ގޭންގް ތަކާ ބައެއް ފަނޑިޔާރުންނާ އޮންނަ ގުޅުން ތަކަކީ ސިއްރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު މަހުލޫހް ވިދާޅުވެއްޖެއެވެ.
ޖުވެނައިލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ޒުވާނުންތަކެއް ނަގާފައިވާ ފޮޓޯތަކެއް މިއަދު ލީކް ވެފައިވާއިރު، މަހުލޫފު ކުރެއްވި ޓުއީޓުގައި ވިދާޅުވީ އެ ފޮޓޯތައް ފެނުމުން ހައިރާން ނުވާ ކަަމަށެވެ.
މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުގައި ފަނޑިޔާރުންގެ ބެންޗުގައި ތިބެ ފޮޓޯ ނަގާފައިވަނީ ތިން ޒުވާނެކެވެ. އެނގިފައިވާ ގޮތުގައި އެމީހުންނަކީ ކޯޓުގައި ހިނގަމުން އަންނަ ޝަރީއަތަކަށް ހެކިބަސް ދިނުމަށް ދިޔަ ބައެކެވެ. ފަނޑިޔާރުންގެ ބެންޗުގައި ތިބެ ފޮޓޯ ނެގިއިރު، ޝަރީއަތުގެ މަޖިލީހަށް ފޯނު ވެއްދުމަކީ މަނާ ކަމެކެވެ.
މަހުލޫފު އިތުރަށް ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ކުށްތަަކުން ޒުވާނުން ދުރުކުރުމަށް އެފަދަ ފަނޑިޔާރުން މަގާމުން ވަކި ކުރަންޖެހޭ ކަމަށެވެ.
ގޭންގް މާރާމާރީތައް ހުއްޓުވުމަށް އިންތިހާބީ ރައީސް އިބޫގެ ސަރުކާރުން ބޮޑު އިސްކަމެއް ދޭން ޖެހޭ ކަަމަށް ވެސް މަހުލޫފުގެ ޓުވީޓުގައި ވެއެވެ.