ގައުމީ އަރުޝީފު

ގައުމީ އަރުޝީފުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް ފަރެސް އާމިރު އައްޔަނު ކުރައްވައިފި

އާނިފާ ހުސެއިން ސިރާޖް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ގައުމީ އަރުޝީފުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް، ގދ. ފަރެސްމާތޮޑާ ހުސްނުހީނާގެ، މުހައްމަދު އާމިރު އަހްމަދު (ފަރެސް އާމިރު) އައްޔަނު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ގައުމީ އަރުޝީފުގެ ޑިރެޓަރު ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވާފައި މިވަނީ ދިވެހިރާއްޖޭގެ ގައުމީ އަރުޝީފުގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ށ) އިން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންކަމަށެވެ.

ގައުމީ އަރުޝީފުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވި މުހައްމަދު އާމިރަކީ ދިވެހިބަހުގެ ބެޗްލާސް ޑިގްރީ ހަސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން އާމިރަކީ މީޑިއާ އަދި ލިޔުންތެރިކަމުގެ ދާއިރާއާއި ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އާމިރު އެންމެފަހުން އަދާކުރައްވާފައި ވަނީ ސަންމީޑިއާ ގްރޫޕުގެ ޑިރެކްޓަރ އެޑްމިން އެންޑް އެޗްއާރުގެ މަގާމެވެ.

އާމިރަށް ވަނީ ދިވެހި އަދަބިއްޔާތަށް ހިދުމަތް ކުރުމުގެ ރޮނގުން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމުވެސް ލިބިވަޑައިގެންފަ އެވެ.