ބައެއް ދިވެހިންނަށް ރަނގަޅު އެއްވެސް ގޮތެއް ނެތުމަކީ ދެރައެއް ކަމަށް ޔޫތު މިނިސްޓަރު އަހުމަދް މަހުލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ވެލްނެސް އެމްބެސަޑަރަކަށް މަޝްހޫރު ބޮލީވުޑް ތަރި ސުނިލް ޝެޓީ ހަމަޖެއްސުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މިނިސްޓަރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 200 މިލިއަން މީހުންނަށް ބޮޑު ފިޓްނެސް ޕްރޮގުރާމެއް ހިންގައި، އޭގެ ތަޖުރިބާގައި ދިވެހިންނާ ގުޅިގެން ހިލޭސާބަހަށް ކަމެއް ކޮށްދޭން އުޅުނަސް ވަނީ ގޯސް ކަމުގައެވެ.
ރާއްޖޭގެ ވެލްނެސް އެމްބެސަޑަރަކަށް ސުނިލްޝެޓީ ހަމަޖެއްސުމުން ރާއްޖޭގެ ޓޫރިޒަމްވެސް ހިލޭ ޕްރޮމޯޓް ވާނެކަން ފާހަގަކުރައްވައި މަހްލޫފް ވިދާޅުވީ އެހެންނަމަވެސް ބަައެއް ދިވެހިންނަށް ރަނގަޅު އެއްވެސް ގޮތެއް ނެތުމަކީ ދެރައެއް ކަމަށެވެ.
މިކަމަށް ރިއާޔަތްކޮށް، މަހްލޫފުގެ ޓުވީޓު ނިންމާލަމުން ބައެއް ދިވެހިންނަށް "ވެހުނަސް ގޯސް، އަވިދިނަސް ގޯސް" ކަމަށް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން އަޑުއިވިވަޑައިގެންފި ކަމަށާއި ފާޑުކިޔުން ބަލައިގަންނަ ކަމަށެވެ. އެގޮތުން ފާޑުކިޔުންތަކަށް ބަލައި މި އާދެވިފައިވާ ހިސާބުން ރަނގަޅުކުރެވެން ހުރި ކަންކަން އިސްލާހުކޮށްދެއްވާނެ ކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.
"ދިވެހިންނަށް މި ޕްރޮގުރާމުގައި ވީހާވެސް ބޮޑު ދައުރެއް އަދާކުރެވޭނެ ގޮތެއް އިރާދަކުރެއްވިއްޔާ ރާވާނަން" މަހްލޫފް ވިދާޅުވިއެވެ.
ރާއްޖޭގެ ވެލްނެސް އެމްބެސަޑަރަކަށް ވުމަށް ސުނިލް ޝެޓީއަށް ރާއްޖޭގެ ޔޫތު މިނިސްޓްރީން ދިން ދައުވަތު އޭނާ ގަބޫލުކޮށްފައިވާއިރު، ދިވެހިންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް އަށަގެންނެވުމުގެ ގޮތުން ރާއްޖޭގައި ''މިޝަން ފިޓް މޯލްޑިވްސް'' ހަރަކާތެއް ފެށުމަށް މިހާރު ވަނީ ނިންމާފައި ކަމަށް މިނިސްޓްރީން މައުލުމާތުދެއެވެ.
ސުނިލް ޝެޓީ މިހާރު ވެސް އަންނަނީ އިންޑިއާގައި ''މިޝަން ފިޓް އިންޑިއާ'' ހަރަކާތް ހިންގަމުންނެވެ. އަދި އެ ހަރަކާތުގެ ދަށުން މިހާތަނަށް 43 ސިޓީ އެއްގައި ފިޓްނަސް ފެސްޓިވަލްތައް ވަނީ ބާއްވާފައެވެ.