ރިޕޯޓް

ދިވެހި ޖުމްހޫރިއްޔާގެ ބާނީ މުހައްމަދު އަމީން ދީދީ

ޝަހީދާ އަބްދުﷲ ސައީދު

2

މިއަދަކީ ދިވެހި ރާއްޖޭގެ 50 ވަނަ ޖުމްހޫރީ ދުވަހެވެ. ރާއްޖޭގައި ޖުމްހޫރީ ދުވަހެއް ފާހަގަ ކުރަމުންދަނީ ރާއްޖޭގައި އޮތް ވިރާސީ ރަސްކަން އުވި، ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލު ކުރުމާއި ގުޅިގެންނެވެ.

ސުމުއްވުލް އަމީރު އަލްމަރުހޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސެވެ. އެމަނިކުފާނަކީ ދިވެހި ގައުމަށާއި، ދިވެހި ދައުލަތަށް އަގުހުރި އެތަކެއް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އަލްމަރުހޫމު މުހައްމަދު އަމީން ދީދީގެ ބައްޕާފުޅަކީ އިބްރާހީމް ދޮށިމޭނާ ކިލެގެފާނާއި، މަރިޔަމް ދީދީގެ ދަރިކަލުން އަހުމަދު ދޮށިމޭނާ ކިލެގެފާނެވެ. އަދި މަންމާފުޅަކީ ރޯނުގޭ އިބްރާހީމް ދީދީއާއި، ގަލޮޅުގޭ އާމިނާ ދީދީގެ ދަރިކަނބަލުން ރޯނުގޭ އައިސާ ދީދީއެވެ.

މުޙައްމަދު އަމީން އުފަންވެ ވަޑައިގަތީ 20 ޖުލައި 1910 ގައި ފުރަމާލޭގައެވެ. އެއީ ހިޖުރީގޮތުން 1328 ވަނަ އަހަރުގެ ރަޖަބު މަހުގެ 13 ވަނަ ދުވަހެވެ. އަދި އަވަހާރަވީ 19 ޖެނުއަރީ 1954 ވަނަ އަހަރު ވިހަމަނާފުށި، ނުވަތަ ކުރުނބާ މޯލްޑިވްސްގައެވެ. މުޙައްމަދު އަމީންއަކީ ދިވެހިންގެ ތެރެއިން ނުފެންނަ ފަދަ ލާމަސީލު މިސާލެއް ފަދަ ބޭފުޅެކެވެ. އެމަނިކުފާނަކީ އަދަބިއްޔާތަށާއި، ތާރީޚަށާއި، ގައުމީ ވިޔަފާރިއަށާއި، އަދި ޒަމާނުގެ އެކިއެކި ކުޅިވަރުތަކަށް، ވަރަށް މަތިވެރި ދަރަޖައަކަށް ފަރުވާ ބެހެއްޓެވި، ޢިލްމުވެރި ޢިލްމަށް ލޯބި ކުރެއްވި ޝަޚްޞިއްޔަތެއްވެސްމެއެވެ.

އަދި ވާހަކަ ދެއްކެވުމާއި، ލިޔުންތެރި ކަމުގައި އެފަދަ ކުޅަދާނަ ދިވެއްސަކު ނުފެންނަ ފަދަ މުގައްރިރެކެވެ. ކުޅަދާނަ ޝާޢިރެކެވެ. ދިވެހި ބަހުގެ އަދީބެކެވެ. އަދި ވަރަށް މަދުން ނޫނީ ނުފެންނަ ފަދަ ހިތްވަރުގަދަ ޒަޢީމެއްވެސްމެއެވެ. ދިވެހިރާއްޖޭގައި އުފެއްދި އެންމެ އަގުހުރި އަބްޠާލުންގެ ތެރެއިން އެއް ބަޠަލެވެ.

