ޕްރިޔަންކާ ޗޯޕްރާ އަދި ނިކް ޖޯނާސްގެ ކައިވެންޏަށް އެއްއަހަރު ފުރެން ގާތްވެފައިވާއިރު ދެބައިވެރިން ފެންނަ އިރު އަދިވެސް ހީވަނީ އަލަތު ލޯބިވެރިންހެންނެވެ.
ދެބައިވެރިންނަކީވެސް މީސްމީޑިގައި އެހާ އެކްޓިކް ދެމީހުންކަމުން، ގިނަ ޕޯސްޓުތައް އެކަކު އަނެކަކަށް އަމާޒުކޮށް އަބަދުހެން ހިއްސާކުރަމުންދެއެވެ.
މިދިޔަ ހުކުރު ދުވަހު ރިލީސްކުރި ޕްރިޔަންކާގެ ފިލްމު "ދަ ސްކައި އިސް ޕިންކް"ގެ ޕްރޮމޯޝަންގައި ޕްރިޔަންކާ އަވަދިނެތި އުޅެމުން އަންނަ އިރު އެކި އިންޓަވިއުތަކުގައި ޒާތީ ދިރިއުޅުމުގެ މައުލޫމާތުތައްވެސް އަންނަނީ ހިއްސާކުރަމުންނެވެ.
އެގޮތުން ކުރި އިންޓަވިއުއެއްގައި ޕްރިޔަންކާއަށް ވަނީ އުފާވެރި ކައިވެންޏެއްގެ ސިއްރަކީ ކޮބައިތޯ އާއި ކައިވެންޏެއް ދެމެހެއްޓުމަށް ދޭނެ ޓިޕަކީ ކޮބައިތޯ މި ސުވާލު އަމާޒުކޮށްފައެވެ. އެ ސުވާލަށް ޕްރިޔަންކާ ދިނީ ވަރަށް ކުރު ޖަވާބެކެވެ. އޭނާ ބުނި ގޮތުގައި ކައިވެނި ދެމެހެއްޓުމަށް ދެމީހުން ރުޅިއައިސްގެން ތިބެ ނުނިދުން މުހިންމު ކަމަށެވެ.
ޕްރިޔަންކާ އަދި ނިކް ދެމީހުންނަކީވެސް ދެ ކެރިއަރެއްގައި އެހާ އަވަދިނެތި އުޅޭ ދެތަރިން ނަމަވެސް ވަގުތު ހުސްކޮށް އެކަކު އަނެކެއްގެ ޕްރޮމޯ އިވެންޓްތަކުގައި ދެތަރިން ބައިވެރިވަމުން އަންނަކަން ފާހަގަވެފައިވެއެވެ. އެގޮތުން ޕްރިޔަންކާގެ އާ ފިލްމެއް ރިލީސްކުރާއިރު ނިކްގެ ކޮންސެޓްތަކުން ދެމީހުން އެކުގައި ފެނިގެންދެއެވެ. އެހެން ކަމުން ދެތަރިންވެސް ދެމީހުންގެ ކުރިއެރުމަށް ސަޕޯޓްކުރާކަން ވަނީ ފާހަގަވެފައެވެ.