އިބްރާހިމް ޒަކީ
ވ. ފުލިދޫ ކުނި ކޮށީގެ މައްސަަލައިގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑޮކްޓަރ ހުސައިން ރަޝީދު ހަސަންއާ ސުވާލު ކުރަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
މަޖިލީހުގެ އެޖެންޑާގައި ވާގޮތުން ފުލިދޫ ކުނި ކޮށީގެ މައްސަަލައިގައި މިނިސްޓަރާ ސުވާލު ކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދެވެ.
ފަޒުލް މިނިސްޓަރާ ކުރެއްވުމަށް ހަމަޖެހިފައި ވަނީ ޕީއެސްއައިޕީގެ ޕްރޮޖެކްޓުގެ ގޮތުގައި، ވ. ފުލިދޫގެ ކުނިކޮށި މި އަހަރު ބަޖެޓު ކޮށްފައި ވާއިރު، އެ މަސައްކަތް ކޮންޓްރެކްޓުގެ އުސޫލުން ބަޔަކާ ހަވާލު ކުރެވޭނެ ތާރީހެއް އޮޅުން ފިލުވުމަށެވެ. މީގެ އިތުރުން ފުލިދޫގެ ކުނިކޮށީގެ މަސައްކަތް މި އަހަރު ތެރޭގައި ފެށޭނެތޯ އާއި ކުނިކޮށި ގާއިމު ކުރުމަށްޓަކައި މިހާރު ކޮށްފައިވާ މަސައްކަތްތަކާބެހޭގޮތުންވެސް ސުވާލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މާދަމާގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފައިވާ މުހިއްމު އިތުރު ކަންތައްތަކުގެ ތެރޭގައި ސައޫދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާސަފީރު މުހައްމަދު ހަލީލް، އޯގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ކޮމިޓީއަށް ފޮނުވުން ހިމެނެއެވެ.
އަދި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އައްޔަން ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާފޮނުއްވާފައިވާ ނަންތައް ދިރާސާ ކޮށް ގޮތެއް ނިންމުމަށް އެ މައްސަލަ ކޮމިޓީއަށް ފޮނުވުމަށްވެސް ވަނީ އެޖެނެޑާ ކޮށްފައެވެ.