ޖަރުމަނު ލީގުގައި ވާދަވެރި ބަޔާން މިއުނިކްގެ މައްޗަށް ފަހަތުން އަރައި މުޙިއްމު މޮޅެއް ބޮރޫޝިއާ ޑޯޓްމަންޑުން ހޯދައިފިއެވެ.
ޑޯޓްމަންޑުގެ އަމިއްލަ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗު އެޓީމުން ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ.
މެޗުގެ 26 ވަނަ މިނެޓުގައި ބަޔާންގެ ރޮބަޓް ލެވަންޑޯސްކީ އެޓީމަށް ލީޑު ނަގައިދިނެވެ. ސާޖް ގްނޭބްރީ ނަގައިދިން ރީތި ހުރަސް ލެވަންޑޯސްކީ ވަނީ މުޅިން ހުސްކޮށްއަރާ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. ބަޔާންގެ މި ލަނޑާއެކު ޑޯޓްމަންޑުން ވަނީ ކުރިއަށް ޖެހި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން އެޓީމުގެ ކެޕްޓަން މާކޯ ރެއުސް އާއި މާރިއޯ ގޮޓްޒާގެ އިތުރުން ޒުވާން ކުޅުންތެރިޔާ ޖޭޑަން ސަންޗޯގެ ފަރާތުން ގިނަ އެޓޭކްތަކެއް ފެނިފައިވެއެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ މާގިނައިރެއްނުވެ، ބަޔާންގެ ކީޕަރު މެނުއެލް ނޯޔާ ޑޯޓްމަންޑުގެ ރެއުސް އަށް ކުރި ފައުލަކަށް ރެފްރީ ވަނީ ޕެނަލްޓީ ދީފައެވެ. މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން ރެއުސް ވަނީ ޑޯޓްމަންޑަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ނަމަވެސް، އޭގެ ތިން މިނެޓުފަހުން ލެވަންޑޯސްކީ ވަނީ ދެވަނަ ލަނޑެއް ކާމިޔާބުކޮށް ބަޔާންއަށް އަލުން ލީޑު ނަގައިދީފައެވެ. މި ލަނޑަކީ ވެސް އޭނާ މުޅިން ހުސްކޮށްހުރެ ބޮލުން ކާމިޔާބުކުރި ލަނޑެކެވެ.
ޑޯޓްމަންޑަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްދިނީވެސް ރެއުސް އެވެ. ލޫކަސް ޕިސްޗެކް ނަގައިދިން ހުރަސް އޭނާ ވަނީ އެއްފަހަރުން ޖަހާ ގޯލުގެ ދުރުކަނަށް އަމާޒުކޮށްލާފައެވެ. ރޭގެ މެޗުގައި ޑޯޓްމަންޑު މޮޅުވި ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޕަކޯ އަލްކަސާއެވެ. އެކްސެލް ވިޓްސެލް ދިން ރީތި ޕާހެއްގެ ބޭނުންހިފައި އަލްކަސާ ވަނީ ނޯޔާ ނިކުތް ވަގުތު ގޯލުގެ ތެރެއަށް ބޯޅަ ޗިޕުކޮށްލާފައެވެ.
ރޭގެ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޑޯޓްމަންޑް އެއް ވަނައިގައި އޮތީ 11 މެޗުން 27 ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތް ބޮރޫޝިއާ މޮންޗެންގްލަޑްބާގަށް 11 މެޗުން 23 ޕޮއިންޓް ވަނީ ލިބިފަ އެވެ. ބަޔާން މި ވަގުތު އޮތީ 11 މެޗުން ލިބުނު 20 ޕޮއިންޓާ އެކު ތިންވަނައި ގައެވެ.
އަދި މިއީ ބަޔާން އެންމެފަހުން ލީގުގައި ކުޅުނު ހަމެޗުގެ ތެރެއިން އެޓީމު ބަލިވި ތިންވަނަ މެޗެވެ. މި ބައްޔާއެކު އެޓީމުގެ ކޯޗު ނިކޯ ކޮވާޗްގެ މަޤާމު ގެެއްލިދާނެކަމުގެ ބިރުއެބައޮތެވެ.