މުޙައްމަދު އަމީންގެ އިނގިރޭސި ބަހުގެ ފުރަތަމަ އެދުރަކީ ބައްޕާފުޅު އަޙުމަދު ދޮށިމޭނާ ކިލެގެފާނެވެ. އަދި ބުޗާގެ ކަޅުތުއްތުއަށް ފަހު ދެން މުޙައްމަދު އަމީންގެ އެދުރަކީ އައްޑޫ ހިތަދޫ އައްޝައިޚް ޙުސައިން ރަހާ އަލްއަޒްހަރީއެވެ. އޭގެ ފަހުން އައްޝައިޚް މަލިމް މޫސާ މާފަތް ކަލޭފާނުގެ އަރިހުންވެސް އުނގެނިވަޑައިގެންނެވިއެވެ. މުހައްމަދު އަމީން ރާއްޖެއިން ބޭރުން ތައުލީމު ހާސިލް ކުރެއްވީ ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ސެންޓް ޖޯސެފް ކޮލެޖުންނާއި، އިންޑިޔާގެ އަލީގަޅު ޔުނިވަސިޓީންނެވެ. އެތަނުން މެޓްރިކިއުލޭޝަން އިމްތިޙާނުން ފާސްވެ ވަޑައިގަތް ތަނުން، ދިވެހި ދައުލަތް ހިންގެވުމާއި ޙަވާލުވެ ހުންނެވި އަލް އަމީރު ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ލަފާފުޅުގެ މަތީން ކިޔަވާ ވިދާޅުވުން އެހިސާބުން ހުއްޓަވައިލައްވާ ރާއްޖެއަށް ވަޑައިގަތެވެ.

މުޙައްމަދު އަމީންއަކީ 1932 ވަނަ އަހަރު އެކުލަވާލި ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ ޑްރާފްޓް ކުރެއްވި ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މީގެއިތުރުން 1943 ވަނަ އަހަރު ދެވަނަ ބޮޑު ހަގުރާމަ ފެށުމާއެކު ތަދުމަޑުކަމެއް އައިސް، ދިވެހި ފަސްގަނޑުގައި ވެސް ސިޔާސީ އަރާރުންތަކާއި ކޯޅުންތައް އިތުރުވެގެން ދިޔައެވެ. އެހެންކަމުން ދިވެހި ގައުމު އޮތީ ގައުމު ހިންގާނޭ ސިޔާސީ ލީޑަރަކަށް ބޭނުންވެފައެވެ. ނާދީ ތަމައްދުން ގައި ބޭއްވުނު އެތަކެއް ބައްދަލުވުން ތަކަށްފަހު ރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީ ''ރައްޔިތުންގެ މުތަގައްދިމު ޕާޓީ'' އުފައްދަވައި، އެޕާޓީގެ އިސްކޮށް ތިއްބެވި މެންބަރުންގެ އިއްތިފާގުން މުޙައްމަދު އަމީން ދިވެހިރާއްޖޭގެ ވެރިކަމަށް އިސްވެ ވަޑައިގަތުމަށް ފާސް ކުރެވުނެވެ.

އެއަށްފަހު ކުރެވުނު ތަފާތު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ 1 ޖެނުއަރީ 1953 ގައި އިޢުލާން ކުރެވިގެން ދިޔައެވެ. އެހެންކަމުން ފުރަތަމަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސެއްގެ ގޮތުގައި މުޙައްމަދު އަމީން ރާއްޖޭގެ ރައީސް ކަމަށް އިސްކުރެވުނެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ރައީސެއްގެ ގޮތުން ރައީސްކަން 7 މަހާއި 26 ދުވަސް ވަންދެން މުޙައްމަދު އަމީން ކުރައްވާފައިވެއެވެ. އޭރު މުޙައްމަދު އަމީންގެ ނާއިބު ރައީސެއްގެ ގޮތުން ހުންނެވީ ވެލާނާގެ އިބްރާހީމް ދީދީއެވެ. ސިޔާސީ ގޮތުން މުޙައްމަދު އަމީން ކުރެއްވި މުހިއްމު ކަންތައްތަކުގެ ތެރޭގައި އިގިރޭސި ދައުލަތާއި ދިވެހި ދައުލަތާއި ދެމެދުގައިވާ އެއްބަސްވުން އާކުރެއްވިއެެވެ.

