ޝަހީދާ އަބްދުﷲ ސައީދު
ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން، އެ 12 މެންބަރުންނަށް ފާއިތުވެ ދިޔަ މަސްތަކުގެ މުސާރަ ގަނޑުކޮށް ދޭން ފަށައިފިއެވެ.
މެންބަރުންގެ މުސާރަ ދެމުން އަންނައިރު، ކޮމެޓީ އެލަވަންސްގެ ގޮތުގައި ދޭ 20،000 ރުފިޔާ ދީފައެއް ނުވެއެވެ. ކޮމެޓީ އެލަވަންސް ދެނީ ކޮމެޓީތަކުގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުންނަށެވެ. މަޖިލީހުގެ މެންބަރެއްގެ މުސާރައަކީ މަހަކު 62،500 ރުފިޔާއެވެ.
މުސާރަ ޖަމާވެފައިވާ ކަމަށް "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވި ބައެއް މެންބަރުން ވިދާޅުވި ނަމަވެސް އަނެއްބައި މެންބަރުން ވިދާޅުވީ ފާއިތުވި މަސްތަކުގެ މުސާރަ އެއްކޮށް ޖަމާވިކަން އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެހެން ކަމުން ހުރިހާ މަހެއްގެ މުސާރަ ހުރިހާ މެންބަރުންނަށް ލިބިވަޑައިގެންނެވިކަން ނުވަތަ ނޫންކަން ވަނީ އަދި ކަށަވަރުނުވެފަ އެވެ.
12 މެންބަރުންނަށް މިހާރު މުސާރަ ދެމުން އަންނަ އިރު، ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ބާރަ މެންބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމްއާއި، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންއާއި، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުއާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހުމަދު މަނިކުއާއި، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު އާއި، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީއާއި، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންއާއި، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުއާއި، ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އަދި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީއެވެ.
މި ބާރަ މެންބަރުންނަށް މުސާރަ ދެމުން އަންނައިރު، އެކި މެންބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް އީސީން ކަނޑައަޅާފައިވަނީ އެކި ތާރީޚުގައެވެ. ގިނަ މެންބަރުންނަށް މުސާރަ ނުލިބޭތާ 14 މަސްދުވަސް ވެއްޖެއެވެ.