މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ގެ މައްސަލަ ސަމާލުކަމަށް އައި އިރުވެސް، އެ ނެޓްވޯކުގެ ރައީސާ ޝަހިންދާ އިސްމާއީލް ރާއްޖޭގައި ނޫޅުއްވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އިން މިހެން ބުނީ، ތަހުގީގު މަރުހަލާ ކުރިޔަށް ދަނިކޮށް، ޝަހިންދާ ކުއްލި ގޮތަކަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފި ކަމަށް ބުނެ މީސްމީޑިއާގައި ވާހަކަތައް ފެތުރެމުންދާތީ، އެކަމާ ގުޅޭ ގޮތުން ނޫސްވެރީން ޕޮލިސް މީޑިއާގެ ގުރޫޕުގައި ސުވާލު ކުރަން ފެށުމުންނެވެ.
ޕޮލިސް މީޑިއާއިން އެހެން ވިދާޅުވުމުން ނޫސްވެރީން ވަނީ އިތުރު ސުވާލުތައް ވެސް ކޮށްފަ އެވެ. އެ ގޮތުން ޝަހިންދާ އުޅުއްވާ ތަނެއް ފުލުހުންނަށް އެނގިވަޑައިގަންނަވާތޯ އާއި ފުލުހުންގެ ތަހުގީގުގައި މިހާތަނަށް އައި އިރު ޝަހިންދާއާ ސުވާލުކުރުމަށް މަސައްކަތް ކުރައްވާފައި ވޭތޯ އާއި ޝަހިންދާ މި ތަހުގީގަށް އެއްބާރުލުން ދެއްވާތޯ ނޫސްވެރީން ވަނީ ސުވާލު ކޮށްފަ އެވެ. އެހެން ނަމަވެސް އެއިން ސުވާލަކަށް ފުލުހުންގެ މީޑިއާއިން ޖަވާބެއް ނުދެ އެވެ.
"ތަހުގީގު މަރުހަލާގެ ކަންކަން ހާމަ ނުކުރައްވާ ކަމަށް ވިދާޅުވެ މިކަންކަމަށް ޖަވާބެއް ނުދެއްވާ ނުހުންނަވާނެ ކަމަށް އުއްމީދުކުރަން" ކަމަށް ނޫސްވެރިޔަކު ވިދާޅުވުމުން ޕޮލިސް މީޑިއާއިން ޖަވާބުގައި ފޮނުވާފައި ވަނީ ސްމައިލިން ފޭސް އެކެވެ.