އަދި އުތުރުގައި އުފެދުނު ވަރަށް ވަރުގަދަ ހަމަނުޖެހުމެއް ސުލްހަ ކުރައްވައި، އައްޑު އަތޮޅުގައި އުފެދުނު ފިތުނަވެރިކަމެއް ވެސް ޞުލްޙަ ކުރެއްވިއެވެ. މީގެއިތުރުން 23 އޭޕްރީލް 1948 ގައި އި.ގިރޭސި ދައުލަތާއި ދިވެހި ދައުލަތާއި ދެމެދު ވެވިފައިވާ އެއްބަސްވުމަށް އިސްލާހު ގެނެސް، އެއްބަސްވުމުގައި އަލުން 1 ޖެނުއަރީ 1953 ގައި ސޮއިކުރެވިގެން ދިޔައެވެ. މިއީ ފުރަތަމަ ޖުމުހޫރިއްޔާ އިއުލާން ކުރެވުނު ދުވަސްވެސްމެއެވެ.

ތާރީޚުގެ ފަތްފުށްތަކުން ފެންނަން އޮތް ގޮތުގައި މުޙައްމަދު އަމީންގެ ވެރިކަން ނިމުމުގެ ސަބަބެއްކަމަށް ބުނެވެނީ ވެރިކަމުގެ އެންމެ އެތެރޭގައި އުފެދުނު ނޭއްގާނީ ކަމާއި، ހިތް ނުބައިކަމާއި، އަދި ވެރިކަމުގެ ފަހުކޮޅު މުޙައްމަދު އަމީނަށް ދެ ފަހަރެއްގެ މަތިން ޖެހިވަޑައިގަތް އާލާސްކަންފުޅެއްގެ ތެރޭގައި ދިވެހި ދައުލަތް ހިންގަން ނުކުޅެދުންތެރިވުމެވެ. މުޙައްމަދު އަމީންގެ ވެރިކަން ނިމުމަކަށް އައުމަށް ދިމާވި ސަބަބުތަކެއް ކަމަށް ބުނެވެނީ އޭރު ފާސްކުރެއްވި ބައެއް ގާނޫނުތަކާއި ގުޅިގެން ކަންހިނގަމުންދިޔަ ގޮތައް ބަލާއިރު، އެކަމަށް ރާއްޖޭގެ ރައްޔިތުން ތަރުޙީބު ދިނުމުގެ ބަދަލުގައި ހިތް ނުބައިވެގެން ދިއުމެވެ. އަދި ދެވަނަ ބޮޑު ހަނގުރާމަ އާއި ގުޅިގެން ކުރިމަތިވި ބޮޑު ތަދާއި ދަތިކަން ހިމެނޭ އިރު އިގްތިޞާދީ މައްސަލަތައް ވެސް ހިމެނިގެން ދިއުމެވެ.

އަދި ވެރިކަން ބަދަލުވުމުގެ ޚާއްސަ ބައެއް ސަބަބުތަކުގެ ތެރޭގައި ވެރިކަމުގެ އެތެރޭގައި އެކަކު އަނެކަކާ ދެމެދު ހިތް ނުބައިވުމާއި، ވަކި ދަރިކޮޅަކަށް ނިސްބަތް ވެވޭގޮތަށްތިބި، ޒުވާނުންގެ ބަޔަކާއި، ވެރިކަމާ ދެމެދު އޮތް ވިސްނުން ނުބައިވުމާއެކު ހިތުގައި ނަފުރަތު އުފެދުން ހިމެނެއެވެ. ކޮންމެ އަކަސް ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާ ނިމިގެންދިޔައީ ރާއްޖޭގެ ސިޔާސީ ޙަޔާތުން އެފަދަ ކުލަތަކެއް ދުވަހެއްގައި ވެސް ފެނުމަށް ނޭދޭ ފަދަ ދެރަ ގޮތަކަށެވެ. 21 އޮގަސްޓް 1953 ވީ ހުކުރު ދުވަހު މާލޭގެ ގުޅަކުޅޭ ފަސްގަނޑަށް ރައްޔިތުން އެއްވެ ހަމަނުޖެހުން އުފެއްދިއެވެ. މުޙައްމަދު އަމީން ދޫނިދޫގައި ބަންދުކުރެއްވީ ސްރީލަންކާގެ ކޮޅުބުގައި ހުންނަވާފައި މާލެ ވަޑައިގަތުމުން، އޭނާ ވެރިކަމުން ވަކިކުރުމަށް ރައްޔިތުން ގެނައި އިންގިލާބަކާ ގުޅިގެންނެވެ.

