ޓްރެފިކް ޕޮލިސް

ގަވައިދާ ހިލާފުވެގެން މިދިޔަ ހަފުތާތެރޭ 759 ވެހިކަލެއްގައި ސްޓިކާ ޖަހައިފި

މަރިޔަމް ޝަހުދާ

ގަވައިދާ ހިލާފުވުމުގެ ސަބަބުން މިދިޔަ ހަފުތާތެރޭ 759 ވެހިކަލެއްގައި ސްޓިކާ ޖަހައިފި ކަމަށް ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ފަހެއް އޮކްޓޫބަރުން ފެށިގެން 11 އޮކްޓޫބަރުގެ ނިޔަލަށް އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އުޅަނދުތަކުގައި ސްޓިކާ ޖަހައިގެން އެންމެ ފުރަތަމަ ސްޓިކާ ޖެހުމުން ދައްކަން ޖެހޭ 250 ރުފިޔާގެ މަގުން ޖޫރިމަނާގެ ގޮތުގައި 189,750 ރުފިޔާ ލިބޭނެއެވެ. މިއީ އޭގެ ކުރީ ހަފުތާއަށް ވުރެ 75,250‬ ރުފިޔާ ގިނަ އަދަދެކެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މުއްދަތުގައި ފުލުހުންވަނީ 144 އުޅަނދެއް ޓޯކޮށްފައެވެ. އަދި މި މުއްދަތުގައި ޖުމުލަ 1160 ވެހިކަލެއް ފުލުހުން ޗެކް ކުރިކަމަށާއި، އޭގެ ތެރެއިން 56 ވެހިކަލެއްގެ އިންޝުއަރެންސް އަދި ރޯޑް ވާދިނަސް ނެތް ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން ވެހިކަލް ޗެކް ކުރުމުގެ ތެރެއިން ލައިސެންސް ނެތް 130 މީހެއް އަދި އެވަގުތު އަތުގައި ލައިސެންސް ނެތް 63 މީހަކު ހިފަހައްޓަފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މުއްދަތުތެރޭ ޖުމުލަ 58 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި އެކްސިޑެންޓު ތަކުގައި 11 މީހަކު ޒަހަމް ވެފައިވާ ކަމަށާއި ބާރަށް ދުއްވައިގެން 14 މީހަކު ހިފެހެއްޓި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މި ހަފުތާގައި ފުލުހުން ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަންތަކުގައި ވެހިކަލް ދުއްވާ ބާރުމިން ބެލުމަށް ސްޕީޑް ގަން ބޭނުންކޮށްފައިވެއެވެ.