އިބްރާހިމް ޒަކީ
ކައުންސިލްތަކުގެ އުމުރު މިހާރު އޮތް ތިން އަހަރުން ފަސް އަހަރަށް ދިގުކޮށް، ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސް ރައްޔިތުންގެ ސީދާ ވޯޓުން ހޮވަން ޖެހޭގޮތަށް، ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލު އެކުލަވާލައި އެޓާނީ ޖެނެރަލް (އެޖީ)ގެ އޮފީހުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.
އޭޖީ އޮފީހުން މިއަދު ބުނީ، ގާނޫނު އަސާސީއަށް ސަރުކާރުން އިސްލާހު ގެންނަނީ، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ލޯކަލް ކައުންސިލުތައް ބާރުވެރި ކުރުވުމަށްޓަކައި ކަމަށެވެ.
ކައުންސިލްތައް ބާރުވެރި ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ފޮނުވާފައިވާ ބިލުގައި ކަނޑައަޅާފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި އަތޮޅު ކައުންސިލަށް ވަކިން މެންބަރުން އިންތިހާބުކުރާގޮތަށް މިހާރު އޮތްގޮތް ބަދަލު ކުރުން ހިމެނެއެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ފޮނުވާފައިވާބިލުގައިވާ ގޮތުން، އަތޮޅު ކައުންސިލުތަކުގެ މެންބަރުން ކަމުގައިވާނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސުން ކަމުގައި ވަނީ ކަނޑައަޅައިފައެވެ.
ބިލްގައި ބުނެފައިވަނީ، މިއީ ހުރިހާ ރަށެއް ފުރިހަމައަށް އަތޮޅު ކައުންސިލްގައި ތަމްސީލްކުރެވި ހުރިހާ ރަށެއްގެ ބައިވެރިވުން އޮންނަ ގޮތަށް އަތޮޅު ކައުންސިލްތައް އެކުލަވާލުމަށްޓަކައި ގެންނަ ބަދަލެއް ކަމަށެވެ. މީގެ އިތުރުން އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ ރައީސުންނާއި ނައިބުރައީސުން އިންތިހާބު ކުރާނީ، ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމުގައި ކަނޑައެޅުމަށް ބިލުގައި ވަނީ ހިމަނައިފައެވެ.
ގާނޫނުއަސާސީގެ އިތުރުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށްވެސް އޭޖީ އޮފީހުން މިއަދު ވަނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފައެވެ.
އޭޖީ އޮފީހުން ބުނީ، ގާނޫނުއަސާސީ އާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އިސްލާހު ކުރުމުގެ ބޭނުމަކީ، ލޯކަލް ކައުންސިލުތަކަށް ގާނޫނުން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވޭތުވެދިޔަ މުއްދަތުގައި އެ ކައުންސިލުތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިޔާދަކޮށްދިނުން ކަމަށެވެ. ހަމަ އެއާއެކު ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާއެކު ކައުންސިލުތަކުގެ ކަންކަން ހިންގުމަށް މަގުފަހިކޮށްދީ، ކައުންސިލްތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް، ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުން ކަމަށްވެސް ބުނެފައިވެއެވެ.
ކައުންސިލްތަކަށް އިތުރު ބާރުތައް ދިނުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދު ފުޅެކެވެ.