ބޮލީވުޑް

ޗީފް މިނިސްޓަރުގެ ރިލީފް ފަންޑަށް، އަމީތާބް، 51 ލައްކަ ރުޕީސް ހަދިޔާކޮށްފި

އިންޑިއާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް އުފައްދާފައިވާ ޗީފް މިނިސްޓަރުގެ ރިލީފް ފަންޑަށް 51 ލައްކަ ރުޕީސް، މެގާ ސްޓާ އަމީތާބް ބަޗަން ހަދިޔާ ކޮށްފިއެވެ.

އަމީތާބް ވަނީ މި ހަދިޔާއާއެކު ޗީފް މިނިސްޓަރު ނިތިޝް ކުމާރަށް ސިޓީއެއްވެސް ފޮނުވާފައެވެ. ވިއްސާރައިގައި އެތައްބަޔަކު ހާލުގައި ޖެހިފައިވާތީ އަމީތާބުގެ ސިޓީގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އިންޑިއާއަށް ކުރަމުން ދާ ވިއްސާރައިގައި ޕަތުނާ، ކައިމުރް އަދި ބަގްލާޕޫރުގައި ވަނީ ފެންބޮޑުވެ ގޭގެއަށް ބޮޑެތި ގެއްލުން ލިބިފައެވެ.

އަމީތާބްގެ އިތުރުން ރިތިކް ރޯޝަން، އަބިމަންޔޫ ސިންގް، ސުޝާންތު ސިންގް ރާޖްޕުތު އަދި މަނޯޖް ބަޖްޕާއީވެސް ވަނީ މި ފަންޑަށް އެހީވެފައެވެ.

އެންމެ ފަހުން އަމީތާބް ފެނިގެންގޮސްފައިވަނީ ޗިރަންޖީގެ ފިލްމު "ސައޭ ރާ ނަރަސިމްހާ ރެޑީ" އިންނެވެ. ދެން އެންމެ އަވަހަށް ފެންނާނީ ރަންބީރު ކަޕޫރު އަދި އާލިޔާ ބަޓް އާއެކު ފިލްމު "ބްރާމަސްތުރާ" އިންނެވެ. އޭގެ ފަހުން "ޗެހެރޭ" އަދި "ގުލާބޯ ސިތާރޯ" އިންވެސް އަމީތާބް ފެނިގެންދާނެއެވެ.

މިއަދަކީ އަމީތާބްގެ އުފަންދުވަސްކަމުން ގިނަ ބަޔަކު އަންނަނީ އޭނާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަމުންނެވެ. ބޮލީވުޑްގައި އެންމެ ބޮޑު ކާމިތާބީތަކެއް އެންމެ ގިނަ ދުވަސްވަންދެން ހޯދާފައިވާ ތަރި އަމީތާބަށް މިއަދު ފުރުނީ 77 އަހަރެވެ.