުގެ އިގްތިސާދު ރަނގަޅު ކުރަން ލިބޭ ފުރުސަތެއްކަމަށް އޭނާ ވިދާޅުވިއެވެ.
މިމަހު 15 އިން 17 އަށް ބޭއްވުމަށް ހަމަޖައްސާފައިވާ މި ފެއާ ގައި އެސްބީއައިގެ އިތުރުން އިތުރު 14 ކުންފުންޏަކުން އެމީހުންގެ ވިޔަފާރީގެ ހިދުމަތްތަކާއި ތަކެއްތި ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
މި އެކްސްޕޯގެ އޮންލައިން ޕާޓްނަރަކީ ވަން އޮންލައިން އެވެ.