އަދި މާލެއަތޮޅު ދޫނިދޫގައި މުހައްމަދު އަމީން ހުންނަވަނިކޮށް ރޭވުނު ސިއްރު ރޭވުން ތަކެއްގެ މަތިން 31 ޑިސެމްބަރ 1953 ވީ ބުރާސްފަތި ވިލޭރޭގެ މެންދަމު މުޙައްމަދު އަމީން މާލެ ގެންނެވިއެވެ. މުޙައްމަދު އަމީން މިދުނިޔެ ދޫކުރެއްވީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ދިވެހިންނަށް ކުރިމަތިވި އެންމެ ބޮޑު ތަދުމަޑުކަމުގެ ތެރޭގައި ސިޔާސީ މަސްރަޙްގައި ތިބި އަމިއްލަ އެދުމުން ފުރިގެންވާ ބައެއްގެ ކެހިވެރި ބަޔަކު ހިންގި ނުރައްކާތެރި ރޭވުމެއްގެ ތެރެއިން އެމަނިކުފާނުގެ ހަށިކޮޅަށް ދެވުނު ވަރަށް ބޮޑެތި އަނިޔާތަކެއްގެ ސަބަބުން ކަމަށް ތާރީޚުގައި ލިޔެފައި ވެއެވެ.

މުޙައްމަދު އަމީނަކީ ދިވެހިންގެ ތެރެއިން ބަޔަކު ނިކުމެ އަވަހާރަކޮށްލި ރައީސެކެވެ. ފާމުދޭރިގޭ އިބްރާހީމް ޙިލްމީ ދީދީގެ ރޭއްވުމުގެ މަތިން މުޙައްމަދު އަމީން މާލެ ގެންނަވައި 21 އޮގަސްޓް 1953 ވީ ހުކުރު ދުވަހު ގުޅަކުޅޭ ފަސްގަނޑުގައި ހިންގި ހަމަ ނުޖެހުމުގައި މުޙައްމަދު އަމީންގެ ހަށިކޮޅަށް ބޮޑެތި އަނިޔާތައް ދިންކަން ޝަރީޢަތަށް ސާބިތުވެފައިވެއެވެ. އަދި މުޙައްމަދު އަމީން އަވަހާރަވީ އެރޭ ހިނގި ކަންތައްތަކަށްފަހު މާލެ އަތޮޅު ގާފަރަށް އަރުވާލައްވާފައި ހުންނަވަނިކޮށް، ޙާލު ބޮޑުވެގެން ވިހަމަނާ ފުއްޓަށް ގެންނެވުނު ފަހުންނެވެ. މުޙައްމަދު އަމީން އަވަހާރަވީ މީލާދީން 19 ޖެނުއަރީ 1954 އަހަރުއެވެ. އަދި ހިޖުރައިން 13 ޖުމާދަލްއޫލާ 1373 ގައެވެ. މުޙައްމަދު އަމީން ފަސްދާނު ލެވިފައިވަނީ ކ. ވިހަމަނާފުށީ، އެއީ މިހާރުގެ (ކުރުނބާ ވިލެޖް ޓޫރިސްޓް ރިސޯޓް) އެވެ.

