އިބްރާހިމް ޒަކީ
ދައުލަތުގެ އާމްދަނީގެ 5 ޕަސަންޓަށްވާ އަދަދުގެ ފައިސާ ކައުންސިލްތަކަށް ދިނުމާއި ކައުންސިލްތަކުގެ އިހުތިސާސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުލީގެ 40 ޕަސަންޓަށްވާ އަދަދުގެ ފައިސާ، ފިސްކަލް ފޯމިއުލާއެއްގެ ދަށުން ހުރިހާ ކައުންސިލަކަށް ބެހިގެންދާ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން އެޓަނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން ރައީސް އޮފީހަަށް ފޮނުވައިފިއެވެ.
ކައުންސިލްތައް މާލީ ބާރުވެރި ކުރުވުމަށް މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދާ ބަހުސްގައި ވެސް ރަށްރަށުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަންތަނާއި އަތޮޅުތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަންތަނަށް ލިބޭ އާމްދަނީ ލިބެން ޖެހޭނީ އެ ތަންތަނަށް ކަމަށް މެންބަރުންވަނީ ވިދާޅުވެވައެވެ.
މާލޭގެ ބަނދަރުން ނަގާ ކުއްޔާއި ވެހިކަލްތަކުން ނަގާ ފީގެ އިތުރުން ގަވައިދާ ހިލާފަށް ޕާކު ކުރާ ވެހިކަލްތަކުގައި އިސްޓިކާ ޖަގައިގެން ލިބޭ ޖޫރިމަނާ ވެސް ދައުލަތުގެ ބަޖެޓަށް ވަންނައިރު، ރަށްރަށުން އެފަދަ ގޮތްގޮތަށް ނަގާ ފައިސާ ލިބެން ޖެހޭނީ ކައުންސިލްތަކަށް ވެސް މެންބަރުން ވިދާޅުވިއެވެ.
މެންބަރުން ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށްޓަަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ ހޯދަން މާލެ އައިސް މައި ސަރުކާރުގައި އެދެން ޖެހުމުން ބޮޑެތި ދަތިތައް ކުރިމަތިގެން ތަރައްގީގެ މަސައްކަތްތަް ލަސްވަމުންދާ ކަމަށެވެ.
ސަރުކާރުގެ ފަރާތުން ގާނޫނަށް އިސްލާހު ގެނަން ހުށަހަޅާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ކައުންސިލްތައް ބާރުވެރި ކުރުވުމަށެވެ. ހާއްސަ ގޮތެއްގައި މާލީ ގޮތުން ކައުންސިލްތައް ބާރުވެރި ކުރުވުމަށް ގާނޫނަށް އިސްލާހު ގެންނަ ބިލުގައި ގިނަ ކަންތައްތަކެއް ވަނީ ހިމަނައިފައެވެ.
އެގޮތުން އުންސިލްތަކުން ދޭ ހިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ނެގުމުގެ ބާރު ކައުންސިލްތަކަށް ދިނުމަށް ވެސް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
އަދި ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތްފަދަ އާންމު ހިދުމަތްތައް ކައުންސިލްތަކުން އަމިއްލައަށް ފޯރުކޮށްދިނުމާގުޅޭ އުސޫލުތަކާއި ތިންވަނަ ފަރާތެއް މެދުވެރިކޮށް އެ ހިދުމަތް ފޯރުކޮށްދޭނަމަ، އެ ކަމާބެހޭ އެއްބަސްވުމެއް އޮންނަންވާނެ ކަމަށް ކަނޑައެޅުމާއި، އެފަދަ ތިންވަނަ ފަރާތަކުން ހިދުމަތް ފޯރުކޮށްދޭ ހާލަތުގައި ވެސް، އެ ހިދުމަތަކާ ގުޅޭގޮތުން އާންމުންނަށް ދިމާވާ އެކިއެކި މައްސަލަތަކާ ގުޅޭގޮތުން ޖަވާބުދާރީވާންޖެހޭ ގޮތަށް ހަމަޖެއްސުމަށް ވެސް ބިލްގައިވަނީ ކަނޑައަޅައިފައެވެ.
ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ބޯޑުގައި ކައުންސިލަރުން ތަމްސީލުވާނެ ގޮތަށް ހަމަޖައްސައި، ބޯޑު އެކުލެވިގެންވާ ގޮތް ބަދަލުކުރަން ވެސް ބިލުގައި ހިމަނާފައިވާނެ ކަމަަށް އޭޖީ އޮފީހުން ބުންނެވެ. ނަމަވެސް ތަފްސީލެއް ނުދެއްވައެވެ.
އޭޖީ އޮފީހުން ބުނީ، ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުންނާއި ހިންގުމުގައި ނިންމާ މުހިންމު ނިންމުންތައް ނިންމުމުގައި ވީވަރަކުން ކައުންސިލުތަކުން ރަށެއްގެ ނުވަތަ ސިޓީއެއްގެ ރައްޔިތުންނާ މަޝްވަރާކުރަން ޖެހޭނެ ކަމަށް ބިލުގައި ކަނޑއަޅާފައިވާނެ ކަމަށް ވެސް އޭޖީ އޮފީހުން ބުނެއެވެ.