ރައްޔިތުންގެ މަޖިލިސް

ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތްކުރާ ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގައި ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތް ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަވާލު ކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (ޓޫފޯވަން ކޮމިޓީ) އާއެވެ.

އެހެންކަމުން އެ މަސައްކަތް ކުރިއަށް ގެންދަނީ ޓޫފޯވަން ކޮމިޓީގެ ސަބް ކޮމިޓީއަކުންނެވެ.

މިއަދު ކޮމިޓީގެ ބައްދަލުވުން ފެއްޓެވުމަށްފަހު އެ ކޮމިީޓީގެ މުގައްރިރު ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވީ ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދަނީ ޑްރާފްޓް ކޮށްފައިވާ ބިލެއްގައި ކަމާބެހޭ ފަރާތަކުން ހިމަނަންޖެހޭ ކަންކަމަކީ ކޮބައިތޯ ބަލައި އެކަންކަން ދެނެގަނެ ބިލުގައި ހިމެނުމަށް ކަމަށެވެ.

އެހެންކަމުން އެކަމަށްޓަަކައި ކޮމިޓީގެ ހެނދުނުގެ ބައްދަލުވުމަށް ގެންނެވި ފަރާތްތަކުން އެދި ވަޑައިގަންނަވާތީ ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރެއްވީ ކަމަށްވެސް ހަސަން ލަތީފު ވިދާޅުވިއެވެ.

ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުގެ ބިލްގެ މަަސައްކަތް ކުރިއަށް ގެންދިއުމަށް ކޮމެޓީގެ ހެނދުނުުގެ ބައްދަލުވުމަށް ހާޒިރުކޮށްފައިވަނީ، ހޯމް މިނިސްޓްރީ އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބޭފުޅުންނެވެ.

މިއަދު 11:00 އާއި 1:30 އާއި 2:45 ގައިވެސް މި ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދަން ވަނީ އެޖެންޑާ ކޮށްފައެވެ.

ކޮމިޓީގެ ބައްދަލުވުންތަކުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ ބޭފުޅުންނާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބޭފުޅުންނާ ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.