ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

މާރިޔާ ޔޫއޭއީއަށް ކުރެއްވި ދަތުރުގެ ބައްދަލުވުންތަކުގައި ދަރިކަލުން އަރިހުގައި ހުރުމުން ފާޑުކިޔުން

3

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދާދި ފަހުން ޔޫއޭއީއަށް ކުރެއްވި ދަތުރުގައި، އެގައުމުގެ ބޮޑުވަޒީރުގެ ނައިބު ސައިފު ބިން ޒައިދާ ބައްދަލުކުރެއްވި އިރު އަރިހުގައި ދަރިކަލުން އައްފާން ސައްތާރު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން އިންނެވުމުން ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

ފާޑުކިޔާ ބައެއް މީހުން ބުނެފައިވާ ގޮތުގައި، ޑިފެންސް މިނިސްޓަރުގެ ރަސްމީ ދަތުރެއްގައި ޖަލްސާތަކުގައި އެކަމަނާގެ ދަރިކަލުން ބައިވެރިވެވަޑައިގެންނެވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ވެސް ބަލަން ޖެހޭނެ އެވެ. މުއްސަނދި ފަރާތްތަކާ ބައްދަލުކުރައްވާ އިރު، އާއިލާގެ ބޭފުޅުން އެ ބައްދަލުވުންތަކުގައި ބައިވެރިކުރުވަނީ ވިޔަފާރީގެ ފުރުސަތުތައް އާއިލާއަށް ފަހިކޮށްދެއްވަންތޯ ވެސް ބައެއް މީހުން ވަނީ ސުވާލު އުފައްދައިފަ އެވެ.

"ޔޫއޭއީގެ ޑިފެންސް މިނިޓަރާ މާރިޔާ ބައްދަލުކުރައްވާ ރަސްމީ ބައްދަލުވުމުގައި ދަރިކަލުން އައްފާން މި ކުރައްވަނީ ކޮން ކަމެއްތޯ؟ އައްފާނަށް ސެކިއުރިޓީ ކްލިއަރެންސް އޮވޭތޯ؟ މި ދަތުރަށް ހަރަދުކުރީ ކާކުތޯ؟" އެހެން މީހަކު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވެ އެވެ.

މި ކަމާ ގުޅޭ ގޮތުން މާރިޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ދަތުރުގެ ދެކޮޅު ޓިކެޓް ހަރަދާއި ކެއުމާއި ހުރުން، މިއިން އެއްވެސް ކަމަކަށް ދައުލަތުގެ އެއްވެސް ފައިސާއެއް ހަރަދުކޮށްފައި ނުވާނެ ކަމަށެވެ. އަދި އާއިލާގެ މެންބަރަކަށް ވެސް ދައުލަތުން ހަރަދު ކޮށްފައި ނުވާނެ ކަމަށް މާރިޔާގެ ޓުވީޓުގައި ވިދާޅުވި އެވެ. މީގެ އިތުރުން މި ދަތުރުގެ ކަންކަން އިންތިޒާމު ކުރީ ވެސް ސަރުކާރުން ނޫން ކަމަށް މާރިޔާ ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