އިބްރާހިމް ޒަކީ
ގާނޫނު ހެދުމުގެ ހުރިހާ ބާރެއް ގާނޫނުއަސާސީން ލިބިދީފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި ބޭނުންވާ ބިލުތައް ތައްޔާރުކުރުމުގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތު އަށް ރައްދު ދެއްވައިފިއެވެ.
ސަރުކާރުުން މަޖިލީހުގެ މިދައުރަށް ހުށަހަޅަން ނިންމާފައިވާ ބިލްތަކާ އެއްފަދަ ބިލު ތަކެއް އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ނިންމައި، އެމްޑީޕީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މަޖިލީހުގެ ރައީސަަށް އެކަން އެންގެވުމާ ގުޅިގެން އެ ބިލުތައް ތައްޔާރު ކުރުމުގެ މަސައްކަތް މަޖިލިސް ރައީސް ވަނީ މަޖިލީހުގެ ކޮމިޓީތަކާ ހަވާލު ކުރައްވައިފައެވެ.
އެކަމާ ގުޅިގެން އެޓާނީ ޖެނެރަލް އެޓާނީޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އެތަންފީޒު ކުރާނެ ހަމަތައް ބަޔާންކުރާ އެއް ވަސީލަތް ކަމަށެވެ. އަދި ނަޒާހަތްތެރި މަޖިލީހަކުން އެފުރުސަތު ސަރުކާރަށް ފަހިކޮށްދޭނެ ކަމަށްވެސް އޭޖީ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، އެމަނިކުފާނު މަސައްކަތް ކުރިއަށް ގެންދަވަނީ ގާނޫނުއަސާސީގެ ރޫހާ އެއްގޮތަށް ކަންކަން ތަންފީޒު ކުރައްވަން ކަމަށާއި ގާނޫނު ހެދުމުގެ އެންމެހާ ކަންކަން ކުރުމުގެ ބާރަކީ ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށެވެ. އަދި މަޖިލީހުގެ މިހާރުގެ ގަވާއިދުގައި އޮންނަގޮތުން މަޖިލީހުގެ މެޖޯރިޓީ ޕާޓީއަށް ބިލު ހުށަހެޅޭނެ ކަމަށާއި، އެކަން އެގޮތަށް ގަވާއިދުގައި ހަމަޖެހިފައިވަނީ، ސަރުކާރު އެހެން ގޮތަކަށްއޮވެ ހުރަސް އެޅިޔަން މެޖޯރިޓީ ޕާޓީއަށް އެކަން ކުރެވޭގޮތަށް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، އެމްޑީޕީގެ ޕީޖީ ލީޑަރު ފޮނުއްވި ބިލުތައް ތައްޔާރު ކުރުމަށް މަޖިލީހުގެ ކޮމިޓީތަކާ ހަވާލުކޮށްފައިވާ ކަމަށާއި މަޖިލީހުގެ ކައުންސެލް ޖެނެރަލް އެކަން ކުރިއަށް ގެންދަވާ ކަމަށެވެ. އަދި ކޮމިޓީތަކުން ބިލްތަކުގެ މަސައްކަތް ކުރިއަށް ގެންދާނީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއެކީ ކަމަށާއި އެކަމުހައި އެޓާނީ ޖެނެރަލް އޮފީހާއި ސަރުކާރުގެ އޮފީސް ތަކާއި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކާއި ހިލޭސާބަހަށް މަަސައްކަތްކުރާ ޖަމްއިއްޔާތަކުގެ ހިޔާލާއި މަޝްވަރާ ހޯއްދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.