ބޮލީވުޑް

ޗެކް ބައުންސްވި މައްސަލައިގައި އަމީޝާ ހައްޔަރުކުރުމުގެ އަމުރު ނެރެފި

މަކަރާއި ހީލަތް ހެދިކަމުގެ ތުހުމަތާއި ޗެކް ބައުންސްވި މައްސަލައިގައި އިންޑިއާގެ ރާންޗީ ކޯޓުން ބަތަލާ އަމީޝާ ޕަޓޭލް ހައްޔަރު ކުރުމުގެ އަމުރު ނެރެފިއެވެ.

އިއްޔެ ނެރެފައިވާ މިއަމުރަށް ރާންޗީގެ ފުލުހުން މިހާރުވަނީ މުމްބާއީއަށް އަމީޝާ ހައްޔަރު ކުރުމަށް ދަތުރުފަށާފައެވެ.

މި މައްސަލައަކީ ޕްރޮޑިއުސަރު އަޖޭ ކުމާރު ސިންގް އޭނާ އަތުން އަމީޝާ ނަގާފައިވާ ފައިސާ އަނބުރާ ހޯދުމަށް ހުށަހެޅި މައްސަލައެކެވެ.

އަޖޭ ހުށަހެޅި މައްސަލައިގައި ބުނާ ގޮތުގައި އަމީޝާ އާއި އޭނާގެ ވިޔަފާރި ޕާޓްނަރު ކުނާލް ގްރޫމާ ވަނީ މަކަރާއި ހީލަތް ހަދައިފައެވެ. އޭނާ އަތުން 2.50 ކްރޯޑް ރުޕީސް އެމީހުންގެ ޕްރޮޑަކްޝަން ހައުސްއަށް އިންވެސްޓް ކުރުމަށް ނެގިގޮތަށް އަދިވެސް އަނބުރާ އެ ފައިސާ ދީފައިނުވާ ކަމަށް ވަނީ ބުނެފައެވެ. އެފައިސާ ނެގިއިރު ދެތިން މަސްތެރޭގައި އިންޓަރެސްޓް އަދި ފައިދާ ހިމަނާފައި އަނބުރާ ދޭނެކަމަށް ވައުދުވެފައިވާ ކަމަށް ވެސް އަޖޭ ހުށަހެޅި މައްސަލައިގައި ވެއެވެ.

މީގެ އިތުރުން ތިން ކްރޯޑްގެ ޗެކެއް ދީފައިވާ ކަމަށާއި ނަމަވެސް އެ ޗެކު ބައުންސް ވެފައިވާކަމަށް އަޖޭ ވަނީ ބުނެފައެވެ. ފައިސާ ހޯދަން ދިޔުމުން އަމީޝާގެ ޕާޓްނަރު ވަނީ އޭނާއަށް އަމީޝާ ބާރުގަދަ މީހުނާ އެކީ ހުރި ފޮޓޯ ތަކެއް ދައްކާފައި ކަމަށްވެސް ވަނީ ބުނެފައެވެ.

އަމީޝާ ހައްޔަރު ކުރުމުގެ އަމުރުނެރެފައިވަނީ އެތައް ފަހަރު މަތިން ކޯޓަށް ހާޒިރުވުމަށް ނޯޓިސް ފޮނުވުމުންވެސް އެއަށް އޭނާ އިޖާބަ ދީފައި ނުވާތީއެވެ.