ޝަހީދާ އަބްދުﷲ ސައީދު
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުތައް، ރައްޔިތުންގެ މަޖިލީހުން ޑްރާފްޓް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައި ނުވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ.
''ވަން'' އަށް މައުލޫމާތު ދެއްވަމުން ހޫދު މިއަދު ވިދާޅުވީ ކުރިއެކޭ އެއް އުސޫލުން ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލުތަކަކީ ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުން ޑްރާފްޓްކުރާ ބިލުތަކެއް ކަމަށެވެ.
އެހެންކަމުން މަޖިލީހުން އެބިލުތައް ޑްރާފްކުރުމަށް ރައީސް އެދިވަޑައިގެންފައި ނުވާކަމަށެވެ. އަދި މަޖިލީހަށް ރައީސް ފޮނުއްވި ސިޓީފުޅުގައި އެދިވަޑައިގަތީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް ކަމަށް ހޫދު ވިދާޅުވިއެވެ.
ސަރުކާރުން 34 ބިލެއް މަޖިލީހަށް ފޮނުވާނެ ކަމަށް ރައީސް އޮފީހުން މަޖިލިހަށް ވަނީ އަންގާފައެވެ. ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ބިލުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް މަޖިލީހުގެ ކޮމެޓީތަކުން މިހާރު ދަނީ ކުރަމުންނެވެ.
މަޖިލީހުން ބިލުތައް ޑްރާފްޓް ކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ރޭގެ ވަގުތެއްގައި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވިދާޅުވީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ނަޒާހަތްތެރި ރައްޔިތުންގެ މަޖިލީހަކުން އެފުރުސަތު ސަރުކާރަށް ފަހިކޮށްދޭނެ ކަމަށެވެ.
ނަމަވެސް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ވެސް މަޖިލީހަށް ބިލްތައް ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދުގައި ލިޔެފައި ވަނީ، މަޖިލީހުގައި އަޣުލަބިއްޔަތު ނޯންނަ ރައީސުލްޖުމްހޫރިއްޔާ އަކު ހުންނަވާ ހާލަތުގައި ވެސް ގާނޫނު ހެދުމަށް ފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ. އަދި މަޖިލީހުގައި އަޣުލަބިއްޔަތު އޮންނަ ޕާޓީއެއްގެ ރައީސުލްޖުމްހޫރިއްޔާއެއް ހުންނަ ހާލަތުގައި ވެސް، ސަރުކާރުން މަޖިލީހަށް ބިލް ހުށަހަޅަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ މެދުވެރިކޮށް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މަޖިލީހުން ބިލްތައް ޑްރާފްޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ކޮމިޓީތަކަށް އަންގާފައިވާނެ ކަމަށާއި އެކަން ކުރިއަށް ދާނީ ސަރުކާރުގެ ކަމާ ގުޅުންހުރި ވަޒީރުންނާއި ބަންޑާރަނައިބުގެ ވެސް އެހީތެރިކަމާ އެކު، ކޮމެޓީގެ މަސައްކަތެއްގެ ގޮތުގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.