ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދީނީ އިލްމުވެރިންނާ ބައްދަލުކުރެއްވީ މަޖުބޫރުވެގެން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުފައިވަނީ މަޖުބޫރުވެގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދީނީ އިލްމުވެރިންނާ ބައްދަލުކުރައްވައި އެމްޑީއެން އުވާލާނެ ކަމަށް ވިދާޅުވިޔަސް ނުފުދޭ ކަމަށާއި ގާނޫނު އަސާސީން ރައީސުލް ޖުމްހުރިއްޔާއަށް މަތިކުރާ މައްސޫލިއްޔަތު އަދާކުރެއްވުނު ކަމަށް ވާނީ އެފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވައިގެން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އިއްޔެ ރާއްޖޭގެ ދީނީ އިލްމުވެރިންނާ ބައްދަލު ކުރައްވައިފައެވެ. ނަމަވެސް އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކަކީ މީޑިއާގައި ހިއްސާ ކުރާ ވާހަކަތަކެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.
ޝިޔާމުގެ ޓުވީޓުގައި ސަރުކާރުގެ މަގާމުތަކުގައި ތިބި އެމްޑީއެންގެ މެންބަރުން މަގާމުތަކުން ވަކި ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އޭނާ ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރު ކޮށްލައިފައިވާކަން ފާހަގަކުރައްވާފައިވެއެވެ.
ރައީސް ސޯލިހު ދީނީ އިލްމުވެރިންނާ ބައްދަލު ކުރައްވާފައި މިވަނީ ރާއްޖޭގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް(އެމްޑީއެން)އިން ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނަށާއި، ކީރިތި ރަސޫލާ (ސ.އ.ވ)އަށް ފުރައްސާރަ ކުރި ކަމުގެ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