ޝަހީދާ އަބްދުﷲ ސައީދު
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާރަށުގައި ހުންނަވާ ގެކޮޅުގެ ފޮޓޯތަކެއް މީސް މީޑިއާގައި އާންމު ކޮށްލި މައްސަލައިގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފަށް ރައްދު ދެއްވައިފި އެވެ.
މަހުލޫފުއަށް ރައްދު ދެއްވައި، މުއާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެތަން ވާނީ ސިފައިންގެ އިމާރާތަކަށް ކަމަށެވެ. އަދި ދެން ވަޑައިގަންނަވާ ރައީސަކަށް އެތަން ބޭނުން ނުކުރެއްވެނީތޯ މުއާޒު ސުވާލުކުރެއްވިއެވެ.
ރައީސް ޔާމީން ވަކިވެވަޑައިގަންނަވަނީ އެވިދާޅުވާ ''ގެކޮޅު'' ހިފައިގެން ނޫން ކަމަށް ކަމަށް މުއާޒުގެ ޓުވީޓުގައި ވެއެވެ. މީގެއިތުރުން މުއާޒުގެ ޓުވީޓުގައި ވަނީ އަދުގެ ޒުވާނުންނަށް ސިޔާސީ ވާހަކަތައް ކިޔައިދެއްވާއިރު، އެއަށްވުރެ ހޭލުންތެރިވާންޖެހޭ ކަމަށް ފާހަގަކޮށްފައެވެ.
މީގެއިތުރުން ގެކޮޅާއި ބެހޭ ގޮތުން މަހުލޫފު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވައި މުއާޒު ކުރެއްވި އިތުރު ޓުވީޓެއްގައި ވަނީ ރައީސް ޔާމީންގެ ސަރުކާރުން އެޅި ބުރިޖާއި، އެއާޕޯޓުން ކޮންމެ ބޭފުޅަކަށް ވެސް ދަތުރު ނުކުރެއްވެނީތޯ ސުވާލު ކުރައްވާފައެވެ. އަދި 25 ބުރީގެ އިމާރާތުން ރައްޔިތުންނަށް ޚިދުމަތް ނުލިބޭނެތޯ ވެސް ސުވާލުކުރައްވާފައި ވެއެވެ.
އަދި އެހުރިހާ ތަނެއް ގާއިމްކޮށްދެއްވީ ރައީސް ޔާމީން އެކަނި ބޭނުންފުޅުކުރައްވާތޯ ވެސް މުއާޒު ސުވާލު އުފެއްދެވިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު މީސް މީޑިއާގައި ފޮޓޯތައް ޓުވީޓު ކުރެއްވުމަށްފަހު ވިދާޅުވެފައިވަނީ ''ވަށައިގެން ސިފައިންނާއި ފުލުހުން އަތުރައިގެން، އަދި ކޯޓުތަކުން ހަރާމް ހުކުމްތައް ކުރުވައިގެން، ގަދަ ބާރުން މުޅި އުމުރަށް ވެރިކަމުގައި ހުރެވޭނެ ކަމަށް ޔަގީންކޮށް އާރަށުގައި ޔާމީން އަޅާފައިވާ ގަނޑުވަރެއް'' ކަމަށެވެ.
އާރަށުގައި ތިން ފަންގިފިލާއަށް އިމާރާތްކޮށްފައިވާ އެގެ މަހުލޫފު ސިފަކުރައްވާފައި ވަނީ ''ގަނޑުވަރެއްގެ'' ގޮތުގައެވެ.