މުހައްމަދު އަމީނަކީ ގައުމަށް ގުނާ އަދަދު ނުކުރެވޭހާ ގިނަ ޚިދުމަތްތައް ކުރެއްވި ބޭފުޅެކެވެ. އެގޮތުން މުޙައްމަދު ޝަމްސުއްދީންގެ ރަސްކަމުގައި، ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ ހެދި މަޖުލީހުގައި ގާނޫނު އަސާސީ ޑްރާފްޓްކުރި ކޮމެޓީގެ މެންބަރުކަމާއި، ރަދުންގެ ކާތިބުއްސިއްރުގެ ނާއިބު ކަމާއި، ކަސްޓަމާއި ޕޯސްޓް އޮފީހުގެ ނާއިބުކަން ހިމެނެއެވެ. އަދި ދިވެހިރާއްޖޭގައި ފުރަތަމަ އުފެދުނު ގާނޫނީ ސަރުކާރުގައި މުޙައްމަދު އަމީން ހިމެނިވަޑައިގަތީ އެސަރުކާރުގެ ވަޒީރުއްތިޖާރާ ކަމާއި، މިދެންނެވި މަގާމްގެ އިތުރަށް އޭނާ ފުރުއްވި ވަޒީފާތަކުގެ ތެރޭގައި ވަޒީރުލް މަޢާރިފްކަން، މަޙްކަމަތުލް އަޝްޣާލްގެ ވެރިކަން، ކާތިބުއްސިއްރުކަން، ކަސްޓަމާއި ޕޯސްޓްގެ ވެރިކަން، ރައްޔިތުން މަޖުލީހުގެ މެންބަރުކަމާއި ޒަޢީމްކަމާއި، ވަޒީރުލް ޚާރިޖިއްޔާކަމާއި، ވަޒީރުއް ދާޚިލިއްޔާކަމާއި، މަޙްކަމަތުލް އަމަން ޢާންމުގެ ވެރިކަމުގެ އިތުރުން ސިފައިންގެ ވެރިޔާކަމާއި، ވަޒީރުލް އަޢުޒަމްކަން ހިމެނެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ރައީސުލް ޖުމުހޫރިއްޔާގެ ޝަރަފުވެސް ލިބިވަޑައިގެންފައިވަނީ މުހައްމަދު އަމީންއަށެވެ. މުހައްމަދު އަމީނަށް ކިލެގެކަން ލިބިވަޑައިގަތީ ހިޖުރައިން 19 ޖުމާދިލްއާޚިރާ 1367 ގައެވެ.

އަދާކުރެއްވި ދައުލަތުގެ ވަޒީފާތަކުގެ ތެރޭގައި ހަނގުރާމައިގެ ދުވަސްވަރު ރާއްޖެއަށް އަދާކުރެއްވި ޚިދުމަތްތަކާއި، ތަޢުލީމަށާއި، ދިވެހި ތާރީޚަށާއި، ދިވެހި ބަހަށް އަދާކުރެއްވި ޚިދުމަތްތަކަކީ ދިވެހި ތާރީޚްގައި ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްފައިވާ ޚިދުމަތްތަކެވެ. އަދި ގާނޫނީ ހުކޫމަތުގެ ދަށުން ދިވެހި ސަރުކާރު ހިންގަވަން ފެއްޓެވުމާއި، ތަޢުލީމް މުޅިރާއްޖެއަށް ޢާންމު ކުރެއްވުމާއި، ދުނިޔޭގެ ތަހުޒީބުގެ ތެރެއަށް ދިވެހިރާއްޖެ ނެރުއްވައި، ދިވެހި ބަހާއި އަދަބަށް އައު ދިރުމެއް ގެނެސްދެއްވައި، ބައިނަލް އަޤުވާމީ ދުނިޔެއަށް ދިވެހިރާއްޖެ ނެރެދެއްވިއެވެ. ގައުމީ ވިޔަފާރި ދިވެހިންގެ އަތްމައްޗަށް ގެންނެވުން ފަދަ މުހިއްމު ކަންތައްތައް މުހައްމަދު އަމީންގެ ޚިދުމަތް ތަކުގެ ތެރޭގައި ފާހަގަކޮށްލެވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